މުނިފޫހިފިލުވުން

ޕީއެސްއެމް ޢީދު އުފާ 1437 - ތަފާތު އައިޓަމްތަކެއް ފެންނާނެ


ފަހުގެ ތާރީޚަށް ބަލާއިރު ދައުލަތުގެ މީޑިއާއިން އަންނަނީ ކޮންމެ އަހަރެއްގެ އަޟްޙާ ޢީދު ރާއްޖޭގެ ކޮންމެވެސް ރަށެއްގައި ފާހަގަކޮށް، ދިވެހި މުޖުތަމަޢުގެ އެކުވެރިކަން ބަދަހިކޮށް، ދިވެހިންގެ ކިބައިގައި ޒަމާނުއްސުރެ ހުރި ރީތި ދިވެހި އާދަކާދައާއި ޘަޤާފަތު ދިރުވައި އާލާކުރަމުންނެވެ. މިކަމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ. މިގޮތުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޕަބްލިކް ސަރވިސް މީޑިއާއިން ނިންމާފައިވާ ރަށަކީ ލ. ފޮނަދޫއެވެ.

img:http://s1.psmnews.mv/images/660x400/14705895089251.jpg|ޕީއެސްއެމް ޢީދު އުފާ 1437 ފާހަގަކުރުމަށް ތައްޔާރުވަނީ- ފޮޓޯ: ޕީއެސްއެމް

އަޟްޙާ ޢީދަށް ގާތްގަނޑަކަށް މަހަކަށްވެފައިވާއިރު މުޅި ލ. އަތޮޅު ދަނީ މިކަމަށް އަތް ކުރިއޮޅާލައި އަވަދިނެތި ތައްޔާރީތައް ވަމުންނެވެ. ތަފާތު ކުޅިވަރުގެ ޙަރަކާތްތަކާއި ޘަޤާފީ ޙަރަކާތްތައް ރާވައި، ފަރިތަކުރަމުންދާއިރު މި ޢީދު ވެގެންދާނީ މިހާތަނަށް ފާހަގަކުރާ އެންމެ ފުރިހަމަ ޢީދަށްކަމަށް، މިފަހަރު ޕީއެސްއެމް ޢީދު އުފާ 1437 ފާހަގަކުރާ ލ. ފޮނަދޫ ކައުންސިލުން ވިދާޅުވެއެވެ. 

ކައުންސިލުންވެސް ދަނީ މި ޢީދު ކާމިޔާބު އަދި ތަފާތު ޢީދަކަށް ހެއްދެވުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކޮމިޓީތައް އެކުލަވާލެއްވުމާއި ކުޅިވަރުގެ ޙަރަކާތްތައް ރޭއްވެވުމާއި، އަދި ޢީދާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ކުރައްވައި ގާތުން ބައްލަވަމުންނެވެ. ޢީދުގެ ކުޅިވަރުތަކާއި ސްޓޭޖް އައިޓަމްތައް ފޮނަދޫގެ ތިން އަވަށުން ދަނީ ވަރަށް ވާދަވެރިކަމާއެކު ތައްޔާރުވަމުންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އަވަށުތަކުގެ ކޯޑިނޭޓަރުން ބުނީ މިފަހަރު ޢީދުގައި ގިނަ ޙަރަކާތްތައް ފެނިގެންދާއިރު ތަފާތުތަކެއް ފެނިގެންދާނެކަމަށެވެ.

" މިފަހަރު ފެނިގެންދާނެ ގާތްގަޑަކަށް 15 ވަރަކަށް އައިޓަމް. އޭގެ ތެރޭގައި ހިމެނޭނެ ދަނޑިޖެހުމާއި ބަނޑިޔަލާއި މާފަތި އަދި އެހުރިހާއެއްޗެއް ފެނިގެންދާނެ އެއްލަވައިން މިކްސްކޮށްވެސް " ކުރިގަމު އަވަށުގެ ފަރާތުން މަރިޔަމް މައިމޫނާ ބުންޏެވެ. 

img:http://s3.psmnews.mv/images/660x400/14705894881013.jpg|ޕީއެސްއެމް ޢީދު އުފާ 1437 ފާހަގަކުރުމަށް ތައްޔާރުވަނީ- ފޮޓޯ: ޕީއެސްއެމް

މެދު އަވަށުން ބުނީ ސަގާފީ އައިޓަމްތަކާއި ޑާންސްތައް ފެނިގެންދާނޭކަމަށެވެ. 

