ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. މިއަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 13:15 އިން ފެށިގެން މިރޭ 19:00 އަށެވެ.
މެޓް އޮފީހުން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި މިސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert white for heavy rain and thunderstorms. https://t.co/uoW8e7oQsA
— Maldives Meteorology (@MetMaldives) October 14, 2026
ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުމް ކުރިޔަށް ލަފާކުރާ ގޮތަށް ބަލާލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއޮފީހުން ވިދާޅުވެއެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާލާއިރު، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައި ކަމަށްވެސް މެޓު އޮފީހުން މައުލޫމާތުދެއްވައެވެ.