ޚަބަރު

ބީޗް ހޭންޑްބޯޅަ ޓީމު އެކުލަވާލުމަށް ކުޅުދުއްފުށީގައިވެސް ޓްރައިއައުޓްސްތަކެއް ބާއްވަނީ


ގައުމީ ބީޗް ހޭންޑްބޯޅަ ޓީމު އެކުލަވާލުމަށް މިމަހުގެ 20 ން 22 އަށް ހދ. ކުޅުދުއްފުށި ސިޓީގައި ޓްރައިއައުޓްސްތަކެއް ބާއްވަން ނިންމައިފިއެވެ.

މިއީ ސެޕްޓެމްބަރު 18 ން 22 އަށް ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމާފަައިވާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތަށް ޓީމު އެކުލަވާލުމަށް ބާއްވާ ޓްރައިއައުޓްސްތަކެކެވެ.
ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ހުޅުމާލޭގައިވެސް އަންނާނީ ޓްރައިއައުޓްސްތަކެއް ބާއްވަމުންނެވެ. ހުޅުމާލޭގައި ބާއްވާ ޓްރައިއައުޓްސްތައް ކުރިޔަށް ދަނީ މިމަހުގެ 16 ން 18 އަށް ކޮންމެ ދުވަހަކު ހަވީރު 16:00-18:00 އަށް ހުޅުމާލޭ ސެންޓްރަލްޕާކްގައި އޮންނަ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.

ކުޅުދުއްފުށީގައި ޓްރައިއައުޓްސްތައް ބާއްވާނީ ހަވީރު 16:00-18:00 އަށް ކުޅުދުއްފުށި ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގްވާމީ ބީޗް ހޭންޑްބޯޅަ މުބާރާތަށް ފެންވަރު ރަނގަޅު ޓީމެއް އެކުލަވާލާ ފަރިތަކުރުންތައް ކުރިޔަށް ގެންދާނީ ޕާކިސްތާނުގެ ތަޖުރިބާކާރު ކޯޗުގެ އާސިމް ރާޝިދުގެ އިރުޝާދުގެ ދަށުންނެވެ.

މި ޓްރައިއައުޓްތަކަށްފަހު އެކުލަވާލާ ޓީމުން ކޮމަންވެލްތް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށްފަހު ދެން ތައްޔާރުވާނީ އަންނަ އަހަރުގެ ޖެނުއަރީގައި ޕާކިސްތާނުގައި ބޭއްވުމަށް ނިންމާފައިވާ އޭޝިއަން ގޭމްސްއަށެވެ.

ކުޅުދުއްފުށީގައި ބާއްވާ ކޮމަންވެލްތް ހޭންޑްބޯޅަ މުބާރާތުގައި އެފްރިކާގެ 4 ގައުމާއި އޭޝިއާގެ 4 ގައުމު ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ކުރިޔަށްދާނީ ކުޅުދުއްފުށީގައި ތަރައްޤީކޮށްފައިވާ ބައިނަލްއަގްވާމީ ފެންވަރުގެ ހޭންޑް ބޯޅަ ކޯޓުގައެވެ.

ރާއްޖޭގައި ބައިނަލްއަގްވާމީ މިފަދަ މުބާރާތެއް ބޭއްވުމަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ވަަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. މި މުބާރާތް ބޭއްވުމަށް ކުޅިވަރު ވުޒާރާއާއި ކުޅުދުއްފުށި ސިޓީ ކައުންސިލުން އަންނަނީ ހޭންޑްބޯލް މޯލްޑިވްސްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.