" ޑާންސްތައްވެސް އަންހެންކުދިންގެ ސްޓޭޖްމަތިން. ދެން ބޮޑަށް ސްޓޭޖްމަތީ އައިޓަމްތަކަށް ތައްޔާރުމިވަނީ ބޮޑަށް. ފިރިހެންކުދިންގެ އިންނާނެ ސަގާފީ ކުޅިވަރު ލަގިރި އެއްޗެހި ތައްޔާރު މިވަނީ. 15 ވަރަކަށް ދުވަސްވެދާނެ މިހާރު ތައްޔާރުވަމުންދާތާ " މެދުއަވަށުގެ މަރިޔަމް ޝަޒްލާ ބުންޏެވެ.

ބަރާސީލު އަވަށުންވެސް ދަނީ ކަންތައްތަކެއް ރާއްވަވަމުންނެވެ. " ބޮޑަށް ސަގާފީ ކުޅިވަރުތައް އަޅުގަނޑުމެން މި ޕުރެކްޓިސް ކުރަނީ ލަގިރިކަހަލައެއްޗެހި. ދެން އަންހެންވެރިންނާ އެކު ބައްދަލުވުމެއް ބާއްވާފައި އިތުރު ކަންތައްތައް ރާވަމުން މިދަނީ. ތަފާތު ހަރަކާތްތައް ފެނިގެންދާނެ" ބަރާސީލު އަވަށުން އަހުމަދު ރަޝީދު ބުންޏެވެ. 

img:http://s1.psmnews.mv/images/660x400/14705895339298.jpg|ޕީއެސްއެމް ޢީދު އުފާ 1437 ފާހަގަކުރުމަށް ތައްޔާރުވަނީ- ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ނާއިބް ރައީސް މޫސާ ޢަބްދުﷲ ވިދާޅުވީ ފަހުގެ ތައްޔާރީތައް ރަށުގެ މުއައްސަސާތަކާ ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާކަމަށާއި، ޢީދު ކުޅިވަރުތައް ބާއްވަވާ ސަރަޙައްދު ކަނޑައަޅުއްވައި އެސަރަޙައްދު ތައްޔާރުކުރެއްވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމުގައެވެ.

"ޢީދުގެ ކުޅިވަރުތަކަށް މި އަތޮޅުގެ ހުރިހާ ރަށަކަށްވެސް ވާނީ ދަޢުވަތު ފޮނުވާފައި. ދެން ބައެއް ރައްރަށުން އެބަހުރި ބައިވެރިވާނެކަމުގެ އިޝާރާތެއްވެސް ކުރައްވާފައި. ދެން އެރަށްތަކާ މިދަނީ ވާހަކަދައްކަމުން ކޮންކޮން ކުޅިވަރުތަކެއްތޯ ހުށަހަޅައިދޭނީ އެގޮތަށް މަސައްކަތްކުރަމުން މިދަނީ." ފޮނަދޫ ކައުންސިލް ނައިބް ރައިސް މޫސާ ޢަބަދުﷲ ވިދާޅުވިއެވެ. 

ފޮނަދޫގައި މިފަހަރު އަޟްޙާ ޢީދު ޕީއެސްއެމުން ފާހަގަކުރުމަށް ނިންމާފައިވަނީ، މިކަމަށް ކުރިމަތިލި 5 ރަށުގެ ތެރެއިން އެންމެ މަތިން އެރަށަށް މާކްސް ލިބުމުންނެވެ.