ޚަބަރު

ހަފްތާ ބަންދުގައި އެންމެ ބޮޑަށް މޫސުން ގޯސްވާނީ އުތުރާއި މެދުރާއްޖެ ތެރެއަށް


  • ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސްވާނެ

  • ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މުހިންމު

ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ލަފާކުރެވޭތީ ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް އެއިދާރާއިން ވަނީ ލަފާކުރައްވާފައެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް ހަފްތާއި ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާކުރާނެކަމަށެވެ. މޫސުން އެންމެ ބޮޑަށް ގޯސްވާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެ ތެރެއަށްކަމަަށްވެސް މޫސުމާބެހޭ އިދާރައިން ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، ހުރިހާ ހިސާބަކަށްވެސް ވައި ބާރުވާނެ ކަމަށްވެސް އެ އިދާރައިން ވިދާޅުވިއެވެ. ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 10 ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް 18 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން ވަނީ މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރުކުރާ ފަރާއްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.