އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނައިރު މާޒިޔާއަށް ގިނަ އެޑުވާންޓޭޖްތަކެއް އެބަހުރިކަމަށާއި، އެހެންނަމަވެސް ނިކުންނާނީ އުނދަގޫ ހާލަތްތަކަށް ވިސްނައިގެން ކަމަށް އަލް އަރަބީގެ ކޯޗު ބުނެފިއެވެ.
މާދަމާ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލް އަރަބީގެ ކޯޗު ބުނީ މިއީ މުހިންމު މެޗެއް ކަމަށާއި، ރާއްޖޭގައި މެޗު ކުޅެން ޖެހޭއިރު އުނދަގޫ ހާލަތްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުގެ ވިނަގަނޑުގެ ކޮންޑިޝަންވެސް ތަފާތު ކަމަށާއި، މީގެ ކުރިން އަރަބީގެ ކުޅުންތެރިން ކުޅެފައިވާ ދަނޑުތަކާއި ވަރަށް ބޮޑަށް ގްރައުންޑް ތަފާތުކަމަށެވެ. އަދި މާޒިޔާއަށް އަމިއްލަ ގައުމުގައި ކުޅެން ޖެހުމުގެ އެޑްވާންޓޭޖާއި މި މެޗަށް މާޒިޔާއިން ދުރާލާ ތައްޔާރުވަމުން އައުމަކީ އެޑްވާންޓޭޖުތަކެއް ކަމަށް ކޯޗު ވިދާޅުވިއެވެ.
އަރަބީ ޓީމުން ވަނީ ޕްރީސީޒަންގެ ގިނަ މެޗުތަކެއް ކުޅެފައި ކަމަށާއި ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅެފައިވާއިރު މިއީ އަރަބީ އަށް އޮތް އެޑްވާންޓޭޖެއް ކަމަށާއި، އެހެންކަމުން މި މެޗުން މާޒިޔާ އަތުން މޮޅުވުމުގެ ފުރުސަތު އެބައޮތް ކަމަށް ކޯޗު ބުންޏެވެ.
އަދި މާޒިޔާއިން ކުޅުނީ މަދު މެޗުތަކެއް ނަމަވެސް، ވާދަވެރި މެޗުތަކެއް ނެތުމުން މާޒިޔާއިން އައީ ހަމައެކަނި މިމެޗަށް ފޯކަސްކޮށްގެން ފަރިތަކުރަމުން ކަމަށް ކޯޗު ފާހަގަ ކުރިއެވެ.
އަދި މާޒިޔާގެ ބޭރު ކުޅުންތެރިންނަކީ އެ ޓީމާއެކު ގިނަ ދުވަސްތަކެއް ވެފައިވާ ކުޅުންތެރިންކަމަށާއި، އަރަބީގެ ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވާތީ އެ ތަފާތުވެސް ދެ ޓީމުން ފެންނާނެ ކަމަށް އަރަބީގެ ކޯޗު ބުންޏެވެ.
އަރަބީގެ ކޯޗު ބުނީ މި ސަބަބުތަކަކީ ބަހަނާއެއް ކަމަށް ނުބަލާނެ ކަމަށާއި، މާޒިޔާ އަތުން މޮޅުވެ ގުރޫޕް ސްޓޭޖަށް ދިއުމަށް ކުރާ އުންމީދު ވަރަށް ބޮޑު ކަމަށް ކޯޗު ބުންޏެވެ.