ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮންނަތާ 4،000 އަށްވުރެ ގިނަ އަހަރުވެއްޖެއެވެ. ދެތިންފަހަރަކު އަޅުވެތިކަމުގެ ހިތި ދުވަސްތައް ތަޙައްމަލުކުރި ނަމަވެސް، ދިވެހިންގެ ޒަމާންވީ ދިގު ތާރީޚުގައި އަޅުގަނޑުމެންނަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ވެރި ބައެކެވެ.
1800ގެ އަހަރުތަކުގައި ޤައުމުތައް އަޅުވެތިކޮށް، ބައެއް ޤައުމުތަކަށް ޙިމާޔަތް ދެމުންގެންދިޔަ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ދަށުވާން ރާއްޖެއަށްވެސް ޖެހުނެވެ. މި ޢިޝާރަތްކުރަނީ 1887 ވަނަ އަހަރު، އިނގިރޭސީންގެ ޙިމާޔަތަށް ރާއްޖެ ދާންޖެހުނު ހާދިސާއަށެވެ. އިނގިރޭސީންގެ ޙިމާޔަތަށް ރާއްޖެ ދާންޖެހުނު ސަބަބުތައް ވަރަށްވެސް ގިނައެވެ. ދާޚިލީ ކޯޅުމާއި އޭރުގެ ބައިނަލްއަޤުވާމީ މަސްރަޙު އޮތްގޮތްފަދަ އެތައް ކަމެކެވެ. އެހެންނަމަވެސް، އިނގިރޭސީންގެ ޙިމާޔަތަށް ދިޔުމުގެ ވާހަކައިގައި އެ ދުވަސްވަރު ރާއްޖެއަށް ވިޔަފާރިކުރަން އައިސް އުޅުނު ވޯރާ ވިޔަފާރިވެރިންގެ ވާހަކަ ނުދެކެވި ނުދެއެވެ. އެއީ ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. އެހެނީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ރާއްޖެ ދާންޖެހުނު މައިގަނޑު އެއް ސަބަބަކީ ރާއްޖޭގައި ދާއިމަށް ތިބެ ވިޔަފާރިކުރުމުގެ ހުއްދަ، ދިވެހި ދައުލަތުން ވޯރާ ވިޔަފާރިވެރިންނަށް ދެއްވުންކަމުގައި ގިނަ ތާރީޚު ޢިލްމުވެރިން އިއްތިފާޤުވެއެވެ.
1800ގެ އަހަރުތަކުގެ ފަހުކޮޅު ވޯރާ ވިޔަފާރިވެރިންގެ ނަމުން މަޝްހޫރު އިންޑިޔާ ބަޔަކު ވެރި ރަށް މާލެއަށް އައިސް ވިޔަފާރިކުރިއެވެ. އެ ބައިމީހުންގެ ވިޔަފާރި ރާއްޖޭގައި ފުޅާކުރުމުގެ މަގު ފަހިވީ އެ މީހުންނަށް ދާއިމީ ހުއްދަ ދެއްވި ހިސާބުންނެވެ. މި ހުއްދަ ދެއްވީ 1857 ވަނަ އަހަރު އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން އިސްކަންދަރު ހަތަރުވަނައިގެ ރަސްކަމުގައެވެ. މި ހުއްދައާއެކު ވޯރާ ވިޔަފާރިވެރިންގެ މުށުގެ ތެރެއަށް ދިވެހި އިޤުތިޞާދު ވަންނަން ފެށިއެވެ. މަޑުމަޑުން ވޯރާއިންގެ ހިޔާވަހިކަން ޤައުމެއްގެ އިޤުތިޞާދު ލިބިގަތީއެވެ. ހަރުދަނާ އެކަށީގެންވާ ޤާނޫނަކާއި އުޞޫލުތަކެއް އެކަށައެޅިފައިނެތުމާއި މޮނިޓަރނުކުރެވުމުގެ ނަތީޖާއަކަށްވީ ޢާންމު ރައްޔިތުންގެ އިތުރުން ދިވެހި ދައުލަތްވެސް ވޯރާއިންނަށް ދެރުމެވެ. ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ވިދާޅުވާ ގޮތުން ދިވެހި ސަރުކާރު އޮތީ 60،000 ރުފިޔާއިން ވޯރާ ވިޔަފާރިވެރިންނަށް ދަރައެވެ.
އިނގިރޭސީންގެ ޙިމާޔަތަށް ރާއްޖެ ދާންޖެހުނު ހިސާބަކީ ދާޚިލީ ކޯޅުންގަނޑެއްގެ ތެރެއިން ރާއްޖޭގައި ތިބި ވޯރާ ވިޔަފާރިވެރިންގެ ފިހާރަތަކަށް ގެއްލުން ލިބުމެވެ. ލިބުނު ގެއްލުމަކީ މަޝްހޫރު ބޮޑު ހުޅުގެ ހާދިސާގައި ވިޔަފާރިތައް އަންދާލުމެވެ. އެ ދުވަސްވަރު އިންޑިޔާ އޮތީ އިނގިރޭސީންގެ ހިމާޔަތުގައެވެ. އެހެންކަމުން ވޯރާ ވިޔަފާރިވެރިންނަކީ އިނގިރޭސި ރައްޔިތުންނެވެ. އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ރާއްޖެ ގެންނަން ބޭނުންވުމުގައި އެ މީހުންގެ އެއް ނިޔަތަކީ، ވޯރާ ވިޔަފާރިވެރިން ޙިމާޔަތްކުރުންކަމުގައި ތާރީޚު ޢިލްމުވެރިން ވިދާޅުވެއެވެ.
