ރާއްޖޭގައި ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގަކީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކަށް ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ވޮލީބޯޅައިގެ ތަޖުރިބާކާރު ކޯޗު އަޙްމަދު އަދީލް ބުނެފިއެވެ.
ޖުލައި މަހުގެ 17-23 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށްދިޔަ ކާވާ ޗެމްޕިއަންސް ލީގާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އަދީލް ބުނީ މިއީ މިއަހަރު ބަނގްލަދޭޝްގައި އޮންނަ މުބާރާތަށްދާ ރާއްޖޭގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ތަޖްރިބާއެއް ކަމަށެވެ. އަދި މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމުތަކުގެ ކުޅުން މިހާ ގާތުން ބަލާލަން ލިބުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.
“ވަރަށް ބޮޑު އެކްސްޕޯޝާއެއް މިލިބުނީ ސެންޓަރަލް އޭޝިއާ ޒޯނުގެ އެންމެ ރަނގަޅު ޓީމުތަކާއި އެކީ ކުޅެގެން” އަދީލް ބުންޏެވެ.
އެހެންކަމުން ބަނގަލްދޭޝްގައި މިއަހަރު އޮންނަ މުބާރާތަށް ރާއްޖޭގެ ގައުމީ ޓީމު ދާއިރު އެ މުބާރާތުން ނަތީޖާ ނެރެން ދިވެހި ޓީމަށް ކާވާ މުބާރާތަކީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އަދީލް ބުންޏެވެ.
ކާވާ ޗެމްޕިއަންސް ލީގުގައި ރާއްޖެއިން ވާދަކުރީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބު އެޗްޑީސީއެވެ. މި ދެ ކުލަބަކީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިތަކެއް ހިމެނޭ ދެ ކުލަބެވެ.
މި ދެ ކުލަބުގެ ކުޅުންތެރިންގެ ކުޅުމާއި ގުޅޭގޮތުން އަދީލް ބުނީ ކާވާ މުބާރާތުގައި ދެޓީމުންވެސް ފައިނަލާއި ހަމައަށް ދަތުރުނުކުރިނަމަވެސް ރަނގަޅު ވާދައެއް ކުރިކަމަށެވެ. އަދި މި މުބާރާތް ފެށިއިރު ރާއްޖޭގެ ކުޅުންތެރިން ތިބީ ވަރަށް ފޯރިގަދަ ލީގެއް ނިންމާފަކަމަށްވާތީ ކުޅުންތެރިން ތިބީ ވަރަށް ޖޯޝުގައި ކަމަށް އަދީލް ބުންޏެވެ.
ކާވާއަކީ ވަރަށް ބޮޑު މުބާރާތެއް ކަމަށާއި، މި މުބާރާތުގެ ސަބަބުން ރާއްޖެ ޕްރޮމޯޓްވެ ރާއްޖޭގެ ވޮލީވެސް ޕްރޮމޯޓްވެގެންދާނެ ކަަމަށް އަދީލް ފާހަގަ ކުރިއެވެ.
މިފަދަ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ހޯސްޓުކުރުމަކީ ކުރިޔަށް އޮތްތަނުގައިވެސް ރާއްޖެއަށް އިތުރު މުބާރާތައް ހޯސްޓް ކުރުމަށް ފުރުސަތުތައް ލިބުމަށް މަގުފަހިވާނެ ކަމެއް ކަމަށް އަދީލް ބުންޏެވެ.
މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭ ތަޖުރިބާގެ އިތުރުން ރާއްޖެއަށް ރީތިިނަންވެސް ލިބިގެންދާކަން ފާހަގަކޮށް އަދީލް ބުނީ ކާވާ މުބާރާތް ރާއްޖޭގައި ބޭއްވުމަށް މަގުފަހިކޮށްދެއްވީތީ ކުޅިވަރު ވަޒީރު އަބުދުالله ރާފިޢު އާއި ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ.