ތެލަސީމިއާއަކީ މުޅި ޢުމުރު ދުވަހަށް ތަހައްމަލުކުރަންޖެހޭ ބައްޔެކެވެ. މި ބަލި ތަޙައްމަލުކުރާ މީހުންގެ ޢަދަދު، އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖޭގައި ގިނައެވެ. އެގޮތުން މިއަހަރުގެ މެއިމަހާ ހަމައަށް ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން 670 ކުދިންނާއި މީހުން ދަނީ ތެލަސީމިއާގެ ދަފްތަރުގައި ރަޖިސްޓްރީވެ، ޚިދުމަތް ހޯދަމުންނެވެ. އެހެންކަމުން ރާއްޖެއިން ތެލަސީމިއާ ބައްޔަށް ހައްލު ގެނައުމަށް ޤައުމީ ފެންވަރުގައި އަންނަނީ މަސައްކަތްކުރަމުންނެވެ.
ތެލަސީމިއާއަށް އާންމުން ހޭލުންތެރިކުރުވުމާއި، ތެލަސީމިއާ ބަލި މީހުން އިތުވުމަށް ޙައްލު ގެނައުމަށް ސަރުކާރުން ފެށްޓެވި އެންމެ މުހިންމު އެއް މަސައްކަތަކީ ސްކޫލް ކުދިން ތެލެސީމިއާއަށް ސްކްރީންކުރަން ފެށުމެވެ. ޤައުމީ ޚާއްސަ ޕްރޮގުރާމެއްގެ ތެރެއިން ކުރިއަށް ގެންދިޔަ މި މަޝްރޫޢު މެދުވެރިކޮށް 10 ހާހަށްވުރެ ގިނަ ކުދިން މިހާތަނަށް ވަނީ ސްކްރީންކޮށްފައެވެ. ފުރަތަމަ ފަހަރަށް އާސަންދަ މެދުވެރިކޮށް މި ޚިދުމަތްދޭން ފެށީވެސް މި ސަރުކާރުންނެވެ.
ތެލެސީމިއާ ބައްޔަށް ފަރުވާކުރުމަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހަދައިދޭ ކުދިންގެ ޢަދަދުވެސް ސަރުކާރުން ވަނީ އިތުރުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު 14 ކުއްޖަކު ބޯންމެރޯ ހެދިއެވެ. އޭގެ ތެރެއިން 13 ކުއްޖަކު ކާމިޔާބުކަމާއެކު ބޯންމެރޯ ފުރިހަމަކުރިއެވެ.
މީގެ އިތުރުން ތެލެސީމިއާ ކުދިންނަށް ޚިދުމަތް ދިނުމުގައި ދިމާވާ ތަކުލީފުތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރިއެވެ. އަދި ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓްރަ ޕްލޭން 2024-2034 އެކުލަވާލިއެވެ. މީގެ އިތުރުން ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
ތެލެސީމިއާ ބައްޔަށް ހޭލުންތެރިކުރުމަށާއި އެ ބައްޔަށް ފަރުވާއަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާއިރު, އެކަމަށް ޤާނޫނީގޮތުންވެސް ގެންނަންޖެހޭ ބަދަލުތައް އަންނަނީ ގެންނަމުންނެވެ. އެގޮތުން ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ވަނީމުހިންމު އިޞްލާހުތަކެއް ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ.
މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުތަކުގައިވާ ގޮތުން ރާއްޖޭގައި ކައިވެނިކުރަން އެދޭ ދެ ފަރާތުން ކައިވެނިކުރުމުގެ ހުއްދައަށް އެދި ކައިވެނީގެ ރެޖިސްޓްރާއަށް ހުށައަޅާއިރު، ތެލެސީމިއާ ޓެސްޓްގެ ނަތީޖާ ހުށައެޅުން ވަނީ ލާޒިމްކޮށްފައެވެ. މިއާއެކު ތެލެސީމިއާ ޓެސްޓްގެ ނަތީޖާ ހުށައެޅުމަށް ފުރަތަމަ ފަހަރަށް ޤާނޫނުން ބާރުއެޅެއެވެ.
މިހާރުވެސް ކައިވެނީގެ ކުރިން ތެލަސީމިއާއަށް ޓެސްޓުކުރުމަށް ބާރު އަޅާފައިވީނަމަވެސް ހުރިހާ ރަށެއްގައި އެ ޓެސްޓު ނުހެދޭތީ، ބައެއް ރަށްރަށުގައި އަންނަނީ ޓެސްޓުގެ ނަތީޖާއާ ނުލައި ކައިވެނިކޮށްދެމުންނެވެ. ނަމަވެސް އަލަށް ގެނައި އިޞްލާހަށް އަމަލުކުރަން ފެށުމުން، ކޮންމެ މީހަކުވެސް ކައިވެނީގެ ކުރިން ތެލަސީމިއާއަށް ޓެސްޓުކުރުން މަޖުބޫރުވާނެއެވެ.
އައު އިޞްލާހުގައިވާގޮތުން ތެލެސީމިއާ ޓެސްޓްގެ ނަތީޖާއަށް ބަލައި، އެ ދެ ފަރާތަކީ ތެލެސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުންކަމުގައިވާނަމަ، އެފަދަ ކައިވެންޏެއް ކޮށްދިނުމުގެ ކުރިން، ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ޚާއްޞަ ޕްރޮގުރާމެއް ފުރިހަމަކުރުންވެސް ލާޒިމްވެއެވެ. އެހެންކަމުން ތެލެސީމިއާ ކުއްޖެއް ލިބިދާނެކަމަށް ބެލެވޭ ކޮންމެ މީހަކުވެސް މި ޕްރޮގްރާމުގައި ބައިވެރިވާންޖެހޭނެއެވެ.
ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް އައްޔަންކުރާ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ ޝަރުތުތައް މުރާޖަޢާކޮށް، ޝަރުތުތައް އިސްލާހުކޮށް، މަޤާމުގައި މަސްއޫލިއްޔަތުތައްވެސް ތަފްސީލީކޮށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް ހުށައެޅިފައިވާ މި އިސްލާހުތަކާއެކު, ތެލެސީމިއާއަށް ހޭލުންތެރިކަން އުފެއްދި، މި ބަލިން މުޖުތަމަޢު ރައްކާތެރިކުރުމަށް ބާރުއެޅޭނެއެވެ.