ޚަބަރު

އިސާކް ގަންނަން ހުށަހެޅުމެއް އަދި ނުލިބޭ: އެޑީ ހޯވް


ނިއުކާސަލް ޔުނައިޓެޑުގެ ފޯވާޑް އެލެކްޒެންޑަރ އިސާކް ހޯދުމަށް ހުށަހެޅުމެއް އަދި ލިބިފައިނުވާ ކަމަށް އެ ޓީމުގެ ކޯޗު އެޑީ ހޯވް ބުނެފި އެވެ.

ސްވިޑަންއަށް އުފަން އުމުރުން 25 އަހަރުގެ އިސާކް ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ބޭނުންވާކަމަށް އަޑުއަރާފައިވާއިރު އޭގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ނިއުކާސަލް ޔުނައިޓެޑް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމުގެ ވާހަކަ ދެކެވެމުންދާއިރު ނިއުކާސަލްއިން އޭޝިޔާއަށް މިހާރު ކުރަމުންދާ ދަތުރުގައި އިސާކް ބައިވެރިވެފައެއް ނުވެއެވެ. މި ދަތުރުގައި އިސާކް ބައިވެރިވެފައިނުވަނީ އަނިޔާގެ ސަބަބުން ކަމަށް ނިއުކާސަލްއިން ކުރިން ބުނި ނަމަވެސް އޭނާ މި ދަތުރުގައި ބައިވެރިވެފައިނުވަނީ މުސްތަގުބަލާއިމެދު ވިސްނުމަށް ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

އިސާކް ހޯދުމަށް ލިވަޕޫލްއިން މަސައްކަތް ކުރަމުންދާއިރު އެ ކްލަބުން ވަނީ ދާދި ފަހުން 69 މިލިއަން ޕައުންޑުގެ ފީއަކަށް ހޫގޯ އެކިޓީކޭގެ ސޮއި ހޯދާފަ އެވެ. ނަމަވެސް އާނޭ ސްލޮޓް ދަނީ އަދިވެސް އެ ޓީމުގެ ކުރި ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭޝިޔާއަށް މިހާރު ކުރަމުންދާ ދަތުރުގައި ދެކުނު ކޮރެއާގެ ވެރިރަށް ސޯލް ގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އެޑީ ހޯވް ބުނެފައިވަނީ އިސާކް އަކީ އަދިވެސް އެ ކްލަބުގެ ކުޅުންތެރިއެއް ކަމަށެވެ.

"އިސާކް އަކީ އަދިވެސް މި ކްލަބުގެ ކޮންޓްރެކްޓެއްގައި ހުރި މި ކްލަބުގެ ކުޅުންތެރިއެއް. އަހަރެން އުންމީދު ކުރަން އަދިވެސް އަހަރެން އުންމީދު ކުރަނީ އޭނާ މި ކްލަބުގައި ހުންނާނެ ކަމަށް. ނަމަވެސް އެއީ އަހަރެންގެ އަތުގައި އޮތް ބާރެއް ނޫން." އެޑީ ހޯވް ބުންޏެވެ.

"އަހަރެންނަށް ޔަގީން ކަމާއިއެކު ދެންނެވޭނެ އިސާކް ހޯދުމަށް އަދި އެއްވެސް ކްލަބަކުން ހުށައެޅުމެއް ލިބިފައެއް ނެތް." އެޑީ ހޯވް އިތުރަށް ބުންޏެވެ.

2022 ވަނަ އަހަރު ސްޕެއިންގެ ރެއާލް ސޮސިއެޑާޑުން ނިއުކާސަލް ޔުނައިޓެޑް އާއި އިސާކް ގުޅިފައިވަނީ 60 މިލިއަން ޕައުންޑުގެ ފީއަކަށެވެ. އަދި އެ ކްލަބާއިއެކު އިސާކް ހަދާފައިވާ އެއްބަސްވުމުގައި އަދިވެސް ބާކީ ތިން އަހަރު އެބަ އޮތެވެ.

ނިއުކާސަލްއަށް މިހާތަނަށް އިސާކް ކުޅުނު 109 މެޗުގައި އޭނާ ވަނީ 62 ލަނޑު ޖަހާފަ އެވެ. އޭގެ ތެރެއިން މިދިޔަ ސީޒަނުގައި އޭނާ ވަނީ ހުރިހާ މުބާރާތެއްގައި ޖުމްލަ 27 ލަނޑު ޖަހާފަ އެވެ.