ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ޤައުމިއްޔަތެއް ޙިއްޞާކުރާ ބަޔެކެވެ. އެހެންކަމުން ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާން ކަމާއި ޞުލްޙަ މަޞްލަޙަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ވެގެންވާ ކަމެކެވެ.
މުޖުތަމަޢެއް އެއްބައިވަންތަ ކުރުމަށް ޓަކައި ބޭނުންވާ ވަކި ބަހާތަކެއް ވެއެވެ. މި ބަހާތައް އެކި ޤައުމުތަކުގެ މެދުގައި ތަފާތުވުމަކީ އެކަށީގެންވާކަމެކެވެ. އަޅުގަނޑުމެން ދިވެހިން އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މެދުވެރިކުރުވާ އެންމެ މުހިންމު ބަހާތަކަކީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިބަހާއި ސަޤާފަތެވެ. އަޅުގަނޑުމެން ނޫނަސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަށްވެސް އިސްލާމްދީނާއި އެބައެއްގެ މާދަރީ ބަހަކީ އެ މުޖްތަމަޢުއެއް އެއްބައިވަންތަ ބައެއްގެ ގޮތުގައި އޮތުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
އެހެން ޤައުމުތަކާއި ޚިލާފަށް ޒަމާނުންސުރެއް ދިވެހިންނަކީ އެއް ސަގާފަތެއް އަދި އެއް ބަހަކުން ވާހަކަދައްކަމުން އަންނަ ބައެކެވެ. ދިވެހިންގެ ތާރީޚަށް ބެލިކަމުގައިވީނަމަވެސް ދިވެހިން އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް ދުވަސްވަރުވެސް ދިވެހިންގެ މާދަރީބަސް އޭގެ ގޮތުގައި ހިފަހައްޓައި އެ ބަހުން ވާހަކަދައްކަމުންދިޔައެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ބެލިކަމުގައިވީނަމަވެސް ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހިންގެ ހިތްހެޔޮކަން ފެނިގެންދާނެއެވެ. ދިވެހިންނަކީ ބަހުގެ ގޮތުން އަދި ސަގާފީ ގޮތުންވެސް ބެލިކަމުގައިވީނަމަވެސް ޚާއްސަ ސިފަތަކަކާއި ކަންތައްތަކެއް ލިބިފައިވާ ބައެކެވެ.
އެހެންނަމަވެސް ފަހަކަށް އައިސް ޒަމާނަށް އަންނަ ބަދަލުތަކާއެކު ދިވެހި ބަހުގެ ތެރެއަށް ބޭރުގެ ބަސްތައް އިތުރުވަމުންދާކަމީ ހިތާމައާއެކު ފާހަގަކުރަންޖެހޭކަމެކެވެ. އެހެން ޤައުމުތަކުގެ ސަގާފަތާއި ބަސްތައް ބޭނުން ކުރުން ފަހުގެ ޖީލަށް މިހާރު ވަނީ ޓްރެންޑަކަށް ވެފައެވެ. އެހެންނަމަވެސް ޒަމާންވީ އަޅުގަނޑުމެންގެ މަދަރީބަހާއި ކާބަފައިން ގެނެސްދިން ރީތި ސަޤާފަތް އެއްޖީލުން އަނެއްޖީލަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެވެސް ކޮނޑުގައި އެޅިފައިވާ ޒިންމާއެެކެވެ.
އެގޮތުން އަޅުގަނޑުމެންގެ ޒަމާންވީ އުސޫލުތަކާއި އާދަތަކާއި އެއްދީނެއްގައި ތިބުމާއި ބަސް ކުރިއަރުވަން ސުކޫލްތަކާއި އޮފީސްތަކާއި އަދި އެހެނިހެން ތަންތަނުގައިވެސް މަސައްކަތް ކުރަންޖެހެއެވެ. އަދި އަޅުގަނޑުމެން ދިވެހިން އެއްބައެއްގެ ގޮތުގައި ތިބުމަށް ކުރި މަސައްކަތް އެގޮތުގައި އެއްޖީލުން އަނެއްޖީލަށް ދަމަހައްޓަން ޖެހޭކަން ފާހަގަކޮށްލަމެވެ.
ދިވެހިންގެ މާޒީއަށް ބަލައިފިނަމަ ދިވެހިންގެ އެއްބައިވަންތަކަން ހާމަކޮށްދޭނެ މިނޫނަސް އިތުރު އެތައް ކަންތައްތަކެއް ފެންނާނެކަން ކަށަވަރެވެ. ނަމަވެސް މިއަދު ދިވެހިންގެ މުސްތަޤްބަލާމެދު ވިސްނައިލުމުން ދުނިޔޭގެ ތަރައްޤީގެ އޮއިވަރުގައި ޖެހި ހުރިހާ ކަމަކީ އޭގެ މާލީ މަންފާއަށް ބަލައިގެން ކުރެވޭ ކަންކަމަށް ވާތީ، އެކަންތައްތަކުން ދިވެހިންގެ އެއްބައިވަންތަކަމަށް ވުރެ ބޮޑަށް ފެންނާނީ ފަރުދީގޮތުން ލިބޭ ފައިދާއެވެ. މިކަމުގެ ސަބަބުން ހީނަރުވާކަމަށް ފެންނަނީ ދިވެހިންގެ އެއްބައިވަންތަކަމެވެ.
ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އެކި ހިޔާލު ތަފާތުކުރުންތައް އެކި މީހުންގެ ހުރިކަމުގައިވީނަމަވެސް ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި ކޮންމެ ހިތާމައެއްގައި ދިވެހިން ބައިވެރިވަނީ އެއްބައެއްގެ ގޮތުގައި އެއް އާއިލާއެއްގެ ގޮތުގައިއެވެ. ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދޭ ފުރިހަމަ އެއް މިސާލަކީ 2004 ވަނަ އަހަރު ރާއްޖޭއަށް ދިމާވި ޤުދުރަތީ ކާރިސާ ސުނާމީއެވެ.
މި ހައްސާސް ދަނޑިވަޅުގައި ދިވެހިން އިސްކުރީ އެއްބައިވަންތަ އެއްބައެއްވަންތަކަމުގެ ރީތި ސިފައެވެ. ހާލުގައި ޖެހިފައިވާ ރަށްތަކަށް އެހީތެރިވުމުގައި ހުރިހާ އެންމެން އެކަތިގަނޑަކަށްވެ އެބަޔަކަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައެވެ.
އެންމެ އިހުޒަމާނުންސުރެއް މިއަދާހަމައަށްވެސް ދިވެހިން ދިވެހިންގެ ގޮތުގައި ދެގޮތެއްނުވެ ތިބުމުގެ މައިގަނޑު ސަބަބަކީ ދިވެހިންގެ ބަހާއި ސަގާފަތުގެ ސަބަބުންނެވެ.