މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު މާލޭގެ ޖަމުޢިއްޔާތަކަށް ހުޅުވާލައިފިއެވެ.
މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމްއަކީ، މަދަނީ ޖަމުޢިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި، ގޮންޖެހުންތައް ދެނަގެނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމުޢިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމުޢިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެގޮތުން ބާއްވާ ފޯރަމެކެވެ. އެގޮތުން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހަރަކާތްތެރިވާ މަދަނީ ޖަމުޢިއްޔާތަކަށް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ، މިމަހުގެ 31ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00އެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާޢި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާގެ އަމާޒަކީ މިއަހަރުގެ މި ފޯރަމްގައި 100-150އާ ދެމެދުގެ އަދަދަކަށް ޖަމުޢިއްޔާތަކުން ބައިވެރިވުންކަމަށެވެ. އެގޮތުން، ކޮންމެ އަތޮޅަކުން 2 ޖަމުޢިއްޔާއަށް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް އޮންނަނީ އޮގްސްޓްމަހުގެ 28 އަދި 29ގައި މާލޭގައެވެ. މިއީ މަދަނީ ޖަމުޢިއްޔާތަކުގެ ގައުމީ ފޯރަމެއް ބާއްވާ ދެވަނަ ފަހަރެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ ފޯރަމެއް ބޭއްވުމުގެ ބޭނުމަކީ، މިފަދަ ފޯޯރަމެއްގެ ތެރެއިން ރާއްޖޭގެ ގިނަ ޖަމުޢިއްޔާތަކެއް އެއްތަނަަކަށް އެއްވެ، އެ ޖަމުޢިއްޔާތަކުގެ ހުރި ތަފާތު ތަޖުރިބާތައް ހިއްސާކޮށް، އެއް ޖަމުޢިއްޔާ އަނެއް ޖަމުޢިއްޔާއާ ގުޅިގެން ދިމާވާ ދަތިތަކަކާއި ގުޅޭގޮތުން މަޝްވާރާކޮށް، އެ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާމެދު މަޝްްވަރާކުރުންކަމަށެވެ.
މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވަޢުދެކެވެ.