އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ފަށައިފިއެވެ. މިއީ މާލެ ފިވައި ރާއްޖޭގެ އެހެން ރަށެއްގައި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ފެށި ފުރަތަމަ ހޮސްޕިޓަލެވެ.
ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނުވަތަ މެޑިކަލް އިންޓާންޝިޕް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.
ސަރުކާރުގެ ހޮސްޕިޓަލުތަކުގެ ތެރެއިން މިހާތަނަށް މި ފުރުޞަތު ދަރުމަވަންތަ ހޮސްޕިޓަލްގައި ފަހިކޮށްދިންނަމަވެސް، ސަރުކާރުން މިހާރު ވަނީ އެ ފުރުޞަތު ރާއްޖޭގައި ދެވޭނެ ހޮސްޕިޓަލްތައް ކަނޑައަޅާފައެވެ. އެގޮތުން އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފެށި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ އަތޮޅު ތެރޭގައި ފެށި މިކަހަލަ ފުރަތަމަ ޕްރޮގްރާމެވެ.
ޑޮކްޓަރުކަން ކިޔަވައިގެން އަންނަ މީހުން ދާއިމީ ޚިދުމަތަށް ނިކުތުމުގެ ކުރިން 1 އަހަރު ދުވަހުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމެއް ފުރިހަމަކުރަންޖެހެއެވެ. ނަމަވެސް މިހާތަނަށް އިންޓަރންޝިޕް ހެދުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.
މާލެ ސަރަހައްދުން އައިޖީއެމްއެޗާއި އޭޑީކޭ އިން މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށާފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މިހާރު މި ޕްރޮގްރާމް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.