ދިވެހިރާއްޖޭގެ އާރޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެސެސްމެންޓް ރިފޯޓް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަސްލާ ކުރާ މާލަމުގައި މިކަމަށްޓަކައިބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރިފޯޓް އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި (އެންސީއައިޓީ)ގެ ވެރިޔާ ޑރ. މުޙައްމަދު ކިނާނަތު އަދި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސްއެވެ.
މި މަސައްކަތަކީ ޔުނެސްކޯ ގެ އިސްނެންގެވުމުގެ މަތިން، އެންސީއައިޓީ އާއި އެކު ތަފާތު އެކި ދާއިރާތައް ތަމްސީލްވާގޮތަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީއަކުން ފާއިތުވި 10 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.
އޭއައި ރެޑިނަސް އެސެސްމެންޓް ރިޕޯޓާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ، މިއީ ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެއަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށާއި، މި ރިޕޯޓުގެ ސަބަބުން ޓެކްނޮލޮޖީއާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ތަންފީޒުކުރުމުގައި އިތުރު އެހީތެރިކަމެއް ލިބިގެންދާނެކަމަށެވެ.
"ޖުމްލަކޮށް ބަލަންޏާ މި ރިޕޯޓަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ޕޮސިޓީވް ރިޕޯޓެއް. މީގަ ހުރި ކަންތައްތަކުގެ ތެރޭގައި ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖެ ވަރަށް ބޮޑަށް ރެޑީ އޭއައި އަށްދާން. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާ ގޮތުން ކުރިއަށްއޮތްތަނުގަ ގިނަ މަސައްކަތްތަތކެއް އޭއައި މެދުވެރިކޮށް ކުރެވޭނެ" ޑރ. ކިނާނަތު ވިދާޅުވިއެވެ.
މީގެއިތުރުން ޑރ. ކިނާނަތު ވިދާޅުވީ، މިފަދަ ރިޕޯޓެއްގެ ބޭނުމަކީ، ދުނިޔޭގައި މިވަގުތު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސްގެ އެންމެ ފުރިހަމަ ލާބަޔާއި މަންފާ ދެމެހެއްޓެނިވި ގޮތެއްގައި އެންމެނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުންކަމަށެވެ. އަދި މި ރިޕޯޓަކީ އިންސާނީ ކަރާމާތައް ގެއްލުން ނުވާފަދަ ގޮތެއްގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ރާއްޖެއިން ތައްޔާރުވެފައިވާ މިންވަރު ދެނެގަނެވޭނެ ރިޕޯޓެއްކަމަށެވެ.
މި އޭއައި ރެޑިނަސް އެސެސްމެންޓް ރިޕޯޓަކީ، ޔުނެސްކޯގެ އިސްނެންގެވުމުގެ މަތިން އެންސީއައިޓީއާއެކު ތަފާތު އެކި ދާއިރާތައް ތަމްސީލުކުރައްވާ ގޮތަށް ނެރުނު ރިޕޯޓަކަށްވާއިރު، ދިވެހިރާއްޖެއަކީ މުޅި ސައުތު އޭޝިޔާގައިވެސް އޭއައި ރެޑިނަސް އެސެސްޓެންޓް ރިޕޯޓެއް ތައްޔާރުކުރެވުނު ފުރަތަމަ ޤައުމުކަން ޑރ. ކިނާނަތު ފާހަގަކުރެއްވިއެވެ.
"މި ރިޕޯޓަކީ ވަރަށް މުހިންމު ރިޕޯޓެއް. ދެން މި ބާވަތުން އަޅުގަނޑަށް އެގިފަ އޮތް ގޮތުން އެންމެ ފުރަތަމަ ތައްޔާރުކުރެވުނު ރިޕޯޓް އަދި ސައުތް އޭޝިޔާއަށް ބަލަންޏާ ދިވެހިރާއްޖެއަކީ އެންމެ ފުރަތަމަ ޤައުމު އޭއައި ރެޑިނަސް އެސެސްޓެންޓް ރިޕޯޓް ތައްޔާރުކުރެވުނު. އެހެންވީމަ އެގޮތުންވެސް ވަރަށް އުފާވެރި ދުވަހެއް މިއަދު މިއީ" ޑރ. ކިނާނަތު ވިދާޅުވިއެވެ.
އޭއައި ރެޑިނަސް އެސެސްމްނެޓް ރިޕޯޓް އެކުލަވާލާފައިވަނީ ޔުނެސްކޯއިން 2021 ވަނަ އަހަރު އެކަށައަޅައި، 193 ޤައުމަކުން ތަސްތީދުކޮށްފައިވާ "ރިކޮމެންޑޭޝަން އޮން އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް" އަސާސަކަށް ބަލައި އޭގައިވާ ގޮތުގެ މަތިން މުޖުތަމައުގެ އެންމެން ހިމެނޭގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު، އިންސާނީ ހައްޤުތަކާއި ކަރާމާތް ނުގެއްލޭފަދަ ގޮތަކަށެވެ.
އަދި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކޮށްދޭނެ އުސޫލްތަކެއްގެ މަތިން ކަންކަން ބައްޓަންކޮށް މުޖުތަމައުގެ ލާބަޔާ މަންފާ ހިމެނޭގޮތަށް އޭއައި ގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ އިތުރުން މިކަންކަން ހާސިލްކުރުމުގައި ޒިންމާދާރުކަމާއި، ދެފުށް ފެންނާނޭހެން ފަރުދުންގެ ޒާތީ މައުލޫމާތަށް ރައްކާތެރިވުމަށް ބާރުއެޅުންވެސް މި އޮނިގަޑުގެ މަޤްސަދުތަކުގެތެރޭގައި ހިމެނެއެވެ.