ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހަށް ޚާއްސަކޮށްގެން ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރާ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީއަކީ ދިވެހިން މިއަދު މިދެކޭ ފުރިހަމަ މިނިވަންކަން ހޯދުމަށްކުރި މަސައްކަތް މިހާރުގެ ޖީލަށް ތަފްސީލުކޮށްދޭނެ މުހިންމު ޑޮކިއުމެންޓްރީއެކެވެ.
ވަކިން ޚާއްސަކޮށް ދިވެހިން ފުރިހަމަ މިނިވަންކަން ހޯދުމަށް ކުރި ދަތުރުގައި ތާރީޚީގޮތުން ހިނގާފައިވާ މުހިންމު ކަންކަމާއި މީގެކުރިން އެހާ އާންމުވެފައިނުވާ ގިނަ މަޢުލޫމާތުތަކެއް މި ޑޮކިއުމެންޓްރީގައި ހިމެނިފައިވާނެއެވެ.
އެގޮތުން 1887 ވަނަ އަހަރު ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދާންޖެހުނު ސަބަބުތަކާއި، އެކަމުގެ ވަށައިގެން ހިނގާދިޔަ މުހިންމު ޙާދިސާތަކުން ފެށިގެން 26 ޖުލައި 1965 ގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ތާރީޚީ އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ކުރި ދަތުރު ތާރީޚީގޮތުން ލިބެންހުރި ހެކިތަކާއި މަޢުލޫމާތުގެ އަލީގައި މި ޑޮކިއުމެންޓްރީގައި ތަފްސީލުކޮށްދީފައިވާނެއެވެ.
ޕީއެސްއެމް ނިއުސްއިން އުފައްދާ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީއަކީ ރާއްޖެއިން މިނިވަންކަން ހޯދުމަށް ކުރި ދަތުރުގައި، މީގެކުރިން ނުފެންނަ އެތަށް މަންޒަރުތަކާ ވާހަކަތައް ހިމަނައިގެން ހަދާ ޑޮކިއުމަންޓްރީއެކެވެ. މި ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ޕީއެސްއެމް ނިއުސްޓީމުން ވަނީ ތާރީޚުން އެނގެންހުރި މަޢުލޫމާތުތަކާއި ހޯދުންތައް އެއްކޮށްގެން ދިރާސާކޮށްފައެވެ. އަދި ކަމުގެ ތަޖުރިބާކާރުންގެ ޚިޔަލާއި މަޝްވަރާވެސް ހޯދާފައިވެއެވެ.
މި ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ފޯރުކޮށްދެއްވި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ތަފާތު ދާއިރާތަކުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމާއި، ދިވެހިބަހާއި ތާރީޚާއި އަދަބިއްޔާތުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްއުސްތާޛް އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު) އަދި ދިވެހި ތާރީޚާބެހޭ މުޝީރު އަޙްމަދު އަލާ ދީދީ ހިމެނެއެވެ.
ރާއްޖޭގެ މިނިވަންކަމުގެ ތާރީޚު ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ ސިފައިގައި މިހާރުގެ ޖީލު ޝަޢުގުވެރިވާނެ ފަދަ ގޮތަކަށް ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން މިކުރާ މަސައްކަތަކީ ދިވެހި ތާރީޚު މިހާރުގެ ޒުވާން ޖީލަށް ބުނެދިނުމަށް ކުރެވޭ ވަރަށް މުހިންމު ޤައުމީ މަސައްކަތެއްގެ ގޮތުގައި މި ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.
