ޚަބަރު

މިދިޔަމަހު ކްލިއަރކުރި ކޮންޓެއިނަރުގެ އަދަދު %6 އިތުރު


  • މިދިޔަމަހު 6320 ކޮންޓެއިނާރ ވަނީ ކްލިއާރކޮށްފައި

  • ޖޫން މަހު ކްލިއާރކޮށްފައިވަނީ 5،940 ކޮންޓެއިނަރ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން މިދިޔަމަހު ކްލިއަރކުރި ކޮންޓެއިނާރގެ އަދަދު އޭގެކުރީމަހާއި އަޅާބަލާއިރު 6 އިންސައްތަ އިތުރުކަމަށް އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.

އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު 6320 ކޮންޓެއިނަރ ވަނީ އެކުންފުނީގެ ބަނދަރުން ކްލިއަރކޮށްފައެެވެ. މީގެ ތެރޭގައި 20 ފޫޓުގެ 2،380 ކޮންޓެއިނަރާއި، 40 ފޫޓުގެ 1،970 ކޮންޓެއިނަރު ހިމެނޭކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

މިދިޔަމަހު 6320 ކޮންޓެއިނަރ އެމްޕީއެލްއިން ކްލިއަރކޮށްފައިވާއިރު މިއީ އޭގެ ކުރީ މަހު ކްލިއަރކުރި 5940 ކޮންޓެއިނަރއާ އަޅާބަލާއިރު 380 ކޮންޓެއިނަރ އިތުރު އަދަދެކެވެ.

ޖުލައިމަހު އެމް.ޕީ.އެލްގެ ބަނދަރުގެ ޚިދުމަތް ހޯދި އުޅަނދުފަހަރުގެ ތެރޭގައި 20 ކޮންވެންޝަނަލް އުޅަނދާއި 16 ކޮންޓެއިނަރު ބޯޓު ހިމެނެއެވެ. އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް މުދަލުގެ ތެރެއިން އެންމެ ގިނައިން ޖުލައ މަހު ކްލިއަރކުރެވިފައިވަނީ ބިހެވެ.

ޖުލައިމަހު ކްލިއާރކުރެވިފައިވާ މުދާ:

  • 66،000 ޕެކޭޖުގެ ބިސް
  • 49،000 ޕެކޭޖުގެ ފިޔާ
  • 30،000 ޕެކޭޖުގެ ކަރާ
  • 22،000 ޕެކޭޖުގެ އަލުވި
  • 17،000 ޕެކޭޖުގެ ޓޮމާޓޯ
  • 12،000 ޕެކޭޖުގެ އަލަނާސި
  • 11،000 ޕެކޭޖުގެ ކެބެޖް
  • 10،000 ޕެކޭޖުގެ ދޮންކެޔޮ
  • 4،000 ޕެކޭޖުގެ ބަރަބޯ އަދި 3،000 ޕެކޭޖުގެ ފޮނި ކެކުރި ޖެނެރަލް ކާގޯގެ ގޮތުގައި ކްލިއަރކުރެވިފައިވެއެވެ.

އެމްޕީއެލްއިން ދޭ ޚިދުމަތްތައް އަވަސްކުރުމަށްވެސް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން އަވަސްކުރެވިފައިވާކަން އެ ކުންފުނިން ފާހަގަކުރައްވައެވެ.