ޚަބަރު

ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިއްޖެ


  • މިހާރު ކުރިއަށްދަނީ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް

  • މިއީ 66.6 މިލިއަން ރުފިޔާގެ މަޝްރޫޢެއް

  • މިހާރު ކުރިއަށްދަނީ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް

ފ.ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުއޭ ވޯލް އެޅުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަަމަށެވެ. އަދި މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތްކަމަށެވެ. އެއާއެކު މި މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ނިލަންދޫ ބަނަދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ރަށުގެ އިރު އުތުރު ފަރާތުގައި 130 މީޓަރުގެ ބޮޑުހިލައިގެ ނެރުގެ ފައިކަށި ޖެހުމާއި، 131 މީޓަރުގެ ބޮޑު ހިލައިގެ ރިވެންޓްމަންޓް ޖެހުމާއި، 194 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޖެހުން ހިމެނެއެވެ. އަދި 30 މީޓަރު ދިގުމިނުގެ ޓީޖެޓީއެއް ހެދުމާއި، 237 މީޓަރުގެ ކޮންކްރީޓް ކީވޯލަކާއި، 100 މީޓަރުގެ ކޮންކްރީޓް ޖެޓީއަކާއި، ކޮންކްރީޓް ރޭމްޕަކާއި، ގޮނޑުދޮށް ޚިމާޔަތްކުރުމަށް 75 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން 5 މީޓަރުގެ ފުޅާ ޕޭވްމަންޓާއިއެކު ބަނދަރު ބައްތި އަދި އެކްސެލް ޕްލެޓްފޯމެއް ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ފ.ނިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ސަރުކާރުން، މޯލްޑިވްސް ޓްރާނސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މޭއިމަހުގެ ތެރޭގައެވެ. މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރީ،66.6 މިލިއަން ރުފިޔާއަށެވެ.

ބޮޑު އާބާދީއެއް އޮންނަ ފ. ނިލަންދޫއަކީ ކޮންމެ ދުވަހަކުވެސް ގިނަ ޚިދުމަތްތަކެއް ހޯދަން އެތައްބަޔަކު ޒިޔާރަތްކުރާ ރަށެކެވެ. ނިލަންދޫގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރާތްކުރާ ފަަރާތްތަަކަށްވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލަފާ ފުރުމުގެ ދަތިކަމެވެ. އެއާއެކު ސަރުކާރުން ނިލަންދޫ ބަނަދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެއްޓެވީ 2023 ވަނަ އަހަރުތެރޭގައެވެ. ނިލަންދޫ ބަނަދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެތެރެއިން އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.