މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން، ބޮޑެތި ބަދަލުތަކާއެކު އެކުންފުނީގެ އެޕް އަލުން އިފްތިތާހްކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީން ވިދާޅުވީ، މި އެޕަށް ބަދަލުތައް ގެނެސްފައިވަނީ އެ ކުންފުނީގެ ޚިދުމަތްތައް ލިބިގަތުން ފަސޭހަ ކޮށްދީ އަވަސް ކޮށްދިނުމަށް ކަމަށެވެ.
ގިނަ ބަދަލުތަކާއެކު "މައި އެމްޑަބްލިއުއެސްސީ" އެޕް އިފްތިތާހްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދާއި، ޗެއަރޕާރސަން ޝަމްޙޫޒާ އަޙުމަދެވެ. މިރަސްމިއްޔާތުގައި އެމްޑަބްލިއުއެސްއީގެ ބޯޑު މެމްބަރުންގެ އިތުރުން އެކުންފުނީގެ މުވައްޒަފުންވެސް ބައިވެރިވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، އެ ކުންފުނީގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން، ވީހާވެސް ލުއިފަސޭހަ ކަމާއެކު ޚިދުމަތްތައް ލިބޭނޭ އިންތިޒާމްތައް ހަމަޖައްސައިދިނުން ކަމަށެވެ.
ގިނަ ޚިދުމަތްތަކާއެކު ކުންފުނީގެ އެޕް އަލުން ޢާންމު ކުރުމަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ކަސްޓަމަރުންނަށް ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މަތީން ވިދާޅުވިއެވެ. އަދި އެޕްލިކޭޝަނަށް މިގެނެވުނު ބަދަލަކީ "މޯލްޑިވްސް 2.0" ގެ ދަށުން ކުންފުނިން ކުރިޔަށްގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބައެއް ކަމަށް މަތީން ފާހަގަކުރެއްވިއެވެ.
މަތީން ވިދާޅުވީ، "މައި އެމްޑަބްލިއުއެސްސީ" އެޕަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، އޮންލައިންކޮށް އެޕްލިކޭޝަން ފުރުމަށްފަހު ހުށައެޅުމާއި، ހުށައަޅާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ އަދާހަމަތައް ފަސޭހަކަމާއެކު ބަލާލެވުން ހިމެނޭކަމަށެވެ. އަދި މި އެޕްގެ ޚިދުމަތް ލިބޭނީ އީ-ފާސް ނިޒާމު ބޭނުންކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.
"މި އެޕް މެދުވެރިކޮށް، ކަސްޓަމަރުން ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގެ މަޢުލޫމާތު ބަލާލެވޭނެ. އެއް އެކައުންޓެއް މެދުވެރިކޮށް އެއް ބިލަށްވުރެ ގިނަ ބިލުތަކަށް އެއްފަހަރާ ފައިސާ ދެއްކުމުގެ މަގުވެސް ފަހިވެގެންދާނެ. އަދި ސްމާޓް މީޓަރު ހަރުކޮށްފައިވާ ގޭބިސީތަކުގެ ކަސްޓަމަރުންނަށް ވަކިވަކި މީޓަރުތަކުން ފެން ބޭނުން ކުރެވިފައިވާ މިންވަރުގެ ތަފުސީލާއި، ފެން މީޓަރުގެ ރީޑިންގެ އިތުރުން ފެން ބިލުތަކުގެ ތަފުސީލުތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެ. މި އެޕުން ކަސްޓަމަރުންނަށް އަވަހަށް ޚިދުމަތް ލިބިގެންދާނެ." އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވިއެވެ.
އެކުންފުނީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް ކުރި އެރުވުމާއެކު، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށް މަތީން ފާހަގަކުރެއްވިއެވެ.
1995ވަނަ އަހަރު އެފުދުނު އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މައި ކުންފުންޏެވެ. މާލެ ސަރަހައްދުގެ އިތުރަށް 3 ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ކުންފުނިން ފޯރުކޮށްދޭއިރު، އެއް ރަށަކަށް ކަރަންޓުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ. އެގޮތުން ގާތްގަނޑަކަށް 200،000 މީހުންގެ އާބާދީއަކަށް އެމްޑަބްލިޔުއެސްސީން އަންނަނީ ޚިދުމަތްދެމުންނެވެ.
ކުންފުނި އުފެދިގެން އައީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ނަމަވެސް، މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެކުންފުންޏަކީ، އިންޖިނިއަރިންގ، ޓްރޭޑިންގ އަދި މެނިފެކްޗަރިންގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ޤާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް މިއަދު އެމްޑަބްލިއުއެސްސީން އަންނަނީ ކުރަމުންނެވެ.