ޚަބަރު

ކީރިތި ޤުރުއާނުގެ ނޫރުން ދިއްލާލާފައިވާ ޤައުމަކަށްވުމުގެ މިސްރާބަށް


  • ރާއްޖޭގައި އެންމެ ގިނަ ޙާފިޒުން ދަސްވެނިވާނެކަމަށް ބެލެވެނީ މިއަހަރު

  • 1400 އަށްވުރެ ގިނަ ދަރިވަރުންދަނީ ޤުރުއާން ހިތުދަސްކުރަމުން

  • މިވަގުތު ރާއްޖޭގައި 266 ޙާފިޒުން އެބަތިބި

"އަޅުގަނޑުމެންގެ އަމިއްލަ ނަފްސު އިޞްލާޙުކުރަން ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ފަށައިފިއްޔާ، އިސާހިތަކު މުޅި މުޖުތަމަޢުވެސް އިޞްލާޙުވާނެ. އެއީ، ކީރިތި ޤުރްއާނުގައިވެސް އެކަން އަންގަވާފައިވާ ގޮތަކީ. އެއީ، އަޅުގަނޑުމެން ވަރަށް ގިނައިން ބައިތެއް ގޮތުގައިވެސް ކިޔާ ބައިތެއް. ކީރިތި ޤުރްއާނުގައި އައިސްފައި އޮންނަ އާޔަތެއް އެއީ. الرّعد ސޫރަތުގެ 11 ވަނަ އާޔަތުގައި މި އޮންނަނީ. އޭގެ މާނައިގައި، ހަމަކަށަވަރުން ބަޔަކު މީހުންގެ ޙާލަތު، އެ ބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ﷲ ޙާލަތު ބަދަލު ނުކުރައްވާނެތެވެ. އެ ބަޔަކު އަމިއްލައަށް ބަދަލުނުކުރާހާ ހިނދަކު. މިއީ ކީރިތި ޤުރްއާނުގައި އޮތްގޮތް. އެހެންވީމާ، އަޅުގަނޑުމެން ލޯމަރާލައިގެން ހަމަ ބިޒްނަސް އޭޒް ޔޫޝުއަލް އޭ މި ކިޔާހެން ކުރިއަށްދާންވީތޯ، ނޫނީވިއްޔާ އިޚްލާޞްތެރިކަމާ އެކީގައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އިޚްލާޞްތެރިވެ، اللهُ سُبْحَانَهُ وَتَعَالَى އަށް ޙަޤީޤީ މާނައިގައި އަޅުގަނޑުމެން އިޚްލާޞްތެރިވެ، ޙަޤީޤީ މުސްލިމުންގެ ގޮތުގައި ކުރިއަށްދާން ޢަޒުމް ކަނޑައަޅަންވީ ނޫންތޯ؟" ރައީސް ވިދާޅުވިއެވެ.

އުއްމަތުގެ ކާމިޔާބީއާއި، ބަދަހިކަމާއި ގުޅުން ބިނާވެގެންވަނީ އެއުއްމަތާއި އިލާހީ ގުޅުމާއި އޮންނަ ބަދަހިކަމެއްގެ މައްޗަށެވެ. ހަމައެގޮތަށް ޤައުމެއްގެ ކުރިއެރުމާއި ތަނަވަސްކަން ގުޅިގެންދަނި އިލާހީ މަދަދާއިކަން މުސްލިމުންނަށްވީތީ އަހަރުމެން ޤަބޫލުކުރަމެވެ. ކީރިތި ޤުރުއާނަކީ މިގޮތުން ގުޅުން ބަދަހިކުރަންޖެހޭ އިލާހި ވަޙީބަސްފުޅެވެ. ރާއްޖެ އިސްލާމްވީފަހުން އެކި ދުވަސްވަރު އެކި ފަރާތްތަކުން ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ހިތު ދަސްކޮށްފައިވާކަން ދިވެހި ތާރީޚުން އެނގެން އެބައޮތެވެ.

ޒަމާން ބަދަލުވެ ކީރިތި ޤުރުއާން ކިޔަވައިދޭ އެދުރުގެތައް ޤުރުއާންކުލާހަށް ބަދަލުވެ ނިޒާމީގޮތެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުތައް މެދުވެރިކޮށް ކީރިތި ޤުރުއާން ދަސްކުރުމުގެ އެކި މަސައްކަތް އެކި ދުވަސްވަރު ކުރެވިފައިވެއެވެ. ރައީސް މައުމޫނުގެ ދުވަސްވަރުގައިވެސް ކީރިތި ޤުރުއާން ދަސްކުރެއްވި އެކި ބޭފުޅުންނަށް ޢިނާޔަތްދެއްވަފައިވެއެވެ. އެހެންނަމަވެސް ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި މިކަން އޮންނަންޖެހޭ ހިސާބަކީ އެއީކަމަށް ޤަބޫލުނުކުރައްވާ، ކީރިތި ޤުރުއާނަށް މުޖުތަމަޢުގައި ދެވޭ އިސްކަން އިތުރު ޙަރުފަތަކަށް ޖެއްސެވުމުގެ މަސައްކަތް ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

