ފާއިތުވި 15 އަހަރުގެ ތެރޭގައި ޓެކުހުގެ ގޮތުގައި އެންމެ ގިނައިން މީރާއަށް ފައިސާދައްކާފައިވާ ފަރާތްތަށް ދެނެގަނެ، އެ ފަރާރްތަކުގެ އަގު ވަޒަންކުރުމަށް "ރަން ފަނަރަ" އެވޯޑްނަމުގައި ޚާއްސަ އެވޯޑެއް ދީފިއެވެ.
މި އެވޯޑު ދީފައިވަނީ މީރާގެ 15ވަަނަ އަހަރީ ދުވަހުގެ މުނާސަބުތުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ އެހަފްލާގެ ޝަރަފުވެރި މެހެމާން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.
- ބޭންކް އޮފް މޯލްޑިވްސް
- ދިރާގު
- އައި އެންޑް ޓީ މެނޭޖްމަންޓް
- އިތާފުށި އިންވެސްޓްމެންޓް
- ކާސާ ހޯލްޑިންގްސް
- ކުރެއްދޫ ހޯލްޑިންގްސް
- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)
- އުރީދޫ މޯލްޑިވްސް
- ގަތަރު އެއާވޭސް
- ރީތި ރަށް ރިސޯޓް
- ސްޓޭޓް ބޭންކް އޮފް އިންޑިއާ
- އެސްޓީއޯ
- ޓީއެމްއޭ
- ޔުނިވާސަލް އެންޓަޕްރައިސަސް
- ވިލާ ޝިޕިން އެންޑް ޓްރޭޑިން
މީރާއިން ވިދާޅުވީ މިއީ 1 ޖަަނަވަރީ 2011އިން 30 ޖޫން 2025ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި މީރާއަށް އެންމެ ގިނަ އަދަދަކަށް ފައިސާދައްކައިފާވާ ފަރާތްތައް ކަމަށެވެ.
މީރާއިން އަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް ރަންފަނަރަ އެވޯޑް ދިނުމުގައިވެސް ބަލާނެ މިންގަނޑުތަކާއި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި އާންމުކުރިއެެވެ. އަދި މި ފަރާތްތަކުން ދައްކައިފައިވާ ފައިސާގެ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން 15ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ޙަފްލާގައި މީރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، 10 އަހަރުގެ ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނާއި 15 އަހަރު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ޚާއްސަ އެވޯޑް ދީފައިވެއެވެ. އަދި ހަމައެއާއެކު ފާއިތުވި އަހަރުގެ މީރާގެ "ސްޓާފް އޮފް ދަ އިޔަރ" ހޮވައި އެ ފަރާތަށްވެސް އެވޯޑްދީފައިވެއެވެ.