ޚަބަރު

ނިޝާން ޢިއްޒުއްދީންގެ ލަގަބު މުއުތަސިމް، ޞާބިރު އަދި ޤާސިމަށް


  • ދިވެހި ދަޢުލަތުގެ މަތިވެރި އިއްޒަތް އަރުވަނީ ދިވެހި ރާއްޖޭގެ ޤަނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން

  • މި އިއްޒަތް އަރުވާފައިވަނީ ބެރި ދުންމާރި ތާޅަފިލީގެ އަޑާއެކު

ދިވެހި ދަޢުލަތުގެ މަތިވެރި އިއްޒަތް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 3 ބޭފުޅަކަށް އަރުވައިފިއެވެ.

މި 3 ބޭފުޅުންނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަޤަބު އަރުވާފައިވަނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަޤަބު އަރުވާފައިވާ 3 ބޭފުޅުންނަކީ ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް މުޢުތަސިމް އަދުނާންއާއި ގ. ފިޔާތޮށިގޭ ހަސަން ޞާބިރު، ނިޝާން މުލީގެ އިއްޒަތް ލިބިވަޑަިއގެންފައިވާ ޤާސިމް އިބްރާހީމަށެވެ.

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް މުޢުތަސިމް އަދުނާން

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް މުޢުތަސިމް އަދުނާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ދީފައިވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ޤާނޫނީ ދާއިރާއިން މީހުން ބިނާ ކުރުމަށާއި ޝަރުޢީ ދާއިރާގެ ކަންކަމާއި ޝަރުޢީ ދާއިރާގެ މައްސަލަތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ނިންމެވުން ހަރުދަނާ ކުރުމަށާއި ރާއްޖޭގެ ޚާރިޖީ ދާއިރާ ގުޅޭ ކަންކަމުގައި ދެއްވަންޖެހޭ ލަފާ ދެއްވުމަށާއި އެ ރޮނގުރޮނގުން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި، ޤާނޫނީގޮތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވުމާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކުގައި ޚާރިޖިއްޔާއިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، ދެއްވަންޖެހޭ ލަފާ ދެއްވުމާއި، ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވުން ހިމެނެއެވެ.

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޝަރީޢަތާއި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރެއްވުމަށްވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ.

ފަނޑިޔާރު ކަމުގެ ދާއިރާއިން ދައުލަތުގެ ޚިދުމަތް އެ މަނިކުފާނު ފެށްޓެވީ، 15 އޮގަސްޓު 2010 ގައެވެ. 2008 ވަނަ އަހަރު ތަޞްދީޤު ކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި،14 ޑިސެންބަރު 2014ގެ ނިޔަލަށް އެ މަނިކުފާނު ވަނީ ޚިދުމަތް ކުރައްވައިފައެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވީ، 8 ޑިސެންބަރު 2019 ގައެވެ. 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އެންމެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވީވެސް އަޙްމަދު މުޢުތަޞިމް ޢަދުނާންކަން ފާހަގަކޮށްލަންޖެހެއެވެ.

ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ދިވެހިރާއްޖޭގެ ލޯ ކޮމިޝަންގެ މެންބަރު ކަމާއި، 2003 ވަނަ އަހަރު ފުރަތަމަ އުފެއްދެވި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމާއި، ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެންބަރު ކަމާއި، މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމިޓެޑުގެ ބޯޑުގެ ޑިރެކްޓަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އިލެކްޝަންސް ކޮމިޝަނަރަށް ލަފާދޭ ކޮމިޓީގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔަރ ކުރެއްވީ، މި ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އުމުރުފުޅުން 60 އަހަރު ވުމުން، މި މަގާމުން ރިޓަޔަރ ކުރެއްވުމަށް އެ މަނިކުފާނު ވަނީ މާކުރިއްސުރެވެސް ނިންމަވާފައެވެ.

ގ. ފިޔާތޮށިގޭ ހަސަން ޞާބިރު

ގ. ފިޔާތޮށިގޭ ހަސަން ޞާބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ދީފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޤައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއާއި ޚާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޙަސަން ޞާބިރަށް އެރުވުމުން އިއްޒަތާ އާޢިލާގެ ފަރާތުން ހަވާލުވެވަޑައިގަތީ ޙަސަން ޞާބިރުގެ ދަރިކަނބަލުން ޢާއިޝަތު ރާނިޔާ ޞާބިރެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އުފެއްދެވި " ނޭޝަނަލް ޕްލޭނިން އެޖެންސީ" ގައި 1978 ވަނަ އަހަރު އެ އެޖެންސީގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަޤާމަށް ހަމަޖެއްސެވިއެވެ.

އިތުރު ތަޢުލީމާއި ތަޖުރިބާ ހޯއްދަވައިގެން ވަޑައިގެން ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަޤާމުގައި ހުންނަވައިގެން ފެއްޓވި އެންމެ މުހިއްމު މަސަކަތަކީ 1985 ވަނަ އަހަރުގެ ބޯހިމެނުން ތައްޔާރުކުރުމެވެ. ރާއްޖެއަށް ފުރަތަމަ ގެނުވި ކޮމްޕިއުޓަރ ގެނެސްފައިވަނީ އެ މަސައްކަތައްޓަކައެވެ. އެންމެ ޚާއްސަ ގެޮތެއްގައި ފާހަގަކޮށްލެވެނީ ހަމައެކަނި ދިވެހީނަނަށް އިސްކަންދެއްވައިގެން އެ ޕްރޮޖެކްޓްގެ އިސް މޭސްތިރިޔަކަށް ހަމަޖެއްސެވީ ޙަސަން ޞާބިރުއެވެ.

