ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުން އިތުރަށް ބަދަހިވެ ކުރިއަރާނެކަމަށް ޔަޤީންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ވަޑައިގަތީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. އަދި އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު ވަނީ ފުރާވަޑައިގެންފައެވެ.
ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅާގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިވުމާއި ގުޅިގެން މަސައްކަތްކުރުމުގައި އައު ހަރުފަތަކަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަން ފާހަގަކުރައްވާފައެވެ.
މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ގިނަ ފައިދާތަކެއް ވާނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ތަންފީޛުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
As His Excellency President @anuradisanayake concludes his first State Visit, I am confident that Maldives–Sri Lanka friendship and cooperation have entered a new phase of deeper understanding and reciprocity, promising greater benefits for the peoples of both countries.
— Dr Mohamed Muizzu (@MMuizzu) July 30, 2025
We…
ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާތައްކުރެއްވިއެވެ. މިގޮތުން ޤާބިލުކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާ އާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ކާނާގެ ރައްކާތެރިކަމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ވައިގެ ގުޅުންތައް ހަރުދަނާކުރުމާ ގުޅެގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދު ޤާނޫނީ ގޮތުން އެއްބާރުލުންދޭން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމު އެއްބަސްވުމުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. މި ދަތުރުފުޅުގައި ލަންކާގެ ރައީސް ވަނީ ރާއްޖޭގެ ސަރުކާރުގެ ވަޒީރުންނާވެސް ބައްދަލުކުރައްވާފައެވެ.