ޚަބަރު

މިނިވަންދުވަހުގެ ތަހުނިޔާ ކުރީގެ ރައީސުން ފޮނުއްވައިފި


  • މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމަށް އެދި ވަނީ ދުޢާ ދަންނަވާފަ

  • މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26ގައި

މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ފަޚުރުވެރި 60ވަނަ މިނިވަންދުވަހުގެ ތަހުނިޔާ، ރާއްޖޭގެ ކުރީގެ ރައީސުން ފޮނުއްވައިފިއެވެ.

މިނިވަން ދުވަހު މުނާސަބަތާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ތަހުނިޔާ ދަންނަވާފައެވެ. ރައީސް އިބްރާހީމް ޞާލިޙް ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިވަންކަމަށް 60 އަހަރު ފުރޭ މި އުފާވެރި ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށް، ޤައުމާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަކީ ކުރަންޖެހޭނެކަމެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހީންނަކީ އަބަދުވެސް ކަންކަމުގައި އެންމެ ފަހު ބަސް ބުނާ، ޤައުމިއްޔަތުގެ ނަވުގެ މަންޒިލު އަމިއްލައަށް ކަނޑައަޅާ އަދި ކުރިމަގު އަމިއްލައަށް ކޮށާ ބައްޓަންކުރާ ބަޔެއްގެ ގޮތުގައި ލެއްވުމަށް އެދި ރައީސް ޞާލިޙް ވަނީ ދުޢާ ދަންނަވާފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެސް ވަނީ މިނިވަންދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ ދިވެހިރާއްޖޭގެ 60ވަނަ މިނިވަންދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމަށް އެދި ވަނީ ދުޢާ ދަންނަވާފައެވެ.

މިނިވަން ދުވަހު މުނާސަބަތާއި ގުޅިގެން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ފަޚުރުވެރި 60ވަނަ މިނިވަންދުވަހުގެ ތާރީޚީ މުނާސަބަތުގައި ހިތުގެ އެންމެ އިޚްލާޞްތެރި ތަހުނިޔާ އަދި މުބާރަކުބާދީ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ނުހަނު އުފަލާއެކު ދަންނަވާކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.