"މި ބާވަތުގެ ޑޮކިއުމެންޓްރީތަކަކީ މިފަދަ ދުވަސްދުވަހަށް ވަރަށް ބޭނުންތެރި ކަންތައްތަކެއްގެގޮތުގައި އަޅުގަނޑު ދެކެން. އެއީ ރާއްޖޭގެ ތާރީޚަށްޓަކާ، އަންނަން އޮތް ޖީލަށްޓަކާ އަދި މިހާރު އުޅެމުންދާ މީހުންނަށްވެސް މި ޑޮކިއުމެންޓްރީގެ ބޭނުން ވަރަށް މުހިންމުކަމަށް އަޅުގަނޑަށް ފެނޭ. އަޅުގަނޑަށްވެސް މިނިވަން ދުވަހާބެހޭގޮތުން ލިބިފައިހުރި މަޢުލޫމާތުތަކުގެ ތެރެއިން ވަރަށް ގިނަ ވާހަކަތައް މި ޑޮކިއުމެންޓްރީގައި ހިއްސާކުރެވިފައިވާނެ." މި ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނ.ޢ.ޢ.ވ ޢައްބާސް އިބްރާހީމް ވިދާޅުވިއެވެ.
"މި އުފާވެރި 60 އަހަރުގެ މިނިވަންކަމުގެ އުފާވެރިކަން އަޅުގަނޑުމެންނަށް ލިބިގެންދާއިރު އަޅުގަނޑު ހިތުން ދިވެހި ޤައުމުގެ ކޮންމެ ރައްޔިތަކަށް، ލޮބުވެތި ކޮންމެ ފަރުދަކަށް އެނގެންޖެހޭ، ދެނެގަންނަންޖެހޭ މުހިންމު މަޢުލޫމާތުތަކެއް އެބަހުރި. އެކަން މިފަހަރު ކޮށްދެއްވަން ޕީއެސްއެމް ނިއުސްއިން މިކުރައްވާ މަސައްކަތަށް އަޅުގަނޑު ވަރަށް އިޙްތިރާމާއެކު ޝުކުރު އަދާކުރަން." ކަށިމާ ޝާކިރު ވިދާޅުވިއެވެ.
"މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީގައި ގެނެސްދެވޭނެ ބައެއް މުހިންމު މަޢުލޫމާތުތަކުގެ ތެރޭގައި 1800ގެ އަހަރުތަކުގައި ރާއްޖޭގެ ޙާލަތާއި، ސިޔާސީ މަޝްރަހުރިގޮތާއި، އެދުވަސްވަރު އިނގިރޭސީންގެ ބާރާއި ނުފޫޒު ރާއްޖެ ހިމެނޭ ސަރަހައްދަށް އޮތް މިންވަރާއި، ވޯރާ ވިޔަފާރިން ރާއްޖޭގެ އިޤްތިޞާދު ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތްތައް ހިމެނެއެވެ.
ހަމައެހެންމެ އެދުވަސްވަރު މާލޭގައި ހިނގާދިޔަ މަޝްހޫރު ބޮޑުހުޅުގެ ހާދިސާއާއި، އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދާން މެދުވެރިވި ސަބަބުތަކާއި އެކަމުގެ ވަށައިގެން ހިނގާދިޔަ މުހިންމުކަންކަމާއި، ދުނިޔޭގެ ބޮޑު ބާރަކާއި ދެކޮޅަށް ދިވެހިން އަޑުއުފުލާއި މިނިވަންކަމުގެ ރޫހު އުދެފިގެންއައި ގޮތާއި، އިނގިރޭސީންގެ ހިމާޔަތުން ނެއްޓި ފުރިހަމަ މިނިވަން ޤައުމަކަށްވުމަށް ކުރި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް ބޭބޭފުޅުންގެ ޚިދުމަތްތައް މި ޑޮކިއުމެންޓްރީގައި ތަފްސީލުކޮށްދީފައިވާނެއެވެ.
މި ޑޮކިއުމެންޓްރީ އުފެއްދުމުގައި ޕީ.އެސް.އެމް ނިއުސްއިން އިސްނެގިނަމަވެސް، މި ޑޮކިއުމެންޓްރީ އާންމުންނާ ހަމައަށް ގެނެސް މިދެވެނީ ޚާރިޖީ ވުޒާރާއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާ އަދި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކުގައެވެ. އެއްގަޑިއިރުގެ މި ޑޮކިއުމެންޓްރީ އޮން-އެއަރކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު 14:30 ގައެވެ.