އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އެނބުރި އައިސް ބައިވެރިވި ފުރަތަމަ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
ރާއްޖެއިން ބޭރުގައި މުޅިން އަލަށް، މެލޭޝިއާގައި ބޭއްވި މި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދީ ފައިނަލުގައި ޒެޕޯ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ. މާޒިޔާއިން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގެ ދެ ގޭމުވެސް ކާމިޔާބުކޮށްގެންނެވެ.
ޤައުމުން ބޭރުގައި ބޭއްވި ފުރަތަމަ ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދިއިރު، މި ތާރީޚީ މުބާރާތުގެ ފަޚުރުވެރި "މިސްޓަރ ބައިބަލާ" އަކަށް ހޮވިފައި ވަނީ ޒެޕޯ ސްޕޯޓްސް ކުލަބުގެ މުޙައްމަދު ނައްވާފް (މާކީ) އެވެ.
މެލޭޝިއާގައި އުޅޭ ދިވެހިންނަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ހެދި "މޯލްޑިވްސް އެސޯސިއޭޝަން ފޯ ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (މަޑި)" ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ބައިބަލާ މުބާރާތަކީ ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ބޭއްވި މުބާރާތެކެވެ.
މަޑިން ބުނީ ބައިބަލާ މުބާރާތެއް އެ ޖަމިއްޔާއިން މެލޭޝިއާގައި ބާއްވަން ނިންމީ، ބައިބަލާއަކީ މިހާތަނަށް ރާއްޖޭން ބޭރުގެ އެއްވެސް ގައުމެއްގައި ކުޅެފައިނުވާ ކުޅިވަރެއް ކަމުން ދިވެހިވަންތަ ކުޅިވަރެއް މެލޭޝިއާގައި ބާއްވަން ބޭނުންވާތީ ކަމަށެވެ.
މި ފަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމުނަކުން ބައިވެރިވެފައިވެއެވެ. މި ޓީމުތަކުގައި ރާއްޖޭގެ ވަރުގަދަ ބައިބަލާ ކުޅުންތެރިން ހިމެނުނެވެ. ބައެއް ޓީމުތަކުގައި ކުރިން މިސްޓަރ ބައިބަލާ ހޯދާފައިވާ ކުޅުންތެރިން ވެސް ހިމެނުނެވެ.