ޚަބަރު

އެމްޕަވަރމަންޓް ހަބްގެ މަސައްކަތް ޑިސެމްބަރުގެ ކުރިން ނިންމާލެވޭނެ: އިޖުތިމާޢީ ވުޒާރާ


  • ހަބް ތަރައްޤީކުރާނެ ތަނެއް ވަނީ ކަނޑައަޅާފައި

  • މިހަބުން ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދޭނެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލްކުރަނިވި މާހައުލެއްގައި ތަމްރީން އަދި ހުނަރު ދަސްކޮށްދިނުމަށް ތަރައްޤީކުރާ "އެމްޕަވަރމަންޓް ހަބް"ގެ މަސައްކަތް މިއަންނަ ޑިސެމްބަރު މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި އިޖްތިމާޢީ ވުޒާރާއިން ވަނީ އެމްޕަވަރމަންޓް ހަބް ތަރައްޤީކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަތައް ހިއްސާކުރައްވާފައެވެ.

40-18 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށް ޚިދުމަތް ދިނުމަށް އަމާޒުކޮށްގެން ތަރައްޤީކުރާ އެމްޕަވަރމަންޓް ހަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުމުގެ މަގުސަދުގައި ތަރައްޤީކުރާ ތަނެއް ކަމަށް އިޖްތިމާޢީ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، މިނިވަންކަމާއެކީ އެފަރާތްތަކަށް މާނަހުރިގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވާނެ ފުރުޞަތުތައް ހޯދައިދިނުމަކީވެސް މި ހަބް ތަރައްޤީކުރުމުގެ ބޭނުމެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެމްޕަވަރމަންޓް ހަބް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްވަމުން، އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާޠިފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެ ވުޒާރާއިން ކުރިއަށްގެންދިޔަ ހާލަތު ދެނެގަތުމުގެ އެސެސްމެންޓް ނުވަތަ ފަންގްޝަނަލް އެސެސްމެންޓުންވެސް ސްކޫލް ނިންމުމަށްފަހުވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ހުނަރުތައް ދަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން މީހުންނާއި މުޢާމަލާތްކުރުމުގެ ހުނަރާއި، އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ހުނަރުގެ އިތުރުން، ވަޒީފާގެ މާޙައުލުގައި އެއްތަނެއްގައި އިންދެ މަސައްކަތްކުރުމުގެ ޤާބިލުކަންވެސް ދަސްކުރުވުމަކީ މުހިންމުކަމެއް ކަމަށް ޢާޠިފް ވިދާޅުވިއެވެ. އަދި މި ހަބް ތަރައްޤީކުރަނީ މިފަދަ ހުރިހާ ހުނަރުތަކެއް އެއްތަނަކުން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށާއި، މިހާރު ހަބެއް ތަރައްޤީކުރާނެ ތަނެއް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް އެކުރެވުނު މަސައްކަތުގައި އަޅުގަނޑުމެންނަށް މި ހަބް ގާއިމްކުރުމަށް ވަކި ޖާގައެއް ކަނޑައެޅި، މި މަޝްރޫޢު ފެށުމުގެ މަރުހަލާގެ މަސައްކަތް މިހާރު އަޅުގަނޑުމެން މި ކުރިއަށްދަނީ. ދެން އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް ކުރިއަށްއޮތް ތިން މަސް ނުވަތަ ހަތަރު މަސް ދުވަހުގެ ތެރޭގައި މި ހަބްގެ މަސައްކަތް ނިންމާ މި ތަނުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޚިދުމަތް ދެވިގެންދާނެ ކަމަށް." އިޖްތިމާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާޠިފް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ޢާޠިފް ވިދާޅުވީ، ސްކޫލް މަރުޙަލާ ނިމުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާރުވެރިކުރުވުމަށް އަދިވެސް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. މީގެ ތެރޭގައި އެ ކުދިން މުޖުތަމައަށް ތައްޔާރުކުރުވުމާއި، ވަޒީފާގެ މައިދާނަށް ނެރުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޕަވަރމަންޓް ހަބްގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭ އަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަކެތި މާކެޓްކޮށް ވިއްކުމަށް ޢާންމުންނަށް ހުޅުވާލެވިފައިވާ ފިހާރަ އެއް ހުންނާނެއެވެ.

މީގެ އިތުރުން، ހަބްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަމާއި ގުޅުންހުރި އަދި ހުނަރު ތަރައްޤީ ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަބްގައި 3 ވޯރކްޝޮޕް ޖާގައެއްގެ އިތުރުން، ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީން ދޭ ތަނެއްވެސް ހުންނާނެއެވެ. ހަމަމިއާއެކު، ހަބްގައި އިޖްތިމާޢީ ގުޅުން ބަދަހި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމް އަދި މަލްޓި މީޑިއާ ރޫމެއް ހުންނާނެކަމަށްވެސް އިޖްތިމާޢީ ވުޒާރާއިން ވިދާޅުވެއެވެ.