ޚަބަރު

މިނިވަންދުވަހަށް ޚާއްސަކޮށްގެން "މިނިވަން އައްޑަނަ"ގެ ނަމުގައި ޓީވީއެމުން ޑޮކިއުމެންޓްރީއެއް


  • ދިފާއީ ބާރުގެ މަސައްކަތްތަކާއި ސިފައިންގެ ދިގު ތާރީޚު މިޑޮކިއުމެންޓްރީން ދައްކުވައިދޭނެ

  • މިޑޮކިއުމަންޓްރީ ދެއްކުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުގެ މެންދުރު 14:30ގައި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ޕީއެސްއެމްގެ އެކި ޗެނަލްތަކުން ދަނީ ތަފާތު އެކި ޕްރޮގްރާމްތައް ތައްޔާރު ކުރަމުންނެވެ. މީގެތެރޭގައި ޑޮކިމެންޓްރީތަކާއި ތަފާތު އެކި ޕްރޮގްރާމްތައް ހިމެނެއެވެ.

މިނިވަން ދުވަހަށް ޚާއްސަކޮށްގެން ޓީވީއެމުން ދަނީ ދިފާއީ ބާރުގެ މަސައްކަތްތަކާއި ސިފައިންގެ ދިގު ތާރީޚު ދައްކުވައިދޭ ޑޮކިއުމެންޓްރީއެއް ތައްޔާރު ކުރަމުންނެވެ.

"މިނިވަން އައްޑަނަ" މިޑޮކިއުމެންޓްރީގައި ދައްކުވައިދޭނީ ސިފައިން ކުރާ ބުރަ މަސައްކަތާއި ގައުމަށް ދިމާވާ އެކިއެކި ކާރިސާތަކުގައި އެންމެ އިސް ސަފުގައި ރެޔާއި ދުވާލު އަވީގަޔާއި ވިއްސާރައިގައި ޤައުމައްޓަަކައި ސިފައިން ވަމުންދާ ޤުރުބާނީއެވެ.

ޤައުމަށް ކުރިމަތިވާ ކޮންމެ ކާރިސާ އެއް، ކޮންމެ ލޮޅުމަކުން ޤައުމު ސަލާމަތްކުރުމަށް ގޮވާލާ ކޮންމެ ޤައުމީ ގޮވާލުމަކަށް ވަޠަނަށް އިޖާބަ ދެނީ ނުހަނު ލޯތްބާއި އެކުގައިކަން މިޑޮކިއުމެންޓްރީން ދައްކުވައިދޭނެއެވެ. އަދި މިޑޮކިއުމެންޓްރީގައި ސިފައިން ބޭނުންކުރާ އެންމެ ފަހު އާލާތްތަކާއި މީގެ ކުރިން ނުފެންނަ އެތައް މަންޒަރުތަކެއް ފެނިގެންދާނެކަމަށް ޓީވީއެމުން ވިދާޅުވިއެވެ.

މިޑޮކިއުމެންޓްރީގެ ޝޫޓިން ފަށާފައިވަނީ ޖުލައި 1ގައެވެ. ޑޮކިއުމެންޓްރީގައި ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ޖޫން މަހުން ފެށިގެން ކުރިއަށްދާއިރު މިހާރުވެސް މީގެ ޝޫޓިންތައް ދަނީ ކުރިއަށެވެ. އެމްއެންޑީއެފްގެ އެކި ކޯތައް މިޑޮކިއުމެންޓްރީގައި ފެނިގެންދާއިރު ތަފާތު އެކި ސަރަހައްދުގައި ވަނީ ޝޫޓިންތައް ކުރިއަށް ގެންގޮސްފައެވެ.

މިނިވަން އައްޑަނަ ޑޮކިއުމެންޓްރީގެ ޓްރެއިލާރ މިހާރު ވަނީ އާންމުންނަށް ދޫކޮށްލާފައެވެ. މި ޑޮކިއުމެންޓްރީ ދެއްކުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުގެ މެންދުރު 14:30ގައެވެ.