ޚަބަރު

ލިޔެކިޔުންތައް ޑިޖިޓަލައިޒްކުރުމުން ކޯޓުތަކުގެ މަސައްކަތް އަވަސްވެ، ޖާގަ ތަނަވަސްވާނެ: ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ


  • ލިޔެކިޔުންތައް ޑިޖިޓަލައިޒްކުރުމުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައްވެސް އަވަސްވާނެ

  • ކޯޓުތަކަށް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ދަނީ ކޯޓު ކޮމްޕްލެކްސްއެއް އަޅަމުން

ކޯޓުތަކުން ބަލަހައްޓާ އެކިއެކި ލިޔެކިޔުންތައް ޑިޖިޓަލައިޒްކުރުމުން، ކޯޓުތަކުންކުރާ މަސައްކަތްތައް އަވަސްވެ، ކޯޓުތަކުގެ ޖާގަ ތަނަވަސްވާނެކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ މިހެން ވިދާޅުވީ ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓުގެ އައު އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުޞްޠަފާ ވިދާޅުވީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިންގަމުންދިޔަ އިމާރާތަކީ ވަރަށް ދުވަސްވެފައިވާ ބައު އިމާރާތެއް ކަމަށެވެ. އެހެންކަމުން ކޯޓުގެ ޝަރީޢަތްތަކަށް ބުރުއަރާ، މުވައްޒަފުންނަށް އެތައް ދަތިތަކަކާއި ކުރިމަތިލާންޖެހުނުކަމަށް އަމްޖަދު ވިދާޅުވިއެވެ. ނަމަވެސް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ލިބުނު އައު އިމާރާތާއެކު ކޯޓުތަކުގެ މަސައްކަތްތައް ފަސޭހަވެ، އަވަސްވާނެކަމަށް އަމްޖަދު ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިތުރުން މާލޭގައި ހިންގާ ސުޕީރިއަރ ކޯޓުތަކާއި މަތީ މަރުޙަލާތަކުގެ ކޯޓުތަކާއި ރަށްރަށުގައި ހިންގާ މެޖިސްޓްރޭޓް ކޯޓުތަކަށްވެސް ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށެވެ. އަދި މާލޭގެ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އަމްޖަދު ފާހަގަކުރެއްވިއެވެ.

"10 މެޖިސްޓްރޭޓް ކޯޓެއް ހިންގަމުންދަނީ ގެއެއް ކުއްޔަށް ހިފައިގެން. 53 މެޖިސްޓްރޭޓް ކޯޓު ހިންގަމުންދަނީ ކައުންސިލް އިދާރާތަކުގެ އިމާރާތުގެ ތެރޭގައި" ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ ކޯޓުތަކުގެ މަސައްކަތްތައް އަވަސްކުރުމަށް ޝަރުޢީ އަދި އިދާރީ ލިޔުންތަކާއި ކުށާއި ދަރަނީގެ ރިކޯޑުތައް ޑިޖިޓަލައިޒްކުރުން މުހިންމު ކަމަށެވެ. އަދި ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށްފިނަމަ، ކޯޓުތަކުގެ ޖާގަ އިތުރަށް ތަނަވަސްކުރެވި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފަސޭހަވާނެކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ.

"ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުން. ސުޕްރީމް ކޯޓަށް ބިން ހަމަޖައްސައިދީ، ކޯޓު ކޮމްޕްލެކްސްއެއް ހެދުމުގެ މަސައްކަތާއެކު، މި ދާއިރާއަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތުކަން ހާމަވެގެންދޭ" އަމްޖަދު ވިދާޅުވިއެވެ.

ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ޤާއިމުކުރި ޑްރަގްކޯޓާއި ކްރިމިނަލްކޯޓުގެ އައު އިމާރާތުގައި 15 ކޯޓު ރޫމް ޤާއިމުކޮށްފައިވެއެވެ. އަދި 17 ފަނޑިޔާރު ކޮޓަރިކޮޅާއި ފަނޑިޔާރުންނަށް ޚާއްސަ ބިއުރޯއެއްވެސް ޤާއިމުކޮށްފައި ހުރެއެވެ.

މާލޭގެ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިއީ ޢަދުލު އިންސާފުގެ ޔަޤީންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ގޮތުން އަދުގެ ސަރުކާރުން ފަށްޓަވާފައިވާ މުހިންމު މަސައްކަތެކެވެ. ކޯޓު ކޮމްޕްލެކްސްއާއެކު ޝަރީޢަތްތައް އަވަސްވެ، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.