އިނގިރޭސީންގެ ޙިމާޔަތުގެ އެއްބަސްވުން އުވާލާ، ފުރިހަމަ މިނިވަން ޤައުމަކަށް ރާއްޖެވިތާ 60 އަހަރު ފާހަގަކުރާއިރު، ވޯރާ ވިޔަފާރިވެރިންގެ ވާހަކައާ މެދު ވިސްނާލުން މުހިންމެވެ. އެހެނީ އަޅުގަނޑުމެންނަށް ކުރެވުނު ކަމެއްގެ ސަބަބުން އިޤުތިޞާދީ މިނިވަންކަން ގެއްލުނީއެވެ. އެއާއެކު އިތުރު ސަބަބުތަކެއްވެސް މަސްހުނިވެ މުޅި ޤައުމުގެ މިނިވަންކަންވެސް ގެއްލުނީއެވެ. މިކަމުން ދޭހަކޮށްދެނީ އިޤުތިޞާދީ މިނިވަންކަމެއްގެ މުހިންމުކަމެވެ. މިހާހިސާބުން އަދުގެ ޙާލަތާމެދު ވިސްނާލަމާތޯއެވެ.
ދިވެހި އިޤުތިޞާދުގެ މައިގަނޑު ތެލަކީ މި ޤައުމުގައި މަސައްކަތްކުރާ މީހުންނެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން 2024 ވަނަ އަހަރު އެކުލަވާލި ރިޕޯޓެއްގައިވާ ގޮތުން ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ %43 އިންސައްތައަކީ ބިދޭސީންނެވެ. މިއީ މިއަދު ފެންނަން އޮތް ޙަޤީޤަތެވެ. ރާއްޖޭގެ އެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ވަރަށް ގިނައެވެ. ޚާއްސަކޮށް ބައެއް ސިނާޢަތްތަކުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު ވަރަށް މަދެވެ. އެ ގޮތުން ޢިމަރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިންސައްތައަކީ 90ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޢިމާރާތްކުރުން އެކަންޏެއް ނޫނެވެ. ރާއްޖޭގައި ހިންގާ ގިނަ ވިޔަފާރިތަކުގައި ޚިދުމަތް ލިބިގަންނަ މީހާއާ ގިނަ ފަހަރު ބައްދަލުކުރަނީ ބިދޭސީއެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވިޔަފާރިތަކުގައެވެ. ކަންމަތީ ފިހާރަތަކާއި ހޯޓާ، ރެސްޓޯރެންޓްތަކުގައެވެ. ބޯކޮށުމާއި ގެވެހި މަރާމާތުތައްކުރުމުގައިވެސް ބިދޭސީންނެވެ. ރާއްޖެފަދަ ކުރިއަރަމުން އަންނަ ޤައުމުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ބިދޭސީން ހަރަކާތްތެރިވުމަކީ އާދަޔާޚިލާފު ކަމެއް ނޫނެވެ. އެހެންނަމަވެސް ކޮންމެ ކަމެއްގައިވެސް ޚުދޫދެއް، މިނެއް، އިމެއް އޮންނަން ޖެހެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު ގިނައެވެ. މިކަން ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުންވެސް ދަނީ ހާމަކުރައްވަމުންނެވެ. މިއީ އަޅުގަނޑުމެއް ކަންބޮޑުވާންޖެހޭ ހިސާބެވެ. ހިތު ހުރިހާ ގޮތަކަށް މި ޤައުމުގައި ވިޔަފާރިކުރުމުގެ ފުރުޞަތު ބިދޭސީންނަށް ދެވިގެން ނުވާނެއެވެ. ކުދި އަދުި މެދު ފަންތީގެ ވަގު ވިޔަފާރިތައް ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގުމުގެ ފުރުޞަތު ދެވިގެން ނުވާނެއެވެ. ނަމަވެސް މިއަދު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިފަދަ ވަގު ވިޔަފާރިތައް ގިނަކަމެވެ. ބައެއް ކަހަލަ ވިޔަފާރިތައް ބިދޭސީން ކޮންޓްރޯލްކުރަމުންދާ ކަމެވެ. މިއީ ޤައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ބޮޑު މައްސަލައެވެ.
މިއަދު މި ފެންނަ މަންޒަރުތައް، ބައެއްފަހަރު މާޒީ ހަނދާންކޮށްދެއެވެ. ސުވާލަކީ މާޒީ ތަކުރާރުވާން ދޫކޮށްލާނީތޯއެވެ. ކޮންމެ ގޮތަކަށް ކަން އޮތް ނަމަވެސް، ދިވެހި އިޤުތިޞާދު ބޭރު ބައެއްގެ އަތްދޮށުވާން އެއްވެސް ދިވެއްސަކު ނޭދޭނެއެވެ. އެހެންކަމުން ބިދޭސީން ރާއްޖޭގައި ހަރަކާތްތެރިވަނީ ޤާނޫނީ އިމުގެ ތެރެއިންކަން ކަށަވަރުކުރަންޖެހެއެވެ. ބިދޭސީންގެ ބަދަލުގައި މަސައްކަތްކުރާނެ ދިވެހިން އުފެދުމަކީވެސް ނުހަނު މުހިންމު ކަމެކެވެ. އަމިއްލަ ޤައުމުގެ އިޤުތިޞާދުގައި މިނިވަންކަން އޮންނާނީ އިޤުތިޞާދީ ހަރަކާތްތަކުގައި ތިމާމެން ހަރަކާތްތެރިވި މިންވަރަކުންކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. މި މިނިވަން ދިވެހިރާއްޖެ، މިގޮތުގައި ދެމިއޮންނާނީވެސް އޭރުންނެވެ.