ދިވެހިރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި ޗައިނާގެ ފުޖިއާން ޕްރޮވިންސާއެކު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި ޗައިނާގެ ވައިސް ގަވަރުނަރު އޮފް ފުޖިއާން ޕްރޮވިންސް ވެއި ޝިއައޮކުއި އެވެ.
މިއަދު ބާސެލޯ ނަސަންދުރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުޖިއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ވިދާޅުވީ ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އިތުރުން މީހުން ބިނާކުރުމުގައިވެސް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ވަނީ ޗައިނާގެ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ވެދޭ އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އިތުރުން ޗައިނާގެ އެހީތެރިކަމާއެކު ވޮލީ ބޯޅަ ކޯޗުން ތަމްރީނުކޮށްދެއްވާފައިވާ ކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ބާސްކެޓް ކޯޗުންނާއި ކުޅުންތެރިން ތަމްރީނުކުރުމާއި ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް ޗައިނާ ސަރުކާރުން ދެއްވާފައިވާ ފުރުސަތަތުތައް ފާހަގަ ކުރައްވާ މިނިސްޓަރ ވަނީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ކުޅީވަރު ސާމާނުގެ ތެރޭގައި ޓޭބަލްޓެނިސް މޭޒާއި ޖޯޒީ އާއި އަދިވެސް އެހެނިހެން ސާމާނު ހިމެނެއެވެ. މިއަހަރުގެ ކުރީކޮޅުވެސް ފުޖިއާން ޕްރޮވިންސުން ވަނީ ރާއްޖެއަށް ބައެއް ސާނާމު ހަދިޔާކޮށްފައެވެ. އެފަހަރު ހަދިޔާކުރީ އެތްލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފުޓްބޯޅަ އާއި ގުޅުންހުރި ސާމާނެވެ. އޭގެތެރެއިން ބައެއް ތަކެތި މިހާރު ބޭނުން ކުރަމުން އަންނަނީ ރަށްރަށުގައެވެ.
މިއަހަރުގެ ކުރީކޮޅު ކުޅިވަރު ވަޒީރު ރާފިއު ވަނީ ފުޖިއާން ޕްރޮވިންސަށް ވަޑައިގެން އެތަނުގެ ގަވަރުނަރާއިވެސް ބައްދަލުކުރައްވާފައެވެ. އެ ދަތުރުފުޅުގައި ވަޒީރު ވަނީ ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން މަތީފަންތީގެ ކާމިޔާބީތައް ހޯދުމަށް ޗައިނާގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭ ގޮތުން ފުޖިއާން ޕްރޮވިންސްގެ ގަވަރުނަރާއެކު މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖޭގައި ގާއިމުކުރާ ކުޅިވަރު ފެސިލިޓީތަކަށް ބޭނުންވާ އިކުއިޕްމެންޓް ހޯދުމާއި، މީހުން ބިނާ ކުރުމުގައި ދިވެހިރާއްޖެއަށް ޗައިނާ ސަރުކާރުން އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން އެ ދަތުރުގައި ފުޖިއާން ޕްރޮވިންސްގެ ގަވަރުނަރުވެސް ވަނީ ދެއްވާފައެވެ.
ރާއްޖެ އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ސްޕޯޓްސް ބިއުރޯއާއި ދެމެދު މިއަހަރުގެ ފެބުރުއަރީމަހު ވަނީ ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ. މި ފަހުމުނާމާގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތަކަށް ކުރިއެރުވުމަށް އެހީވުމަށް ހިމަނާފައިވެއެވެ.
މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމާއި، އޭގެ ތެރޭގައި ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީން، އަމްޕަޔަރުން އަދި ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި މިކަމަށް ޚާއްސަ އޮފިޝަލުން ތަމްރީނުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ހަރަކާތްތަކާއި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި ޓީމުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ފުރުސަތުތައް ފަހިކޮށްދިނުންވެސް ހިމެނެއެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު މި ފަހުމުނާމާގައި ސޮއިކުރެވުނުއިރު، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފުޖިއާން ޕްރޮވިންސަށް ޒިޔާރަތްކުރައްވާފައެވެ. އެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޑޮން ޖިން ސޮން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.