ޚަބަރު

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 238 މިލިޔަން ރުފިޔާ


  • ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުން

  • މޯބައިލް ޚިދުމަތްތަކުން 373 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނު

  • ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 302 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިނު

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 238 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 2.1 އިންސައްތަ އިތުރު އަދަދެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.

ދިރާގުން އާއްމުކޮށްފައިވާ 2025ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށްވަނީ 373 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯބައިލް ޚިދުމަތްތަކުން އެކުންފުންޏަށް ލިބިފައިވަނީ 371 މިލިޔަން ރުފިޔާއެވެ. މިއީ 0.5 އިންސައްތަ އިތުރު އަދަދެކެވެ.

މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީ އިތުރުވެފައިވީނަމަވެސް ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަަނަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 302 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބުނު 305 މިލިޔަން ރުފިޔާގެ އާމްދަނީއާއި އަޅާ ބަލާއިރު 0.9 އިންސައްތަ ދަށް އަދަދެކެވެ.

މިއާއެކު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ވަނީ 696 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީއަށް ލިބުނު 698 މިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު 0.3 އިންސައްތަ ދަށް އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ދިރާގަށް ވަނީ 279 މިލިޔަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ މިއަހަރުގެ ފުރަތަަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 273 މިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު 2.2 އިންސައްތަ އިތުރު އަދަދެކެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު އިތުރުވެފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު އެކުންފުންޏަށް ލިބުނު ސާފު ފައިދާވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުުގައި ސާފު ފައިދާގެ ގޮތުގައި ދިރާގަށް 238 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަަށް އާމްދަނީގެ ގޮތުގައި ލިބުނު 233 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު 2.1 އިންސައްތަ އިތުރު އަދަދެކެވެ.