ޚަބަރު

މިނިވަން ދިވެހިރާއްޖެ ޑޮކިއުމެންޓްރީ: ދިވެހި ތާރީޚަށްޓަކާ ރައްކާކުރެވޭ މުހިންމު މަޢުލޫމާތުތަކެއް!


  • ފުރިހަމަ މިނިވަންކަން ލިބުމާހަމައަށް ރާއްޖޭގައި ހިނގާދިޔަ ތާރީޚީ ގިނަ ކަންތައްތަކެއް ގެނެސްދެވޭނެ

  • މީގެކުރިން އެހާ އާންމުވެފައިނުުވާ ފޮޓޯ ވީޑިއޯ އަދި އާޓްވޯކުތައް ފެނިގެންދާނެ

މިއަހަރުގެ ފަޚުރުވެރި މިނިވަން ދުވަހަށް ޚާއްސަކޮށްގެން ޕީއެސްއެމް ނިއުސްއިން އާންމުންނަށް ހަމައަށް ގެނެސްދިނުމަށް ތައްޔާރުވާ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީގައި ދިވެހިން ފުރިހަމަ މިނިވަންކަން ހޯދުމަށް ކުރި ދަތުރުގެ މުހިންމު ވާހަކަތަކަކާއި ހަނދާންތަކެއް ގެނެސްދެވިގެންދާނެއެވެ.

މިއީ މިހާރުގެ ޖީލަށް ކޮންމެހެންވެސް އެނގެންޖެހޭ އަދި ހަނދާނާއި ތާރީޚަށްޓަކާ ރައްކާކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހިމަނައިގެން ގެނެސްދެވޭ ވަރަށް ޚާއްސަ މަސައްކަތަކެވެ.

މި ޑޮކިއުމެންޓްރީގައި ދިވެހިން އިނގިރޭސީންގެ ހިމާޔަތުން ވީއްލި، ފުރިހަމަ މިނިވަން ޤައުމަކަށްވުމަށް ރާއްޖޭން ކުރި ދަތުރުގެ މުހިންމު ހަނދާންތަކަކާއި ވާހަކަތައް ވަރަށް ތަފްޞީލުކޮށް ގެނެސްދެވޭނެއެވެ. އެގޮތުން 1887 ވަނަ އަހަރު ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދާންޖެހުނު ސަބަބުތަކާއި، އެކަމުގެ ވަށައިގެން ހިނގާދިޔަ މުހިންމު ކަންކަން ގެނެސްދެވޭނެއެވެ. ހަމައެހެންމެ އޭރު ދިވެހިންގެ ދިރިއުޅުމުގެ ޙާލަތާއި، ތާރީޚީގޮތުން އެނގެންހުރި މުހިންމު ކަންކަމުގެ މައްޗަށް މި ޑޮކިއުމެންޓްރީގައި ބަލާލެވޭނެއެވެ.

ޕީއެސްއެމް ނިއުސްއިން އުފައްދާ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީއަކީ ރާއްޖެއިން މިނިވަންކަން ހޯދުމަށް ކުރި ދަތުރުގައި، މީގެކުރިން ނުފެންނަ އެތަށް މަންޒަރުތަކާ ވާހަކަތައް ހިމަނައިގެން ހަދާ ޑޮކިއުމަންޓްރީއެކެވެ. މި ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ޕީއެސްއެމް ނިއުސްޓީމުން ވަނީ ތާރީޚުން އެނގެންހުރި މަޢުލޫމާތުތަކާއި ހޯދުންތައް އެއްކޮށްގެން ދިރާސާކޮށްފައެވެ. އަދި ކަމުގެ ތަޖުރިބާކާރުންގެ ޚިޔަލާއި މަޝްވަރާވެސް ހޯދާފައިވެއެވެ.

މި ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ޕީއެސްއެމްގެ އެގްޒެކެޓިވް ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއާޒް ޙުސައިން އަމީން ނަޞީރު ވިދާޅުވީ، މިއީ ޚާރިޖީ ވުޒާރާއާއި، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ނިއުސްޓީމުން ވަރަށް ބުރަށް މަސައްކަތުން ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭ، އުފެއްދުންތެރި މަސައްކަތެއްކަމަށެވެ.

