ޚަބަރު

ޑެސްޓިނޭޝަން ޕްރިންސިޕަލް: ފަތުރުވެރިކަމުގައި ވާދަވެރި މާހައުލެއް


  • ޤާނޫނަށް ހުށަހެޅި އިސްލާހުގައި އީކޮމާސް ޕްލެޓްފޯމްތައް ނުހިމެނޭ

  • ފުރިހަމައަށް ތަންފީޒުވާނަމަ 1.6 ބިލިޔަން ރުފިޔާގެ އާމްދަނީއެއް

ކޮންމެ ޤާނޫނަކީވެސް ޒަމާނަށް އަންނަ ބަދަލާއެކު އިސްލާހުތައް ގެނެސް ހަރުދަނާ ކުރަން ޖެހޭ ޤާނޫނެކެވެ.

މިވަގުތު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ހާސިލްކުރުމަށެވެ. މުޅިން އަލަށް ޓެކްސްއެއް ނަގައި ނުވަތަ ރައްޔިތުން އަތުން ޓެކްސް ނަގާ ރޭޓު މަތިކުރުމަކަށް ނޫނެވެ. މިއިސްލާހުގެ މައިގަނޑު ބޭނުމަކީ ޓެކްސް ބޭސް ފުޅާކުރުން ނުވަތަ ޓެކްސް ނެގޭ މީހުން އިތުރުކުރުމެވެ.

ޖީއެސްޓީ ޤާނޫނަށް ހުށަހެޅި އިސްލާހު

ސަރުކާރުން ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުން ކަމަށެވެ.

ބިލު އަމާޒުކޮށްފައިވަނީ ދިވެހިންނަށްވުރެ ބޮޑަށް ބޭރުގައި ހަރަކާތްތެރިވާ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށެވެ. މި ބިލުގައި އީކޮމާސް ޕްލެޓްފޯމްތަކާއި ސަބްސްކްރިޕްޝަން ޚިދުމަތްދޭ ބޭރުގެ ވިޔަފާރިތަކެއް ނުހިމެނެއެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލަކީ މުދާ ނުވަތަ ޚިދުމަތް ފޯރުވައިދިން ފަރާތް ކޮންމެ ތަނެއްގައި ހުރި ނަމަވެސް، ދިވެހިރާއްޖޭގައި ބޭނުންކުރާ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނުނެގުމެވެ. މިކަން ހާސިލުކުރުމަށްޓަކައި އިމްޕޯޓުކުރާ ވަގުތު ޖީއެސްޓީ ނެގުމާއި ރާއްޖޭން ބޭރުގައި ހިންގާ ވިޔަފާރިތަކުން ރާއްޖޭގައި ބޭނުންކުރާ ގޮތަށް މުދަލާއި ޚިދުމަތް ފޯރުވައިދޭ ނަމަ ޖީއެސްޓީ ރަޖިސްޓަރީ ކުރަންޖެހުން ހިމެނެއެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލް ރާއްޖެއަށް މުހިންމު

ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ދިވެހި ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނަކީ ޖީއެސްޓީ ނަގާ ދައްކާ ބައެއް ކަމުން، އެ ފަރާތްތަކުން ވިއްކާ ފަތުރުވެރިކަމުގެ ޕެކޭޖްތަކުގެ އަގާއި ބޭރުގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކުން ވިއްކާ ފަތުރުވެރިކަމުގެ ޕެކޭޖްތަކުގެ އަގުތަކުގައި ފަރަގެއް އޮވެއެވެ. އެފަރާތްތަކުން ޖީއެސްޓީ ނުނަގާ އަގުހެޔޮކުރުމުން ވާދަވެރިކަން ގެއްލި ދިވެހި ވިިޔަފާރިތަކަށް އެފަރާތްތަކާއި ވާދަކުރުމުގެ ފުރުސަތު ކުޑަވެއެވެ.

