ޚަބަރު

ކާސް އިން މައްސަލަ ނިމުނީ ޕެލަސް އާއި ދެކޮޅަށް


ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ފުރުސަތު ނުދީ ކޮންފަރެންސް ލީގަށް ކްރިސްޓަލް ޕެލަސް ބަދަލު ކުރުމާއި ދެކޮޅަށް އެ ކްލަބުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށައެޅި މައްސަލަ އެ ކްލަބާއި ދެކޮޅަށް ނިންމައިފި އެވެ.

މެންޗެސްޓަރ ސިޓީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުމާއި ގުޅިގެން ޔޫރޮޕާ ލީގުގެ ފުރުސަތު ލިބުނު ކްރިސްޓަލް ޕެލަސް އަތުން އެ ފުރުސަތު ގެއްލިފައިވަނީ ޔޫއެފާގެ މަލްޓި ކްލަބް އޯނާޝިޕަށް ހަދާފައިވާ ގަވާއިދުގެ ދަށުން އެ ގަވާއިދަށް ކްރިސްޓަލް ޕެލަސް ނުފެތޭތީ އެވެ.

ޔޫއެފާގެ ގަވާއިދުގައިވާ ގޮތުން އެއް ކުންފުނިން ހިންގާ ދެ ކްލަބަކަށް ޔޫއެފާގެ އެއް މުބާރާތެއްގައި ވާދަ ނުކުރެވޭނެ އެވެ. މި ގަވާއިދުގެ ދަށުން ޕެލަސް ބޭރުކޮށްފައިވަނީ އެ ކްލަބް ހިންގާ ކުންފުނީގެ އިތުރުން ފްރާންސްގެ ލިއޯން ހިންގާ ކުންފުނީގެވެސް ހިއްސާދާރެއްގެ ގޮތުގައި ޖޯން ޓެކްސްޓާ ހުރުމުންނެވެ. ޓެކްސްޓާ އަކީ ކްރިސްޓަލް ޕެލަސްގެ %43 ހިއްސާ އޮތް ފަރާތެކެވެ.

ނަމަވެސް ޓެކްސްޓާ ވަނީ ދާދި ފަހުން ލިއޯންގެ ބޯޑުން އިސްތިއުފާ ދީފަ އެވެ. އަދި ކުރިންވެސް އޭނާ ބުނެފައިވަނީ ޕެލަސްގައި އޭނާގެ ހިއްސާ އޮތް ނަމަވެސް އޭނާ އަކީ އެއްވެސް ކަމެއް ނިންމުމުގެ ބާރެއް އޮތް މީހެއް ނޫން ކަމަށެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން މީގެ ކުރިން ލިއޯން ރެލިގޭޓް ކުރަން ނިންމި ނަމަވެސް އެ މައްސަލަ އެޕީލްކުރުމުން ލިއޯން އާއި އެއްކޮޅަށް ނިމިފައިވާތީ ލިއޯން ކުރިއަށް އޮތް ސީޒަނުގައިވެސް ފްރެންޗް ލީގު ވަންގައި ވާދަކުރާނެ އެވެ.

މިދިޔަ މާޗް މަހުގެ ފުރަތަމަ ދުވަހާއި ހަމައަށް އެ ކްލަބުގެ ހިއްސާ ދާރުންގެ ތެރޭގައި ދެ ކްލަބެއްގައި އުޅޭ ފަރާތެއް ނެތް ކަން ސާބިތުކޮށްދިނުމަށް ޔޫއެފާ އިން ވަނީ ކްރިސްޓަލް ޕެލަސް އަށް ފުރުސަތު ދީފަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ކްލަބަށް އެކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ.

ކާސްއިން މި ގޮތަށް ނިންމާފައިވަނީ ޕެނަލްޓީ ޖަހައިގެން 3-2 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ކްރިސްޓަލް ޕެލަސް އިން ކާމިޔާބު ކުރިތާ އެއް ދުވަސް ފަހުންނެވެ.

ކާސްގެ މި ނިންމުމާއިއެކު ޔޫރޮޕާ ލީގުގެ ފުރުސަތު ލިބިގެންދާނީ ޕްރިމިއާ ލީގުގެ ހަތްވަނައިގައި މިދިޔަ ސީޒަން ނިންމާލި ނޮޓިންހަމް ފޮރެސްޓް އަށެވެ. އަދި ކްރިސްޓަލް ޕެލަސް އަށް ކޮންފަރެންސް ލީގުގެ ފުރުސަތު ދީފައިވާއިރު ޕްލޭއޮފްގައި އެ ޓީމު ނިކުންނާނީ ނޯވޭގެ ފްރެޑްރިކްސްޓެޑް ނުވަތަ ޑެންމާކްގެ މިޖިލެންޑް އާއި ދެކޮޅަށް މި މަހުގެ ފަހުކޮޅުގަ އެވެ.