މިވޭތުވެގެންދާ 2 އަހަރުގެ ތެރޭގައި ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަށާއި، ކީރިތި ޤުރުއާން ދަސްކުރުމުގެ ޝައުގު އުފެއްދެވުމަށް އެކި މަސައްކަތް ސަރުކާރުންވަނީ ކުރައްވާފައެވެ. މިގޮތުން ކީރިތި ޤުރުއާން ދަސްކުރާ ޙާފިޒުންގެ ޝަރަފުގައި ފުރަތަމަ ފަހަރަށް ދަސްވެނިވުމުގެ ޙަފްލާއެއް ބާއްވާފައިވަނީ މިއަހަރުގެ މާރިޗުމަހުގައެވެ. ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 24 ފަރާތަކުންވަނީ ސަނަދު ޙާސިލުކުރައްވާފައެވެ. އަދި މި ރަސްމިއްޔާތަށް ޚައްސަކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޙާފިޒުންނަށް ޚާއްސަ ގައުންއެއް ތަޢާރަފްކޮށްފައިވާއިރު، މިގައުންއިން ދިވެހީންގެ ދީނާއި ދިވެހިވަންތަކަމާއި ޢިލްމީ ޙަޟާރަތު ރަމްޒުކޮށްދޭފަދަގޮތަކަށްވަނީ ފަރުމާކޮށްފައެވެ.

މީގެއިތުރުން ކީރިތި ޤުރުއާން ދަސްކޮށްގެން ލިބޭ ސަނަދު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެޑްވާންސް ސެޓްފިކެޓްއެއްގެ ގޮތުގައި ޙާފިޒުކަމުގެ ސަނަދު ބަލައިގަތުމަށް މިހާރުވަނީ ނިންމާފައެވެ. ޙާފިޒުންނަށް މީގެކުރިން ދެމުންދިޔަ ޢިނާޔަތް އެކި ދުވަސްވަރު މަތިން އެކި ސަރުކާރުތަކުގައި ބޮޑުކޮށްފައިވާއިރު އެޢިނާޔަތް ދެގުނައަށް އިތުރުކޮށްދެއްވުމަށް ނިންމަވާ، މިމަހުން ފެށިގެން މިޢިނާޔަތް ބޮޑުކޮށް ޙާފިޒުންނަށް 4000 ރުފިޔާ ޢިނާޔަތުގެ ގޮތުގައި ލިބޭނެއެވެ.

ޤުރުއާން ހިތުދަސްކުރުމަކީ ޝަރަފަކަށް ހެއްދެވުމަށްޓަކައި ކޮންމެ ދަރަޖައެއްގައި ފާސްވި ނަމަވެސް، ޙާފިޡުންނަށް ޤައުމީ އިނާމް ދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މީގެކުރިން ޤައުމީ އިނާމު ލިބެނީ ހަމައެކަނި 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޒުންނަށެވެ. މިއުސޫލު ބަދަލުކުރައްވާ ޤުރުއާން ހިތުދަސްކޮށްފައިވާ 25 ފަރާތަކަށް މިދިޔަ އަހަރުވަނީ ޤައުމީ އިނާމު ދެއްވާފައެވެ.

މިއަންނަ ރަމަޟާންމަހަކީ އެންމެ ގިނަ ޙާފިޒުން ރާއްޖޭގައި ސަނަދު ޙާސިލުކުރާނެ އަހަރުކަމަށް ސަރުކާރުން ވިދާޅުވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއްގައި މިވަގުތު 1434 ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 783 އަންހެނުން އަދި 651 ފިރިހެނުންނެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިވަގުތު ރާއްޖޭގައި 266 ޙާފިޒުން އެބަތިއްބެވެ.

4 ލައްކާ މީހުންގެ އާބާދީއެއްގައި ޤުރުއާން ހިތުދަސް މީހުންގެ ޢަދަދު އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުން ޤައުމުގެ ކުރިމަގު އުޖާލާވެގެންދާނެއެވެ. ޤުރުއާނުގެ ޢިލްމާއި ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢަކީ ސުލްޙަމަސަލަސްކަން ޤާއިމުވެފައިވާ ކުށްމަދު މުޖުތަމަޢަކަށް ހެދޭނެއެވެ.