ކްރިސްޓަލް ޕެލަސް ހިންގާ އީގަލް ފުޓްބޯލް ހޯލްޑިންގްސްގައި ޖޯން ޓެކްސްޓަރގެ 43 އިންސައްތަ ހިއްސާ އެމެރިކާގެ މަހުޖަނު ވުޑީ ޖޯންސަން ގަނެފިއެވެ.
ކްރިސްޓަލް ޕެލަސްގެ ހިއްސާ ވުޑީ ޖޯންސަން ގަނެފައިވާއިރު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ފުރުސަތު އެ ކްލަބަށް ނުދިން މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް އެ ކްލަބުން ވަނީ މި ހަފްތާގައި ހުށައަޅާފަ އެވެ.
އިނގިރޭސިވިލާތުގެ މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ޖޯން ޓެކްސްޓަރގެ ހިއްސާ ވުޑީ ޖޯންސަން ގަނެފައިވަނީ 190 މިލިއަން ޕައުންޑަށެވެ. އަދި އެކަން ޕްރިމިއާ ލީގުން ކަށަވަރުކޮށް ޖޯންސަން ވަނީ ލީގުގެ އޯނާރސް ޗާޓަރ ގައި ސޮއިކޮށްފަ އެވެ.
އުމުރުން 78 އަހަރުގެ ޖޯންސަން ޕެލަސްގެ ހިއްސާ ގަތުމާއިއެކު އެ ކްލަބުގެ ހިއްސާ ދާރުންގެ ގޮތުގައި މިހާރު ތިބޭނީ ސްޓީވް ޕެރިޝް އާއި ޖޯޝް ހެރިސް އަދި ޑޭވިޑް ބްލިޓްޒަރގެ އިތުރުން ވުޑީ ޖޯންސަން އެވެ.
އެމެރިކާ އިން އިނގިރޭސިވިލާތަކަށް ކަނޑައަޅާފައިވާ ސަފީރެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ ޖޯންސަން ބުނެފައިވަނީ ވަރުގަދަ ތާރީޚެއް އޮތް މި ކްލަބުގެ ހިއްސާދާރެއްގެ ގޮތުގައި ހުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބިގެންދިޔަ ބޮޑު ޝަރަފެއް ކަމަށެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ މަތީ ފަރާތް ކަމުގައިވާ ޔޫއެފާ އިން ޕެލަސް އަށް ޔޫރޮޕާ ލީގުގެ ޖާގަ ނުދޭން ނިންމާފައިވަނީ އެ އިދާރާގެ މަލްޓި ކްލަބް އޯނާޝިޕަށް ހަދާފައިވާ ގަވާއިދުގެ ދަށުން އެ ގަވާއިދަށް ކްރިސްޓަލް ޕެލަސް ނުފެތޭތީ އެވެ.
ޔޫއެފާގެ ގަވާއިދުގައިވާ ގޮތުން އެއް ކުންފުނިން ހިންގާ ދެ ކްލަބަކަށް ޔޫއެފާގެ އެއް މުބާރާތެއްގައި ވާދަ ނުކުރެވޭނެ އެވެ. މި ގަވާއިދުގެ ދަށުން ޕެލަސް ބޭރުކޮށްފައިވަނީ އެ ކްލަބް ހިންގާ ކުންފުނީގެ އިތުރުން ފްރާންސްގެ ލިއޯން ހިންގާ ކުންފުނީގެވެސް ހިއްސާދާރެއްގެ ގޮތުގައި ޖޯން ޓެކްސްޓާ ހުރުމުންނެވެ.
ނަމަވެސް ޓެކްސްޓާ ބުނެފައިވަނި އޭނާ އެ ކުންފުނީގެ ހިއްސާ ދާރެއްގެ ގޮތުގައި ހުރި ނަމަވެސް އޭނާއަކީ އެއްވެސް ކަމެއް ނިންމުމުގެ ބާރު އޮތް ފަރާތެއް ނޫން ކަމަށެވެ.
ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން މީގެ ކުރިން ލިއޯން ރެލިގޭޓް ކުރަން ނިންމި ނަމަވެސް އެ މައްސަލަ އެޕީލްކުރުމުން ލިއޯން އާއި އެއްކޮޅަށް ނިމިފައިވާތީ ލިއޯން ކުރިއަށް އޮތް ސީޒަނުގައިވެސް ފްރެންޗް ލީގު ވަންގައި ވާދަކުރާނެ އެވެ.
މެންޗެސްޓަރ ސިޓީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ކްރިސްޓަލް ޕެލަސް އިން ހޯދުމާއިއެކު އެ ޓީމަށް ކުރިއަށް އޮތް ސީޒަނުގައި ޔޫރޮޕާ ލީގުން ފުރުސަތު ލިބޭނެކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ވަނީ ކްރިސްޓަލް ޕެލަސް ޔޫރޮޕާ ލީގުން ބޭރުކޮށް ކޮންފަރެންސް ލީގަށް އެ ޓީމު ބަދަލުކޮށްފަ އެވެ.
ކޮންފަރެންސް ލީގަކީ ޔޫއެފާގެ ތިންވަނަ ފަންތީގެ މުބާރާތެކެވެ. އެހެންކަމުން މި މުބާރާތުގައި ވާދަކޮށްގެން އެ ޓީމަށް މާލީ ގޮތުން ލިބޭ ފައިދާ ޔޫރޮޕާ ލީގާއި އަޅާ ބަލާއިރު ވަރަށް ކުޑަވާނެ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ވުޑީ ޖޯންސަންގެ މިލްކިއްޔާތަކީ 2024 ވަނަ އަހަރު ނިމުނުއިރު 9.18 ބިލިއަން އެމެރިކާ ޑޮލަރެވެ.