ޚަބަރު

ޗެލްސީގެ ޑިއުސްބަރީ ހޯލް އެވަޓަން އަށް


ޗެލްސީގެ މިޑްފީލްޑަރ ކިއެނާން ޑިއުސްބަރީ ހޯލް 28 މިލިއަން ޕައުންޑަށް އެވަޓަން އިން ގަންނަން އެއްބަސްވެއްޖެ އެވެ.

އުމުރުން 26 އަހަރުގެ ޑިއުސްބަރީ ހޯލް ގަންނަން އެވަޓަން އިން އެއްބަސްވެފައިވާއިރު އޭނާގެ ޓްރާންސްފަރ ފީގެ ގޮތުގައި އެވަޓަން އިން ފުރަތަމަ ދޭނީ 24 މިލިއަން ޕައުންޑެވެ. އަދި އެޑްއޮންގެ ގޮތުގައި އިތުރު ހަތަރު މިލިއަން ޕައުންޑް ދޭނެ ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ޑިއުސްބަރީ ހޯލް ހޯދުމަށް ޕްރިމިއާ ލީގުގެ ފުލަމް އިން ވެސް ފަހުން ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް އޭނާ ވަނީ ފުރަތަމަ ޗެލްސީ ދޫކޮށްލަން ބޭނުންނުވާކަމަށް ބުނެފަ އެވެ.

2024 ވަނަ އަހަރު ލެސްޓަރ ސިޓީ އިން ޗެލްސީ އާއި ގުޅުނު ޑިއުސްބަރީ ހޯލް ވަނީ ނިމިގެންދިޔަ ސީޒަނުގައި ޗެލްސީ އިން ޔޫއެފާ ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރި އިރު ބައެއް މެޗުތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ޗެލްސީ އިން ނެދަލޭންޑްސްގެ ހަޓޯގެ ސޮއި ހޯދުމަށްފަހު މިހާރު އެ ޓީމުން މަސައްކަތް ކުރަމުންދަނީ ސްކޮޑް ބެލެންސް ކުރުމަށްޓަކައި ބައެއް ކުޅުންތެރިން ވިއްކާލުމަށެވެ. އެގޮތުން ޗެލްސީގެ އާމަންޑޯ ބްރޯހާ އާޢި ކާނޭ ޗުކުވުއެމޭކާ ދޫކޮށްލުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ޔޫއެފާގެ ފައިނޭންޝަލް ފެއަރ ޕްލޭ އާއި އެއްގޮތަށް އަމަލު ކުރުމަށްޓަކައި ޗެލްސީ އަށް މަޖުބޫރު ވެފައިވަނީ ކޮންފަރެންސް ލީގުގައި ވާދަކުރި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންތަކެއް އެ ކްލަބުން ވިއްކާލުމަށެވެ. އެހެން ނޫން ކަމަށް ވާނަމަ އެ ޓީމާއި އަލަށް ގުޅުނު ޖޮއާއޯ ޕެޑްރޯ, ޖެމީ ގިޓެންސް އަދި ލިއާމް ޑެލަޕް ފަދަ ކުޅުންތެރިން ޗެމްޕިއަންސް ލީގުގެ ސްކޮޑުގައި ރަޖިސްޓަރީ ކުރުމުގައި ޗެލްސީއަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެ އެވެ.