ވަކިން ޚާއްސަކޮށް 60 އަހަރަށްފަހު މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު މާލަމުން މި ޑޮކިއުމެންޓްރީގެ މުހިންމު ވާހަކަތަކަކާއި މަންޒަރުތައް ފުރަތަމަ ފަހަރަށް ޤައުމީ މީޑީއާގެ ހައިސިއްޔަތުން ޕީއެސްއެމް މެދުވެރިކޮށް އާންމުންނާ ހަމައަށް ގެނެސްދެވޭކަމީ ލިބުނު ވަރަށް ބޮޑު ފަޚުރަކާއި އުފަލެއްގެ ގޮތުގައި އަމީން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ ނޫސްވެރިކަމުގެ ހަޔާތް ފެށިގެން އައިއިރުވެސް އަޅުގަނޑު އެންމެ ބޮޑަށް ދެކެން ބޭނުންވި ދުވަހަކީ ރާއްޖޭގެ މިނިވަންކަން ލިބުނުގޮތުގެ ވަރަށް ރަނގަޅު ތަފްސީލީ ޑޮކިއުމެންޓްރީއެއް ހެދުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމުން ކުރި ވަރަށް ބުރަ މަސައްކަތުން ވަކިން ޚާއްސަކޮށް ރާއްޖޭގެ ޚާރިޖީ ވުޒާރާ އަދި އިނގިރޭސި ސަރުކާރުގެ ފަރާތުން ލިބުނު އެއްބާރުލުމާއެކީގައި މިކަން މިއަދު އަޅުގަނޑުމެންނަށް ޙަޤީޤަތަކަށް މި ހެދުނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިފަހަރުގެ މިނިވަން ދުވަހުގެ ޚާއްސަ ޕްރޮގްރާމް މި ގެނެސްދެވެނީ ލަންކާއިން އަޅުގަނޑުމެންގެ މިނިވަންކަން ލިބުނު މޭޒުކައިރިން. އަދި އެ ކޮޓަރިން." އަމީން ވިދާޅުވިއެވެ.

މި ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ފޯރުކޮށްދެއްވި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ތަފާތު ދާއިރާތަކުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމާއި، ދިވެހިބަހާއި ތާރީޚާއި އަދަބިއްޔާތުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްއުސްތާޛް އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު) އަދި ދިވެހި ތާރީޚާބެހޭ މުޝީރު އަޙްމަދު އަލާ ދީދީ ހިމެނެއެވެ.

"މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީގައި ގެނެސްދެވޭނެ ބައެއް މުހިންމު މަޢުލޫމާތުތަކުގެ ތެރޭގައި 1800ގެ އަހަރުތަކުގައި ރާއްޖޭގެ ޙާލަތާއި، ސިޔާސީ މަޝްރަހުރިގޮތާއި، އެދުވަސްވަރު އިނގިރޭސީންގެ ބާރާއި ނުފޫޒު ރާއްޖެ ހިމެނޭ ސަރަހައްދަށް އޮތް މިންވަރާއި، ވޯރާ ވިޔަފާރިން ރާއްޖޭގެ އިޤްތިޞާދު ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތްތައް ހިމެނެއެވެ.

ހަމައެހެންމެ އެދުވަސްވަރު މާލޭގައި ހިނގާދިޔަ މަޝްހޫރު ބޮޑުހުޅުގެ ހާދިސާއާއި، އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދާން މެދުވެރިވި ސަބަބުތަކާއި އެކަމުގެ ވަށައިގެން ހިނގާދިޔަ މުހިންމުކަންކަމާއި، ދުނިޔޭގެ ބޮޑު ބާރަކާއި ދެކޮޅަށް ދިވެހިން އަޑުއުފުލާއި މިނިވަންކަމުގެ ރޫހު އުދެފިގެންއައި ގޮތާއި، އިނގިރޭސީންގެ ހިމާޔަތުން ނެއްޓި ފުރިހަމަ މިނިވަން ޤައުމަކަށްވުމަށް ކުރި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް ބޭބޭފުޅުންގެ ޚިދުމަތްތައް މި ޑޮކިއުމެންޓްރީގައި ތަފްސީލުކޮށްދީފައިވާނެއެވެ.