މިދިޔަ ހޮނިހިރުދުވަހު ރަސްމީކޮށް ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭގެ އައު ޓާމިނަލްއިން މިހާތަނަށް 2000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާކަމަށް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
ވެލާނާ އެއަޕޯރޓުގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދޭން ނިންމާފައިވަނީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓަށެވެ. އަދި އެހެން އެއަރލައިންތަކަށް ސެޕްޓެމްބަރުމަހުގެ ނިޔަލަށްދާއިރު ޓަރމިނަލް ހުޅުވާލުމަށް އެމްއޭސީއެލްއިން ދަނީ މަސައްކަތްކުރައްވަމުންނެވެ.
މި ޓާމިނަލުން ފުރަތަމަ ޚިދުމަތްދިން އެއަރލައިންގެ ޝަރަފް ލިބިގެންދިޔައީ ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއަށެވެ. އައު ޓަރމިނަލުން ފުރަތަމަ ޚިދުމަތްދޭ އެއަރލައިނަކަށް މޯލްޑިވިއަން ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއަރލައިނަށް ދެއްވާ ޚާއްސަ އިސްކަމުގެ ތެރެއިންނެވެ.
މިނިވަން ދުވަހާއި ގުޅުވައިގެން މިދިޔަ ހޮނިހިރު ދުވަހު ހުޅުވި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ އޮޕަރޭޝަންތައް ރަސްމީކޮށް ފެއްޓެވީ މިދިޔަ އާދީއްތަދުވަހުއެވެ. އެގޮތުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން, މޯލްޑިވިއަންގެ މަތިންދާބޯޓަކަށެވެ.
އެމްއޭސީއެލްއިން ވިދާޅުވީ އާދީއްތަދުވަހު އޮޕަރޭޝަންތައް ފެށި އައު ޓަރމިނަލްއިން ބުދަދުވަހުގެ ނިޔަލަށް ހަމައިން އިއްޔެގެ ނިޔަލަށް އައު ޓާރމިނަލްއިން މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ހިދުމަތް ދީފައިވާކަމަށެވެ. އަދި ޖުމްލަ 2410 ފަސިންޖަރުންނަށް މިހާތަނަށް އައު ޓަރމިނަލްއިން ހިދުމަތް ދީފައިވާކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 956 ފަސިންޖަރަކާއި ރާއްޖެ އައި 1454 ފަސިންޖަރެކެވެ.
ވީއައިއޭގެ އައު ޓާމިނަލްއަށް ބައިނަލްއަގުވާމީ ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިންނެވެ. އެކަން ކުރާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެންކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ. އަދި އެ މަރުހަލާގެ ތެރެއިން އެއަރލައިންތައް އައު ޓަރމިނަލްއަށް ބަދަލުކުރަމުން ގޮސް، މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލުކުރާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިލަނުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ.
މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ހާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ. ހަމަމިއާއެކު ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.