ޖުލައި މަހުގެ 30ވަނަ ދުވަހު ރަޝިޔާއަށް އައި ރިކްޓަރ މިންގަނޑުން 8.8ގެ ބާރުމިނުގެ ބިންހެލުމެއްގެ ސަބަބުން ޕެސިފިކް ސަރަޙައްދުގައި ވަނީ ސުނާމީއެއް އުފެދިފައެވެ. މި ބިންހެލުމަކީ ފާއިތުވި 14 އަހަރުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގެ ސަބަބުން ޕެސިފިކް ސަރަޙައްދުގެ އެތައް ޤައުމެއްގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގައެވެ. މި ބިންހެލުމަކީ މިހާތަނަށް ރެކޯޑުކުރެވިފައިވާ 6ވަނައަށް އެންމެ ބާރުގަދަ ބިންހެލުން ކަމުގައި ވަނީ ބެލެވިފައެވެ.
މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބާރުަގަދަ ބިންހެލުންތަކަށް ބަލާލާނަމެވެ.
މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބާރުގަދަ ބިންހެލުން އައިސްފައި ވަނީ 1960ވަނަ އަހަރުގެ ތެރޭގައި ޗިލިގެ ބިއޯބިއޯއަށެވެ. ރިކްޓަރ މިންގަނޑުން 9.5ގެ ބާރުމިނުގެ ބިންހަލުމަށް ވަލްޑިވިއާ ބިންހެލުމޭ ވެސް ކިޔައެވެ. މި ބިންހަލުމުގައި 1،655 މީހުން މަރުވެ، ދެ މިލިއަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ދެވަނައަށް އެންމެ ބާރުގަދަ ބިންހެލުން އައިސްފައި ވަނީ 1964ވަނަ އަހަރު އެމެރިކާގެ އަލަސްކާއަށެވެ. ދަ ގްރޭޑް އަލަސްކާ އަރތުކުއޭކްގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 9.2ގައެވެ. އެ ކާރިޘާގައި 35 ފޫޓުގެ ސުނާމީއެއް އުފެދިފައިވެއެވެ.
ދެން އައި އެންމެ ބާރުގަދަ ބިންހެލުމަކީ 2004ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު އިންޑޮނޭޝިޔާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމެވެ. ރިކްޓަރ މިންގަނޑުން 9.1ގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން ބިޔަ ސުނާމީތައް އުފެދިފައިވެއެވެ. އެ ހާދިޘާގައި 280،000އަށްވުރެ ގިނަ މީހުން މަރުވިއިރު، ދެކުނު އޭޝިޔާއާއި އިރުމަތީ އެފްރިކާގައި 1.1 މިލިޔަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ހަތަރުވަނައަށް އެންމެ ބާރުގަދަ ބިންހެލުމުގެ ގޮތުގައި ރެކޯޑު ކުރެވިފައި ވަނީ 2011ވަނަ އަހަރު ޖަޕާނުގެ ޓޯހޮކުއަށް އައި ރިކްޓަރ މިންގަނޑުން 9.1ގެ ބާރުގަދަ ބިންހެލުމެވެ. އެ ބިންހެލުމުގެ ސަބަބުން ވެސް ސުނާމީ އުފެދިފައިވެއެވެ. އެ ކާރިޘާގައި 15،000 މީހުން މަރުވެ، 130،000 މީހުންގެ ގެދޮރު ގެއްލިފައިވެއެވެ.
ފަސްވަނައަށް އެންމެ ބާރުގަދަ ބިންހެލުމުގެ ގޮތުގައި މިހާތަނަށް ރެކޯޑުކޮށްފައި ވަނީ 1952ވަަނަ އަހަރު ރަޝިޔާގެ ކަމްޗަޓްކާ ކްރާއީއަށް އައި ބިންހެލުމެވެ. އެއީ މި ފަހަރު ވެސް ބިންހެލުން އައި ސަރަޙައްދެވެ. ރިކްޓަރ މިންގަނޑުން 9.0 ބާރުމިނުގެ ބިންހެލުމުގެ ސަބަބުން ވެސް ބިޔަ ސުނާމީއެއް އުފެދިފައިވެއެވެ. އެމެރިކާގެ ހަވާއީއަށް އެ ސުނާމީގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު އެއް މިނިޔަން ޑޮލަރަށްވުރެ އިތުރުވިއެވެ.
ހަވަނައަށް އެންމެ ބާރުގަދަ ބިންހެލުމުގެ ގޮތުގައި މިހާތަނަށް ރެކޯޑުކުރެވިފައި އޮތީ ޗިލީގެ ބިއޯބިއޯއަށް 2010ވަނަ އަހަރު އައި ބިންހެލުމެވެ. ރިކްޓަރ މިންގަނޑުން 8.8 ބާރުމިނުގެ މި ބިންހެލުމުގައި 523 މީހުން މަރުވެ، 370،000އަށްވުރެ ގިނަ ގެދޮރު ވަނީ ސުންނާފަތިވެފައެވެ.
އެކުއަޑޯގެ އެސްމެރަލްޑަސްއަށް 1906ވަނަ އަހަރު އައި ރިކްޓަރ މިންގަނޑުން 8.8ގެ ބާރުގަދަ ބިންހެލުން ރެކޯޑުކުރެވިފައި ވަނީ މިހާތަނަށް އައި ހަތްވަނައަށް އެންމެ ބާރުގަދަ ބިންހެލުމުގެ ގޮތުގައެވެ. އެ ކާރިޘާގައި ބިޔަ ސުނާމީއެއް އުފެދި، 1،500 މީހުން މަރުވެފައިވެއެވެ. އެ ސުނާމީ އެމެރިކާގެ ސެން ފްރަންސިސްކޯއާ ހަމައަށް ފޯރާފައިވެއެވެ.
ދެން އެންމެ ބާރުގަދަ ބިންހެލުމެއްގެ ގޮތުގައި ރެކޯޑުކުރެވިފައި ވަނީ 1965ވަނަ އަހަރު އެމެރިކާގެ އެލަސްކާއަށް އައި ރިކްޓަރ މިންގަނޑުން 8.7 ބާރުމިނުގެ ބިންހެލުމެކެވެ. އެ ފަހަރު ވެސް 35 ފޫޓުގެ ރާޅު ނެގި ބިޔަ ސުނާމީއެއް ބިންހެލުމުގެ ސަބަބުން އުފެދިފައިވެއެވެ.
ނުވަ ވަނައަށް އެންމެ ބާރުގަދަ ބިންހެލުމުގެ ގޮތުގައި ރެކޯޑުކުރެވިފައި ވަނީ އިންޑިޔާގެ އަރުނަޗަލް ޕްރަދޭޝަށް 1950ވަނަ އަހަރު އައި ބިންހެލުމެވެ. ރިކްޓަރ މިންގަނޑުން 8.6ގެ ބާރުގަދަ ބިންހެލުމުގައި 780 މީހުން މަރުވެފައިވެއެވެ.
2012ވަނަ އަހަރު އިންޑޮނޭޝިޔާގެ ސުމަޓްރާއަށް އައި ރިކްޓަރ މިންގަނޑުން 8.6ގެ ބިންހެލުމަކީ މިހާތަނަށް ރެކޯޑުކުރެވިފައިވާ 10ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. އެ ބިންހެލުމުގެ ސަބަބުން އެހާ ގިނަ ޢަދަދެއްގެ މީހުން މަރުވެފައެއް ނުވެއެވެ.