ޚަބަރު

ކުޅުދުއްފުށި ސިޓީ ކައުންސިލުގެ "ކުންބުޓި ޕޯޓަލް" ޓެސްޓުކުރަން ހުޅުވާލައިފި


  • ކުންބުޓި ޕޯޓަލް މެދުވެރިކޮށް މިވަގުތު އެދިލެއްވޭނެ 7 ޚިދުމަތްތަކަށް

  • ކުރިއަށް އޮތްތަނުގައި މި ޕޯޓަލް މެދުވެރިކޮށް މި އިދާރާއިން ފޯރުކޮށްދޭ 33 ހިދުމަތަކަށް އެދިލެއްވޭނެ

ކުޅުދުއްފުށި ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފަސޭހަކަމާއި އެދެވޭގޮތަށް ހަދާފައިވާ ޕޯޓަލް، "ކުންބުޓި" ޓެސްޓުކުރަން ހުޅުވާލައިފިއެވެ. މި ޕޯޓަލް ރައްޔިތުންނަށް ހުޅުވާލާފައި ވަނީ 7 ޚިދުމަތަކާއި އެކުގައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ މިއީ ސްމާޓް ކައުންސިލް ސިޔާސަތު ގެދަށުން ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި، ޒަމާނީކޮށް ރައްޔިތުންނާގާތަށް ޚިދުމަތްތައް ގެނައުމަށް ހިންގޭ މުހިންމު މަޝްރޫއެކެވެ. އަދި ހަމައެއާއެކު މި މަސައްކަތުގެ ތެރެއިން ކަރުދާސް މަދުކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދެވިގެންދާނެކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.

ކުންބުޓި ޕޯޓަލްއާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އާދަމް ވިދާޅުވީ، މީގެ ކުރިން ޚިދުމަތެއް ބޭނުންނަމަ ނުވަތަ މަސައްކަތެއްކުރުމަށް ހުއްދައެއް ބޭނުންނަމަ އެކަމަށް ޚާއްސަ ފޯމެއް ފުރައިގެން އައިސް ކައުންސިލް އިދާރާއަށް ހުށައަޅަން ޖެހޭކަމަށެވެ. އަދި އެ ފޯމް ޕްރޮސެސްކޮށް ގިނަ ވަގުތުތަކެއް ނަގާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ތައާރަފް ކުރެވުނު ކުންބުޓި ޕޮޓަލްއާއެކު ކޮންމެ ރައްޔިތަކަށްވެސް ކޮންމެތާކު ހުރެގެންވެސް ބޭނުންވާ ހުއްދައަކަށް އެދެވޭނެކަމަށެވެ. އަދި ކައުންސިލް އިދާރާއާއަށް އަންނަންޖެހޭ އައުން ނިމުމަކަށް އަންނާނެކަމަށް އަބްދުﷲ އާދަމް ވިދާޅުވިއެވެ.

"އަސްލު ވަރަށް ފަސޭހަވެގެންދާނެ ހުރިޔާ ރައްޔިތުންނަށް ކޮންމެ ތާކު ހުރެގެންވެސް ހުއްދައަށް އެދިލެވޭނެ. ކޮންމެހެން އަންނާކަށް ނުޖެހޭނެ ކައުންސިލްއަކަށް. ހަމަ ހުއްދައަށް އެދިލީމައި އެކަން ޕްރޮސެސްވެގެން ދާނެ" އަބްދުﷲ އާދަމް ވިދާޅުވިއެވެ.

ކުންބުޓި ޕޯޓަލް މެދުވެރިކޮށް މިވަގުތު އެދިލެއްވޭނެ 7 ހިދުމަތްތަކުގެ ތެރޭގައި ބަނދަރު ބޭނުންކުރުމުގެ ހުއްދަ، މަގު ބަންދުކުރުމުގެ ހުއްދަ، އުޅަނދުފަހަރު އެހެލުމުގެ ހުއްދަ އަދި އުޅަނދުފަހަރު ބޭލުމުގެ ހުއްދަ ހިމެނެއެވެ. މީގެ އިތުރުން އާންމު ތަންތަނުގައި އިވެންޓުތައް ބޭއްވުމުގެ ހުއްދަ، އާންމު ތަންތަނުގައި ތަކެތި ބެހެއްޓުމުގެ ހުއްދަ، އަދި އާންމު ތަންތަން ކޮނުމުގެ ހުއްދައަށް އެދެވޭނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ ކުރިއަށް އޮތްތަނުގައި މި ޕޯޓަލް މެދުވެރިކޮށް މި އިދާރާއިން ފޯރުކޮށްދޭ 33 ޚިދުމަތަކަށް އެދިލެއްވޭނެކަމަށެވެ. މީގެ ތެރޭގައި އުޅަނދުފަހަރުގެ އެކި ބޭނުންތަކާއި، އާންމު ސަރަހައްދުތައް، އާބާދީ، ގޯތިގެދޮރު، އިމާރާތްކުރުން، އިޖުތިމާއީ އަދި މާލިއްޔަތާއި ގުޅޭ އެކި ހިދުމަތްތައް ހިމެނެއެވެ. ޓެސްޓުކުރުމުގެ މަރުހަލާގައި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން މި ޕޯޓަލް އިތުރައް ތަރައްގީކޮށް ފުރިހަމަ ޕޯޓަލްއަކަށް ހެދިގެން ދާނެކަމަށް ކުޅުދުއްދުށީ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.