ޗައިނާގެ ފުޖިއާން ޕްރޮވިންސާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަމްރީނު ފުރުސަތުތައް ފޯރުކޮށްދޭ ކަމަށާއި، މިއީ ރާއްޖޭގެ ކުޅިވަރު އިތުރަށް ތަރައްގީކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބޭ ކުރިއެރުމެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޗައިނާގެ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
ފުޖިއާން ޕްރޮވިންސާއި ރާއްޖޭގެ ކުޅިވަރު ވުޒާރާއާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ކުޅިވަރު ސާމަނު ހަދިޔާ ކުރެއްވުމަކީ ރާއްޖެއާއި ފުޖިއާން ޕްރޮވިންސާއި ދެމެދު އޮތް ގުޅުން ބަދަހިވެގެންދާކަމުގެ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފުޖިއާން ޕްރޮވިންސްގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަރަށް ގިނަ ކަންކަމާއި ގުޅޭ މަޝްވަރާތައް ކުރެއްވިކަމަށާއި، އޭގެ ތެރޭގައި އިތުރު ޓްރޭނިން އެކްސްޗޭންޖް ޕްރޮގްރާމް ފުޖިއާން ޕްރޮވިންސާއި ރާއްޖެއާއި ދޭތެރޭގައި ކުރިޔަށް ގެންދިއުމަށް ދެފަރާތުން އެއްބަސްވެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.
"އޭގެ ތެރޭގައި އަޅުގަނޑުމެންގެ ބައެއް ޓީމުތައް ފުޖިއާން ޕްރޮވިންސަށް ފޮނުވައިގެން ޓްރޭނިންގް ޕްރޮގްރާމް ކޮންޑަކްޓް ކުރުމާއި އަދި ފުޖިއާން ޕްރޮވިންސުގެ ކޯޗުންނާއި ޕްލޭޔަރުން ގެނެސްގެން އަދި ޓީމުތައްވެސް ގެނެސްގެން އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިޔަށް ގެންދާގޮތަށް މިހާރު ވާހަކަދެކެވިގެން މިއަދު ހަމަޖެހިގެން މިދިޔައީ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފުޖިއަން ޕްރޮވިންސާއެކު ހެދިފައިވާ އެއްބަސްވުމުގެ ދަށުން މިހާރު މި ލިބުނީ ސްޕޯޓްސް އެފެއިރަލްސްއާއި ބައެއް އިކުއިޕްމެންޓްސްތައް ކަމަށާއި، އެހެންނަމަވެސް އެއަށްވުރެ ބޮޑަށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ފުރުސަތު ފުޖިއާން ޕްރޮވިންސުން ފަހިކޮށްދެއްވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ފަންސާސް ބާސްކެޓް ކޯޗުން ތަމްރީނުކުރުމަށް ޗައިނާގެ ފުޖިއާން ޕްރޮވިންސުން ކޯޗުން ފޮނުވާދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ތަމްރީނުވުމަށް ޗައިނާއަށް ފޮނުވުމަށް ރާއްޖެއަށް ހަތަރު ޖާގަ ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ދަށުން އެކަންތައްތައް ކުރިޔަށް ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެންމެ ބޮޑު ޓާގެޓަކީ ފުޖިއާން ޕްރޮވިންސްގެ އެންމެ ވަރުގަދަ ކުޅިވަރުތަކަށް ރާއްޖޭގެ ކުޅުންތެރިން ފޮނުވައިގެން އެކްސްޕޯސް ކުރެވޭތޯ ބެލުން ކަމަށެވެ.
ހަމައެއާއެކު ޗައިނާއިން ކޯޗުން ރާއްޖެއަށް ގެނެސްގެން ދިވެހި ކޯޗުން ތަމްރީނުކޮށް އަދި ކުޅިވަރު ކުޅޭ ކުދިންވެސް އެ ހާއްސަ ކުޅިވަރަކުން ބޮޑަށް ޓްރޭނިން ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަކީ އަމާޒެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މި ބައްދަލުވުމަކީ ހަމައެކަނި ސްޕޯޓްސް އިކުއިޕްމެންޓް ހޭންޑް އޯވަ ސެރެމަނީއެއްގެ ގޮތުގައި ފެނިގެން ދިޔަކަމުގައި ވިޔަސް އަޅުގަނޑުމެންގެ މިއޮތް ގުޅުން އިތުރަށް ބަދަހިވެގެން އަދި އިތުރު ޕްރޮގްރާމްތައް މިއަށް އިންކޯޕަރޭޓްކޮށްގެން ގެންދެވޭނެ ކަމަށް ހަމަޖެހިގެން ވާހަކަދެކެވިގެން އެއްބަސްވެގެން ދިޔަ މީޓީންއެއްކަމަށް އަޅުގަނޑު ދެކެނީ" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ކުޅިވަރު ވަޒީރު ރާފިޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން ރަށްރަށުގައި ކުޅިވަރު ކަންތައްތައް ފުރިހަމަ ކުރުމުގެ ގޮތުން ވަރަށް ގިނަ ކަންކަން ކުރެވެމުން އެބަދާ ކަމަށާއި، އޭގެތެރޭގައި ދާދިފަހުން ޗައިނާއިން ހަދިޔާކުރި އެތުލެޓިކްސްގައި ބޭނުންކުރާ ސާމާނު ބައެއް ރަށްރަށަށް ފޮނުވިއްޖެކަމަށެވެ.