ހަސަން ޞާބިރު ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެންވެސް އެ ދާއިރާތަކުން މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން 1500 ޓަނުގެ މަސްފިނުކުރެވޭ ކާރުޚާނާއެއްފެ ބިންގާއި ކޫއްޑޫގައި އަޅުއްވައިދެއްވުމާއި ރާއްޖޭގައި އެއް މިލިަޔން ގަސް އިންދުމުގެ ޕްރޮގްރާމް ހިންގެވުން ފާހަގަކޮށްލެވެއެވެ. ޟިގެ އިތުރުން ދަނޑުވެރިކަމަށްތަކައި ފަޅުރަށްރަށް ކުއްޔަށް ދޫކުރައްވަން ފެއްޓެވީވެސް އެމަނިކުފާނުގެ ވަޒީރުކަމުގައެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގައި ހުންނަވައިގެން އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުވުމަށ ްމުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކެޕޭސިތީ ބިލްޑް ކުރެއްވުމަށާއި " ސަނީ ސައިޑް އޮފް ލައިފް"ގެ މޮޓީގެ ދަށުން ކުރައްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ޙަސަން ޞާބިރަކީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮލު އިތުރުބުރީގެ މެންބަރުކަން 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 އިން 2005 ވަނަ އަހރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަކަށް އަދާކުރައްވާފައވެ. އެހެންކަމުން ބަރުލަމާނީ ހަޔާތުގައިވެސް ޞާބިރު އަދާކުރެއްވި ދައުރު ފާހަގަކޮށްލެވެއެވެ. 2004 ވަނަ އހަރު ކުރިމަތިވި ސުނާމީ ކާރިސާގާއި ރައްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެހީ ހޯއްދެވުމަށް ކުރެއްވި މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ. މިނޫނަސް ޞާބިރަކީ ދިވެހި ރާއްޖެއަށް އެކި ދާއިރާތަކުން ޚިދުމަތް ކުރައްވާ އަދި މިޙާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކވެ. މިގޮތުން މިހާރު ދަޢުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 38 އަހަރު ވަނީ ވެފައެވެ.

ނިޝާން މުލީގެ އިއްޒަތް ލިބިވަޑަިއގެންފައިވާ ޤާސިމް އިބްރާހިމް

ޤާސިމް އިބްރާހިމަކީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ދާއިރާއަށް އަދި ތަޢުލީމީ ދާއިރާއަށާއި ދިވެހި ދަޢުލަތަށް އަގުހުރި ޚިދުމަތްތަކެއްކުރައްވާފައިވާވާތީއެވެ.

ޤާސިމް އިބްރާހީމަކީ، ދިވެހި އެތައް ރައްޔިތުންނަކަށް ބޭސްފަރުވާ ކޮށްދެއްވުމުގައިވެސް ކުރީ ސަފުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ވިލާ ފައުންޑޭޝަނުން ދިވެހި ރައްޔިތުންނަށް ބޭސްފަރުވާއަށް ކުރެވުނު ގިނަގުނަ މަސައްކަތުގައި، ދިވެހި އެތައްހާސް ރައްޔިތުންނެއްގެ ވޭނާއި ކެކުޅުންތަކަށް ލުއިކަމެއް ގެނެސްދެއްވުމަށްޓަކައި ޤާސިމް މަސައްކަތް ކޮށްދެއްވިއެވެ.

ޤާސިމް އިބްރާހީމަކީ، ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެ ޖަމުޢިއްޔާގެ ނައިބު ރައީސް ކަމުގެ މަގާމާއި، ރައީސް ކަމުގެ މަގާމު ދިގު މުއްދަތެއްގައި ޤާސިމް އަދާކުރެއްވިއެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޤާސިމް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަކީވެސް ވަރަށް އަގުހުރި ޚިދުމަތްތަކެކެވެ.

ދިވެހި ދަޢުލަތުގެ މަތިވެރި އިއްޒަތް އަރުވަނީ ދިވެހި ރާއްޖޭގެ ޤަނޫނު އަސާސީގެ 115 ވަނަ މާއްދާއިންނާއި ޤާނޫނު ނަންބަރު 1/97 ދިވެހިރާއްޖޭގެ އިއްޒަތުގެ ޤާނޫނުގެ ދަށުންނެވެ. ދިވެހި ދަޢުލަތުން މީހުންނަށް އެހެނިހެން އިއްޒަތާއި މެޑެއްޔާއި ލަޤަބާއި ކުލަ ކަނޑައެޅުމައީ އިއްޒަތާއި މެޑެއްޔާއި ލަޤަބާއި ކުލަ ދިނުން ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. މި އިއްޒަތް އަރުވާފައިވަނީ ބެރި ދުންމާރި ތާޅަފިލީގެ އަޑާއެކުގައެވެ.