މިފްކޯގެ އައު މަސް ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.
މާލޭ ނޯތު ހާބަރުގައި ހުޅުވި މި ފިހާރައަކީ މާލެ ސިޓީގައި ހުޅުވި މިފްކޯގެ 4 ވަނަ މަސް ފިހާރައެވެ.
މިފްކޯ މަސް ފިހާރައިގެ އައު ފިހާރަ ހުޅުވައިދެއްވީ މިފްކޯގެ ސޭލްސް މެނޭޖަރ ޢަބްދުﷲ ރަޝީދެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިފްކޯގެ ޖެނެރަލް މެނޭޖަރ، ސޭލްސް އެންޑް މާކެޓިން އައިޝަތު ރިޔާޒާ ވިދާޅުވީ، މާލޭ ނޯތު ހާބަރުގައި މިފްކޯ މަސްފިހާރައެއް ހުޅުވީ އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް، ވީހާވެސް ލުއިފަސޭހަގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ.
"މި ސަރަޙައްދަކީ މާލޭގެ ވިޔަފާރިވެރިންނަށް ޚިދުމަތް ހޯދުމަށް އެންމެ މުހިންމު އެއް ސަރަޙައްދު. އަތޮޅުތެރޭގަ ވެއްޖެއްޔާމުން ގިނަ އޮޑިފަހަރުން މުދާ މި ގެންދަނީ. އަޅުގަނޑުމެންގެ މަޤްސަދަކީ ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގަ ޚިދުމަތް ދިނުން. އެހެންވީމަ އަޅުގަނޑުމެން މި ސަރަޙައްދުގައި އައުޓްލެޓެއް މި ހުޅުވީ" ރިޔާޒާ ވިދާޅުވިއެވެ.
ރިޔާޒާ ވިދާޅުވީ، އަލަށް ހުޅުވި މި ފިހާރައިން އާންމުކޮށް މިފްކޯގެ ފިހާރަތަކުން ލިބޭ ހުރިހާ ބާވަތްތަކެއްގެ މަހުގެ އުފެއްދުންތައް ލިބޭނެކަމަށެވެ.
"މި ފިހާރަ އަމާޒުކޮށްފައި މިހިރީ ވިޔަފާރިވެރިން މައިގަނޑުގޮތެއްގައި ނަގާ ޕްރޮޑަކްޓްސްތަކެއް ކަމަށްވާ ތެޔޮ މަސްދަޅު، ފެން މަސްދަޅާއި އާންމުކޮށް ނަގާ މަސްދަޅުގެ ބާވަތްތައް ދެން ވަޅޯމަސްވެސް ހުންނާނެ. އިތުރު އުފެއްދުންތައްވެސް ބޭނުންވަންޏާ އަޅުގަނޑުމެންނަށް އަންގާލީމަ ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދޭނަން" ރިޔާޒާ ވިދާޅުވިއެވެ.
ނޯތް ހާބަރުގައި ހުޅުވި މިފްކޯގެ މަސްފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަހާއި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 6:00 އަށްކަމަށް މިފްކޯއިން ވިދާޅުވެއެވެ.