ޚަބަރު

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ދިވެހިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް


  • ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރ. އަތޮޅާއި ބ. އަތޮޅުގައި

  • ޓެކްނިކަލް މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ޤާބިލުކަން ހޯދައިދޭނެ

ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ޤާއިމުކުރަމުންދާ ނިޒާމުތައް ހިންގުމާއި ބެލެހެއްޓުމުގެ ޤާބިލުކަން ދިވެހި މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމުގެ މަޤްޞަދުގައި، ރ. އަތޮޅާއި ބ. އަތޮޅުގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ރަށްރަށުގައި އަލަށް ޤާއިމުކޮށްފައިވާ ޑީސަލް، ސޯލާ ޕީވީ އަދި ބެޓެރީ ހައިބްރިޑް ސިސްޓަމްތައް އަމަލީގޮތުން ހިންގާނެ ގޮތުގެ ހުނަރު މުވައްޒަފުންނަށް ދަސްކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.

މި ތަމްރީނުގައި ރ. އަތޮޅާއި ބ. އަތޮޅުގައި ހުންނަ ކަރަންޓު ދޭ ބްރާންޗްތަކުގެ މުވައްޒަފުންގެ އިތުރުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަދި ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުގެ ފަންނީ ޓީމުތަކުން ވެސް ޢަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު ބޭނުމަކީ، އަލަށް ތަޢާރަފުކުރެވުނު މި ޒަމާނީ ހައިބްރިޑް އެނާޖީ ސިސްޓަމްތައް އެންމެ ފުރިހަމަ ގޮތުގައި އޮޕަރޭޓްކޮށް، ދުވަހުން ދުވަހަށް ދިމާވެދާނެ އެކިއެކި ޓެކްނިކަލް މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ޤާބިލުކަމާއި ޢަމަލީ ތަޖުރިބާ ދިވެހި ފަންނުވެރިންނަށް ހޯދައިދިނުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިފަދަ ޢަމަލީ ތަމްރީނުތަކުގެ ސަބަބުން ރަށްރަށުގައި ތިމާވެއްޓާ ރައްޓެހި ފެހި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެ، އިންޖީނުގެތަކުން ތެލަށް ކުރާ ހޭދައާއި ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެއެވެ.

ރައްޔިތުންނަށް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ޔަޤީންކަން ބޮޑު ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމަކާއި ކުރިއެރުމެއް ލިބިގެންދާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.