ޚަބަރު

އައްޑޫ ސިޓީގެ ކަރަންޓު ކެނޑުނު ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފި


  • މިރޭ މުޅި އައްޑޫސިޓީއަށް ކަރަންޓު ދީފައިވާކަމަށް ފެނަކައިން ވިދާޅުވި

  • ކަރަންޓު ކެނޑުނީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން

އައްޑޫ ސިޓީން ކަރަންޓު ކެންޑުނު މައްސަލަ ހައްލުކޮށް މުޅި އައްޑޫ ސިޓީއަށް ކަރަންޓު ދީފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެއެވެ.

ފެކަނައިން ވިދާޅުވީ ކަރަންޓު ކެނޑުނީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ. ކަރަންޓު ކެނޑުމާއި ގުޅިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ފެށިކަމަށް ފެނަކައިން ވިދާޅުވިއެވެ. ފެނަކައިން މީގެ ކުރިން ވިދާޅުވެފައިވަނީ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް 6 ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް ދިންކަމަށެވެ. ނަމަވެސް މިހާރު ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދަކަށް މިރޭ ކަރަންޓު ފޯރުކޮށްދީފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ.

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 19 ޖަނަރޭޓަރުގެ ތެރެއިން، ގިނަ ޖަނަރޭޓަރުތައް އޯވަހޯލްނުކޮށް ހުރުމުގެ ސަބަބުން ހަލާކުވުމުންނެވެ. ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެސިޓީއަށް 3 ޖަނަރޭޓަރުވަނީ ފޮނުވާފައެވެ. އެންމެފަހުން ފޮނުވާފައިވަނީ 1.8 މެގަވޮޓުގެ ޖަނަރޭޓަރެކެވެ. އަދި ހޯވަރހޯލްނުކޮށް ހުރި ޖަނަރޭޓަރުތަކުގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް ވަނީ އޯވަރހޯލްކޮށްފައެވެ.

އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ވަގުތީ ހައްލުތައް ހޯދުމަށް މަސައްކަތްތައް ކުރަމުން އަންނައިރު މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްވެސް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.