ޚަބަރު

މިނިވަން ދިވެހިރާއްޖެ ޑޮކިއުމެންޓްރީ: މިނިވަންކަމުގެ ދަތުރުގައި ހިނގާދިޔަ މުހިންމު ޙާދިސާތަކެއް ތިލަކޮށްދޭނެ


  • އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާންޖެހުނު ސަބަބުތައް ތަފްޞީލުކޮށްދޭނެ

  • ދިވެހިން މިނިވަންކަން ހޯދުމަށް ކުރި ދަތުރުގައި ތާރީޚީގޮތުން ފާހަގަކޮށްލެވޭ ކަންކަން ގެނެސްދެވޭނެ

  • މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި މާލަން 60 އަހަރަށްފަހު މިހާރު އޮތްގޮތް މަންޒަރާއެކު

ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް "މިނިވަން ދިވެހިރާއްޖެ" މި ނަމުގައި ޚާއްސަ ޑޮކިއުމެންޓްރީއެއް ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން ދަނީ ތައްޔާރުވަމުންނެވެ.

މި ޑޮކިއުމެންޓްރީއަކީ ދިވެހިން މިނިވަންކަމަށް ކުރި ދަތުރުގެ މުހިންމު ހަނދާންތަކަކާއި، އެ ދުވަސްވަރު ހިނގާދިޔަ މުހިންމު ޙާދިސާތަކުގެ މައްޗަށް ބިނާކޮށް ޢިލްމީ އަދި ތާރީޚީ ނަޒަރަކުން މުހިންމު ވާހަކަތަކަކާއި މަޢުލޫމާތުތަކެއް ހިމަނައިގެން ގެނެސްދެވޭ ޑޮކިއުމެންޓްރީއެކެވެ.

މި ޑޮކިއުމެންޓްރީގައި ދިވެހިން އިނގިރޭސީންގެ ހިމާޔަތުން ވީއްލި، ފުރިހަމަ މިނިވަން ޤައުމަކަށްވުމަށް ރާއްޖޭން ކުރި ދަތުރުގެ މުހިންމު ހަނދާންތަކަކާއި ވާހަކަތައް ވަރަށް ތަފްޞީލުކޮށް ގެނެސްދެވޭނެއެވެ. އެގޮތުން 1887 ވަނަ އަހަރު ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދާންޖެހުނު ސަބަބުތަކާއި، އޭރު ދިވެހިންގެ ދިރިއުޅުމުގެ ޙާލަތާއި، ތާރީޚީގޮތުން އެނގެންހުރި މުހިންމު ކަންކަމުގެ މައްޗަށް މި ޑޮކިއުމެންޓްރީގައި ބަލާލެވޭނެއެވެ.

ހަމައެހެންމެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި 70 އެތައް އަހަރެއް އޮތުމަށްފަހު، ފުރިހަމަ މިނިވަން މުސްތަޤިއްލު ޤައުމަކަށްވުމުގެ ރޫހު ދިވެހިންގެ ތެރޭގައި އުފެދިގެން އައިގޮތާއި، މި މިނިވަންކަން ހޯދައިދިނުމުގައި އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި ހަރަކާތްތެރިވި އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަދާކުރެއްވި މުހިންމު ދައުރުގެ މަޢުލޫމާތުތައް ވަރަށް ތަފްޞީލީގޮތެއްގައި މި ޑޮކިއުމެންޓްރީގައި ގެނެސްދެވޭނެއެވެ.


މި ޑޮކިއުމެންޓްރީގެ އެންމެ ޚާއްސަ އެއްކަމަކީ، އިނގިރޭސީންގެ ޙިމާޔަތުން ނެއްޓި ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ކަނޑައެޅުނު އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚީ ތަންކަމަށްވާ އަވަށްޓެރި ލަންކާގެ ކޮލަމްބޯގައި ހިނގާދިޔަ ބައެއް މުހިންމު ކަންކަންވެސް ގެނެސްދެވޭކަމެވެ.

މިގޮތުން މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީޚީ މާލަން 60 އަހަރަށްފަހު މިހާރު ހުރިގޮތުގެ މަންޒަރުތަކާއި އެތަނުގެ މަޢުލޫމާތުތައްވެސް މި ޑޮކިއުމެންޓްރީގައި ގެނެސްދެވޭނެއެވެ.



މިނިވަންކަން ލިބުމަށްފަހު ރާއްޖޭން ރަސްމީކޮށް ޚާރިޖީގޮތުން އެންމެ ފުރަތަމަ ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި ލަންކާވެސް ހިމެނޭއިރު، މިއަރަހަކީ ރާއްޖޭގެ މިނިވަންކަމުގެ އިތުރުން، ރާއްޖެއާއި ލަންކާގެ ޚާރިޖީގުޅުމަށްވެސް 60 އަހަރު ފުރޭ އަހަރެވެ. އެހެންކަމުން ލަންކާއާއި ދިވެހިންގެ މެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށްވެސް މި ޑޮކިއުމެންޓްރީގައި ބަލާލެވިގެންދާނެއެވެ. މީގެ ތެރޭގައި މިހާރުގެ ޖީލަށް ބައެއް އާންމު ނޫން މަޢުލޫމާތުތައްވެސް ހިމެނެއެވެ.

މިކަންކަން މި ޑޮކިއުމެންޓްރީގައި ގެނެސްދެވިގެންދާނީ ޕީއެސްއެމްގެ ކްރޫ ސީދާ ލަންކާއަށް ގޮސްގެން ނަގާފައިވާ މަންޒަރުތަކާއި، އެއްކޮށްފައިވާ މަޢުލޫމާތުތަކާއި، ތާރީޚު ދިރާސާކުރައްވާ ތަޖުރިބާކާރު ބޭބޭފުޅުންގެ ޚާއްސަ ބަސްދީގަތުންތަކާވެސް އެކުގައެވެ.

މިއަހަރުގެ މިނިވަން ދުވަހަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ މި ޚާއްސަ ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއި، ޚާރިޖީ ވުޒާރާ އަދި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ފަރާތުން ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ވަނީ ލިބިފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްޓީމުން ތައްޔާރުކޮށް ގެނެސްދޭ މި ޑޮކިއުމެންޓްރީގެ އެންމެ ބޮޑު ބޭނުމަކީ ފުރިހަމަ މިނިވަންކަން ހޯދުމަށް ދިވެހިން ކުރި ދަތުރު ހަނދާނާއި ތާރީޚަށްޓަކާ ރައްކާކޮށް، މިހާރުގެ ޖީލަށް މިކަންކަމުގެ މަޢުލޫމާތު ޢިލްމީ އަދި ތާރީޚީ ނަޒަރަކުން ވީހާވެސް ފުރިހަމަކޮށް ގެނެސްދިނުމެވެ.