މިހާރު ޢަމަލުކުރަމުންދާ ޖީއެސްޓީ ނިޒާމުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި ޚިދުމަތެއް ދިނަސް، ޖީއެސްޓީއެއް ދައްކަން ނުޖެހެއެވެ. މިއީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްއެއް ނޫނެވެ. މިއީ ޚިދުމަތް ހޯދާ ފަރާތުގެ އަތުން ވިޔަފާރިތަކުން ނަގަން ޖެހޭ ޓެކްސްއެއް ކަމުން، މިކަމުގައި ވިޔަފާރިއަށް ކުރާ އަސަރުކުޑަވާނެއެވެ. އޭގެ ބަދަލުގައި ދިވެހި ވިޔަފާރިތަކާއި ބޭރުގައި ރަޖިސްޓްރީކޮށް ހިންގާ ވިޔަފާރިތަކުގެ މެދުގައި އުސޫލީ ގޮތުން ހަމަހަމަކަން ޤާއިމްކުރެވުނީއެވެ.

މި ބިލު އެކުލަވާލުމަށް ކުރެވުނު މަސައްކަތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ކުރި ދިރާސާތަކުން ޑެސްޓިނޭޝަން ޕްރިންސިޕަލް ސައްތައިން ސައްތަ ބިލުގައިވާ ގޮތަށް ތަންފީޒުވާނަމަ، ރާއްޖެއަށް ޖުމްލަ 1.6 ބިލިޔަން ރުފިޔާގެ އާމްދަނީއެއް އިތުރަށް ލިބޭނެއެވެ.

އާމްދަނީ

• އޯވަސީސް ޓްރެވަލް އޭޖެންޓު - 299.3 މިލިޔަން ރުފިޔާ
• ފޮރިން ޓުއަރ އޮޕަރޭޓަރ - 1,309.2 މިލިޔަން ރުފިޔާ
• ޖުމުލަ 1,608.5 މިލިޔަން ރުފިޔާ

ބޭރުގެ ވިޔަފާރިތަކުން ބަލައިގަންނާނެ

މިއީ ރާއްޖޭގައި އަލައް ތަޢާރަފްކުރާ ނިޒާމެއް ނޫނެވެ. މިއީ އޭޝިއާ އާއި ތަރައްގީވަމުން އަންނަކުދި ޖަޒީރާ ގައުމުތައް ހިމެނޭހެން، 60 އަށްވުރެ ގިނަ ގައުމުތަކުގައި ތަންފީޒުކުރަމުން އަންނަ ނިޒާމެކެވެ.

މިކަމުގައި ދެން އުފެދޭ ސުވާލަކީ ރާއްޖޭ ފަދަ ކުޑަ ޤައުމަކަށް ޓެކްސް ދައްކަން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް މަޖުބޫރުވާނެތޯއެވެ. ނަން ކޮމްޕްލަޔަންޓްވުމުގެ ސަބަބުން ބޮޑެތި ވިޔަފާރިތަކަށް އޮތް ރެޕިއުޓޭޝަނަލް ކޮސްޓާ ގުޅިގެން އެ ފަރާތްތަކުން ޓެކްސް އިދާރާތަކާއެކު އެންގޭޖްވެ ކޮމްޕްލަޔަންޓްވާނެކަމަށް 2022 ވަނަ އަހަރު އައިއެމްއެފް ފޯރުކޮށްދީފައިވާ ޓެކްނިކަލް އެސިސްޓަންސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިއީ ފަތުރުވެރިކަމަށް އޭގެ ބޮޑު އަސަރެއް ކުރާނެ ވަރުގެ ބަދަލެއް ކަމަށް، ކަމާއި ބެހޭ އިދާރާތަކުން އަދި ސަރުކާރުންވެސް ނުދެކެވެ. ނަމަވެސް ސަރުކާރުންވެސް ޔަޤީންކުރާ އެއް ކަމަކީ ސިޔާސަތުގެ ކާމިޔާބީ އެނގޭނީ ތަންފީޒުވާން ފެށުމުން ކަމެވެ. މިވަގުތު މަޖިލީހުގައި ބިލު އޮތް އިރު މީރާއިން ވަނީ ބިލު ފާސްވެއްޖެ ހާލަތަކަށް ތައްޔާރުވާން ފަށާފައެވެ.