ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއަރުވައި، ވަސީލަތްތައް ގާއިމުކުރުމާ ގުޅޭ ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕާޓްނަޝިޕް އެއްބަސްވުމެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ސޮއިކޮށްފިއެވެ.
ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޝަރީފެވެ. އެމްބީއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އަޙްމަދު އާދަމް (އެޑަމް) އެވެ.
ބީއެމްއެލް އާއި ބާސްކެޓްބޯޅަ އެސޯސިއޭޝަނާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބީއެމްއެލްއިން އިންޑޯ ބާސްކެޓްބޯޅަ އެރީނާ ތަރައްގީކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
އަދި ރާއްޖޭގެ މައި ދެ ޓޯނަމަންޓް ކަމަށްވާ ގައުމީ ބާސްކެޓްބޯޅަ ލީގާއި ގައުމީ 3 އޮން 3 ލީގު ކުރިޔަށް ގެންދިއުމަށް އެހީތެރިވެދިނުމާއި ވާދަވެރި ޕްލެޓްފޯމުތައް އުފައްދާ ރާއްޖޭގެ އެތުލީޓުން ތަމްރީނުކޮށްދިނުމަށް ބީއެމްއެލްއިން އެހީތެރިވެދިނުމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.
ރާއްޖޭގައި އިންޑޯ ބާސްކެޓް ބޯޅަ އެރީނާއެއް އެޅުމަކީ ބާސްކެޓްބޯޅަ ކޮމިއުނިޓީން ވަަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. އަދި އައުޓްޑޯ ކޯޓުތަކުގެ ފެންވަރު މަތިކޮށް އިތުރު ކޯޓުތައް ތަރައްގީކުރުމަކީވެސް ބާސްކެޓް ކޮމިއުނިޓީއަށް ދިމާވެފައިވާ ވަސީލަތްތަކުގެ ދަތިކަން ހައްލުކުރުމަށް ނުހަނު ބޭނުންވާ ކަންކަމެވެ.
މިވަގުތު ބާސްކެޓަށް ހާއްސަ އިންޑޯ ކޯޓެއް ނެތުމުގެ ސަބަބުން ފަރިތަކުރުންތަކާއި މުބާރާތްތަކަށް ބޭނުން ކުރަނީ ވޮލީ ބޯޅަ އާއި ނެޓްބޯޅައަށްވެސް ބޭނުން ކުރާ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓެވެ.