ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް ބޭރުކުރުމާއި ގުޅޭ އެއްބަސްވުމެއްގައި މިފްކޯއާއި އިނގިރޭސިވިލާތުގެ ޕްރިންސަސް ގްރޫޕާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 
މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް ފަރުހަތު ޝަހީރުއެވެ. ޕްރިންސަސް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ގްރޫޕްގެ ޗީފް ޕަރޗޭސިންގ އޮފިސަރ ނީލް ބޮހަނަމްއެވެ. 
މިފްކޯއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މިފްކޯއާއި ޕްރިންސަސް ގްރޫޕާ ދެމެދު ދިގުމުއްދަތަކަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަށްގެންދާނެކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ ވަކި މިންގަނޑަކަށް، ފިނުކުރި ކަނޑު މަހާއި ފެލިވަރުގައި ބަންދުކުރާ ދަޅުމަހުގެ ބާވަތްތައް އެ ކުންފުނިން ގަންނާނެކަމަށްވެސް މިފްކޯއިން ވިދާޅުވެއެވެ. މީގެއިތުުރުން މަސް ގަތުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށާއި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށްވެސް މި އެއްބަސްވުމުގެ ދަށުން މަގުފަހިވެެގެންދާނޭކަމަށް މިފްކޯއިން ވިދާޅުވެއެވެ. 
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވާ ބޭރުގެ މާކެޓްތަކަށް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގަނޑުކުރި މަހާއި ދަޅުގައި ބަންދުކުރި މަސް މިހާރުވެސް ގިނަ އަދަދަކަށް ބޭރުގެ ޤައުމުތަކަށް އަންނަނީ އެކްސްޕޯޓްކުރަމުންނެވެ. 
މި މަސައްކަތް ކުރިއަށްދާއިރު، ރާއްޖޭގައި މަހުން އުފައްދާ ބާވަތްތަކުގެ މިންވަރު 3 ގުނަ އިތުރުކުރުމަކީ ސަރުކާރުގެ ޢަމާޒެވެ. އެ އަމާޒަށް ވާސިލުވުމަށް ރާއްޖޭގައި މަސް ބަންދުކުރާ ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، އަދި އުފައްދާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.