ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ތަމްރީން މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ތަމްރީން މަތިންދާބޯޓެއް ވެއްޓުނީ ބަންގްލަދޭޝްގެ އުއްތަރާ ސަރަޙައްދުގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖުގެ ދަނާލަށެވެ. މިހާދިސާގައި 19 މީހަކު މަރުވެފައި ވާއިރު އެތައް ސަތޭކަ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި އެތައް ބަޔަކު މަރުވެ، އަދި އެތައް ބަޔަކަށް އަނިޔާ ލިބުމާއި ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޔޫނުސް މުހައްމަދާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.
I extend my deepest condolences to @ChiefAdviserGoB, the government, and the people of Bangladesh following the tragic plane crash in Dhaka, which has claimed many lives and caused injuries to numerous others. Our heartfelt thoughts and prayers are with the victims, their…
— Dr Mohamed Muizzu (@MMuizzu) July 21, 2025
ބަންގްލަދޭޝް އަސްކަރިއްޔާއިން ނެރުނު ކުރު ބަޔާނެއްގައި ވަނީ ވެއްޓިފައިވަނީ، އެފް-7 ބީޖީއައި މަރުކާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއްކަން ކަށަވަރުކޮށްދީފައެވެ.
މި ހާދިސާގައި ބޯޓު ވެއްޓުނު ސަރަޙައްދުގައި އަލިފާން ރޯވެ، ދުން ބޯވެފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމުވެފައިވާއިރު، ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި އެ ސްކޫލްގެ ދަރިވަރުން ގިނަ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.