ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސް ޚިދުމަތްދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. ވައިޑް-ބޮޑީ މަތިންދާބޯޓާއިއެކު މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާވެ ބައިނަލްއަޤްވާމީ ދުރު މަންޒިލްތަކަށް އެ އެއަރލައިންގެ ދަތުރުތައް ވަނީ ފެށިފައެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓާއިއެކު މޯލްޑިވިއަނުން އެންމެ ފުރަތަމަ ޚިދުމަތް ފަށާފައިވަނީ ޗައިނާއަށެވެ. އެގޮތުން ޗައިނާގެ 2 މަންޒިލަކަށް އެ އެއަރލައިންގެ ދަތުރުތައް މިހާރު ދަނީ ކުރަމުންނެވެ. މީގެއިތުރުންވެސް ޗުއްޓީއާއި ދިމާކޮށް ބައެއް އިތުރު މަންޒިލްތަކަށްވެސް މޯލްޑިވިއަނުން ސީޒަނަލް ދަތުރުތައް ދަނީ ބާއްވަމުންނެވެ. އެގޮތުން ބެކްކޮކް، މެލޭޝިއާ، އަދި ސައުދީ އަރަބިއްޔާއަށްވެސް ޗާޓަރ ދަތުރުތައް ކުރެއެވެ. އެންމެ ފަހުން މޯލްޑިވިއަނުން ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ އޮސްޓްރޭލިއާގެ މެލްބާންއަށެވެ. މި ދަތުރުތައް ފެށީ މިމަހުގެ 19ވަނަ ދުވަހުއެވެ. މިއީ ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ޤައުމީ އެއަރލައިނުން ދުނިޔޭގެ ދުރު މަންޒިލްތަކަށް ދަތުރުކޮށް ފަތުރުވެރިން ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަރަށް މުހިންމު ތަސައްވުރެއްކަމަށެވެ. އެ ތަސައްވުރުގެ ދަށުން ވައިޑް-ބޮޑީގެ އޮޕަރޭޝަން ފެށިފައި އޮތުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
ދުނިޔޭގައި މި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތީ ދަށްވެފައިކަން ސަލީމް ފާހަގަކުރެއްވިއެވެ. މި ހާލަތު ރަނގަޅުކުރުމަށް ކަނެކްޓިވިޓީއަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ތަސައްވުރު ހާސިލްކުރުމުގައި ޤައުމީ އެއަރލައިން އޮންނާނީ ވަރަށް ކެރިގެންކަމަށް ސަލީމް ވިދާޅުވިއެވެ.
"މި ހާލަތައް ބަލާކަމަށްވަންޏާ ދެން ރާއްޖޭގެ ޓުއަރިޒަމް އިތުރަށް ފުޅާކޮށް އިޤްތިޞާދު ރަނގަޅުކުރުމަށްޓަކައި ވަރަށް މުހިންމު އެއްޗެއް މިއީ ކަނެކްޓިވިޓީ އިތުރުކުރުން. އެހެންވީމަ މިއަދު ޤައުމީ އެއަރލައިންގައި ވައިޑް-ބޮޑީއެއް ސަރުކާރުން ހޯއްދަވައިދެއްވާފައި އޮތީމަ މިއަދު މި ކުރެވެމުންދާތަން ފެންނަނީ އެ މަސައްކަތް. މިއަދު ވަރަށް ދުރު މަންޒިލަކާއި މި ގުޅާލެވުނީ. ގާތްގަނޑަކަށް 11 ގަޑިއިރުން ދަތުރުކުރެވޭ މަންޒިލަކަށް. އޮސްޓްރޭލިއާއަށް މި ގުޅުވާލެވުނީ ޤައުމީ އެއަރލައިން. ދެން އަނެއްކާ ފެންނާނީ އިތުރު ވައިޑް-ބޮޑީ މަންތިންދާބޯޓަކާއިއެކު އިތުރު މަންޒިލްތައް." ސަލީމް ވިދާޅުވިއެވެ.
މޯލްޑިވިއަނުން އޮސްޓްރޭލިއާގެ އިތުރުން ބައެއް އެހެން ބައިނަލްއަޤްވާމީ މަންޒިލްތަކަށްވެސް ދަނީ ސީދާ ދަތުރުތައް ބާއްވަމުންނެވެ. އެއީ ޗައިނާ، ބަންގްލަދޭޝް އަދި އިންޑިޔާއެވެ.
މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރ އިންޓަނޭޝަނަލް ސޭލްސް މުޙައްމަދު ސައްފާޙް ވިދާޅުވީ، އޮސްޓްރޭލިއާގެ މެލްބާންއަށް ފެށުނު ދަތުރުތަކަކީ ގާތްގަނޑަކަށް 11 ގަޑިއިރުގެ ދަތުރެއްކަމަށެވެ. މިއީ އެ އެއަރލައިންގެ ނެޓްވޯކްގައި މިވަގުތު އޮޕަރޭޓްކުރާ އެންމެ ދިގު ރޫޓެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް އޮސްޓްރޭލިއާއަކީ ވަރަށް މުހިންމު މާކެޓެއްކަން ފާހަގަކުރައްވައި ސައްފާހް ވިދާޅުވީ، އަހަރެއްގެ މައްޗަށް 40،000 އެއްހައި ފަތުރުވެރިން އަންނަކަމަށެވެ. މޯލްޑިވިއަނުން މި ފެށި ސީދާ ދަތުރުތަކާއިއެކު މި މާކެޓުން ކުރިއަށްއޮތްތަނުގައި އަދި އިތުރަށް ފަތުރުވެރިން ގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ޑައިރެކްޓް ފްލައިޓެއް އޮޕަރޭޓްކުރުމަކީ ފުރަތަމަ ކަމަށްބަލާއިރު މާކެޓެއް ސްޓިމިއުލޭޓްކުރަންވެސް އެހީތެރިވެދޭކަމެއް. އަޅުގަނޑުމެން މި އޮޕަރޭޓްކުރާ ފްލައިޓްތަކާއިއެކީގައި އުންމީދަކީ ގާތްގަނޑަކަށް %20 މިހާރު މި ފަތުރުވެރިން އަންނަ އަދަދަށްވުރެ އިތުރުވެގެންދިއުން." ސައްފާޙް ވިދާޅުވިއެވެ.
މޯލްޑިވިއަނުން ވިދާޅުވީ، އެ ކުންފުނީގެ އުންމީދަކީ އިތުރު ދުރު މަންޒިލްތަކަށް ޤައުމީ އެއަރލައިންގެ ދަތުރުތައްކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށްއޮތް ތަނުގައި އިތުރުކުރެވިގެން ދިއުންކަމަށެވެ. މިވަގުތުވެސް ވަރަށް ބައިވަރު ބައިނަލްއަޤްވާމީ މަންޒިލްތައް ދިރާސާކުރަމުންދާކަމަށެވެ. އަދި ބޯޓުތައް އިތުރުކުރެވެމުންދާ ވަރަކަށް އިތުރު މަންޒިލްތަކަށް ދަތުރު ފަށާނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. އިންޓަނޭޝަނަލް ދަތުރުތައް އެއް ދުވަހުން އަނެއްދުވަހަށް ފުޅާކުރަމުންދާއިރު އެ ކުންފުނީގެ ޑޮމެސްޓިކް އަދި ސީޕްލޭންގެ އޮޕަރޭޝަންވެސް ފުޅާކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.