މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ޖެކް ގްރީލިޝް ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް އެވަޓަން އަށް ދޫކޮށްލައިފި އެވެ.
އެސްޓަން ވިލާ އިން 2021 ވަނަ އަހަރު އިނގިރޭސިވިލާތުގެ ރެކޯޑް ފީ އެއް ކަމުގައިވާ 100 މިލިއަން ޕައުންޑުގެ ފީއަކަށް މެންޗެސްޓަރ ސިޓީ އާއި ގުޅުނު އުމުރުން 29 އަހަރުގެ ގްރީލިޝް އަށް މިދިޔަ ސީޒަނުގެ ފަހުކޮޅު ކޯޗު ގަޑިއޯލާގެ ޓީމުން ވަނީ ފުރުސަތު ނިލިބިފަ އެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ފަހު މެޗުގެ ސްކޮޑުން ގްރީލިޝް ބޭރުކޮށްފައިވާއިރު ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރި ސިޓީގެ ސްކޮޑުންވެސް އޭނާއަށް ފުރުސަތު ދީފައެއް ނުވެއެވެ.
މުސާރައިގެ ގޮތުގައި މެންޗެސްޓަރ ސިޓީ އިން ގްރީލިޝް އަށް ހަފްތާއަކު ތިން ލައްކަ ޕައުންޑް ދޭއިރު އެވަޓަން އާއިއެކު ހެދި ލޯނު އެއްބަސްވުމުގެ ދަށުން އޭނާގެ މުސާރަ ދޭނީ ކޮން ކްލަބަކުން ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ ޖޫން މަހު ގްރީލިޝް ވަނީ އަލުން އައު ފެށުމަކުން ފަށަން ބޭނުންވާކަމަށް ބުނެފަ އެވެ. ނަމަވެސް ޓްރާންސްފަރ ބާޒާރުގައި ސިޓީ އިން އޭނާ ވިއްކާލަން ބޭނުންވާ އަގުގައި ގަންނަން އެއްވެސް ކްލަބަކުން ބޭނުންނުވާތީ އެންމެ ފަހުން ލޯނު އެއްބަސްވުމަކަށް ވަނީ ގޮސްފަ އެވެ.
ކުޅެން ފުރުސަތު ލިބޭ ޓީމަކަށް ދާން ބޭނުންވާކަމަށް ގްރީލީޝް ބުނެފައިވާއިރު އޭނާގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި އިންގްލޭންޑްގެ ޓީމަށް ކުޅުމެވެ. 2024 ވަނަ އަހަރު ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިންގްލެންޑްގެ ޓީމުން ފުރުސަތު ލިބިފައިނުވާތީ އެކަމާ ވަރަށް ބޮޑަށް ދެރަވާކަމަށް ގްރީލިޝް ވަނީ ކުރިން ބުނެފަ އެވެ.