މިމަހު ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމި ޓެނިސް މުބާރާތް އައިޓީއެފް ޖޭ30 ގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ހިސާބަށް ދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވެއްޖެއެވެ.
މި މުބާރާތަށް ވަމުންދާ ތައްޔާރީތައް ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން އިގްނާޒް ވިދާޅުވީ ފަރިތަކުރުންތައް ވަރަށް ރަނގަޅަށް ކުރިޔަށްދާކަމަށެވެ. އަދި ރާއްޖޭގެ ކުޅުންތެރިންގެ އިންޓަނޭޝަނަލް އެކްސްޕޯޝަރ ކުރިޔަށްވުރެ ރަނގަޅު ކަމަށާއި، ކުރިއާއި ހިލާފަށް ބޭރު ކުޅުންތެރިންނާ އެކު ވަރަށް ގިނައިން ކުޅެ ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ތަޖްރިބާ ލިބޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
އަދި ބައިނަލްއަގްވާމީ ކުޅުންތެރިން ގެންގުޅޭ އުކުތައް ދަސްކޮށް ބޭރު ކުޅުންތެރިންނާއެކު ކުޅެން ޖެހިލުން ނުވާ މިންވަރަށް ދިވެހި ކުޅުންތެރިން ތައްޔާރު ކަމަށް އިގްނާޒް ފާހަގަ ކުރެއްވިއެވެ.
ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް ގެނެސްގެން މިފަދަ މުބާރާތްތައް ކުޅުން މިއީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އައިޓީއެފް ޖޭ 30 ރާއްޖެއިން ހޯސްކުރުން މިއީ ރާއްޖެއަށް މޮޅުވާން ލިބޭ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށް އިގްނާޒް ވިދާޅުވިއެވެ.
އިގްނާޒް ވިދާޅުވީ ރާއްޖޭގައި މިދިޔަ އަހަރުގެ ޑިސެމްބަރުގައި ބޭއްވި ބައިނަލްއަގްވާމީ މުބާރާތުގައިވެސް ޗެމްޕިއަންކަން ލިބުނީ ދިވެހި ކުޅުންތެރިއަކަށް ކަމަށާއި އެހެންކަމުން އައިޓީއެފް ޖޭ 30 އާއި މެދު ކުރެވޭ އުންމީދު ބޮޑު ކަމަށެވެ.
އީރާން ތަޖްރިބާކާރު ކޯޗެއްގެ އިރުޝާދާއިއެކު ކުރިޔަށްދާ ފަރިތަކުރުންތަކާއި ގުޅޭ ގޮތުން އިގްނާޒް ވިދާޅުވީ ފަރިތަކުރުންތައް ދާ ގޮތް ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެހެންނަމަވެސް އަދި މުޅި ޓީމަށް އެއްކޮށް ފަރިތަކުރުންތަކުގައި ބައިވެރި ނުވެވޭ ކަމަށާއި، ބައެއް ކުޅުންތެރިން މިވަގުތު އަންނަނީ ބޭރުގައުމުތަކުގެ މުބާރާތްތަކުގައި ކުޅެމުން ކަމަށާއި، ބޭރު ގައުމުތަކުގައި ޓްރޭނިންތައް ހަދަމުންދާ ކުޅުންތެރިންވެސް އެބަ ތިބި ކަމަށް އިގްނާޒް ވިދާޅުވިއެވެ. އެ ކުޅުންތެރިން އަންނަ ހަފްތާގައި ރާއްޖެ އައިސް ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައިޖީއެފް ޖޭ 30 މުބާރާތަކީ އޮގަސްޓް 16 އިން 30 އަށް މާލޭ ޓެނިސް ސްޓޭޑިއަމްގައި ކުރިޔަށް ގެންދަން ނިންމާފައިވާ 18 އަހަރުން ދަށުގެ ދެ ޖިންސުގެ ކުދިންނަށް ހާއްސަ މުބާރާތެކެވެ. މިި މިބާރާތުގައި 35 ގައުމަށްވުރެ ގިނަ ގައުމުތަކުން ބައިވެރިވާއިން އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، އޮސްޓްރޭލިއާ އަދި ކެނެޑާގެ މޮޅެތި އެތުލީޓުން ވާދަކުރާނެއެވެ.
ޖުމްލަ 32 ކުދިންގެ ކޮލިފައިން ޑްރޯއަކާއި އެކު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަށް ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމު ތައްޔާރުވަމުން އަންނަނީ މިދިޔަ އަހަރުވެސް ޖޫނިއާ ގައުމީ ޓީމަށް އިރުޝާދުދިން ތަޖްރިބާކާރު އީރާނުގެ ކޯޗުގެ އިރުޝާދުގެ ދަށުންނެވެ.