ޚަބަރު

ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި ކުރެވިދާނޭ ކަންކަމާގުޅޭގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު މަޝްވަރާކުރައްވައިފި


  • ރައީސްވަނީ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ވަފުދަށް މަރުޙަބާ ވިދާޅުވެފައި

ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި ސިއްޙީ ދާއިރާ ހިމެނޭހެން، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރެއްވީ ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ވަފުދަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ދެއްކެވި ވާހަކަފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވޭތީ އުފާކުރައްވާކަމަށާއި، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ލިބިވަޑައިގަތުމަކީ ޝަރަފެއްކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ދެއްވާ އެހީތެރިކަން، ޚާއްޞަކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢަށް ވެދެއްވާފައިވާ އެހީތެރިކަމުގެ އަގުވަޒަންކުރައްވައި އެފަންޑަށް ޝުކުރު އަދާކުރެއްވިއެވެ. ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ވަނީ، އެ މަޝްރޫޢުގެ ކުރިއެރުންތައް، ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ދަރުބާރުން، ގާތުން ބައްލަވަމުން ގެންދެވިކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި ސިއްޙީ ދާއިރާ ހިމެނޭހެން، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.