ބ. ގޮއިދޫއަށް ވެފައިވާ 12 ވަޢުދުވެސް ރައްޔިތުން އެދޭގޮތަށް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ގޮއިދޫގެ ތަރައްޤީއަށް ވަޢުދުތަކެއް ވެފައިވާކަމަށާއި، އެކަމުގެ އަމަލީ މަސައްކަތް ފެށިފައިވާކަމަށެވެ.
ގޮއިދޫއަށް ޖުމްލަ 12 ވަޢުދެއްވެފައިވާކަަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ ހުރިހާ ކަމެއް ފުރިހަމަކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އޭގެތެރެއިން ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބައެއް ވަޢުދުތައް ވަނީ ފުރިހަމަކޮށްފައެވެ. އެއީ އޭޓީއެމް ޤާއިމްކުރުމާއި، ސީޕްލޭން އޮޕަރޭޝަންގެ ޚިދުމަތެވެ.
ރައީސްގެ ވާހަކަފުޅުގައި ގޮއިދޫގެ ބަނދަރު ބޮޑުކުރުމަކީ އެމަނިކުފާނުގެ އެއް ވަޢުދުކަމަށާއި، އެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މަހެއްހާ ދުވަހުގެތެރޭގައި ޓެންޑަރިން ނިންމައި މިއަހަރު އަމަލީ މަސައްކަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަޝްރޫޢާއެކު ރަށް ގިރުމުގެ މައްސަލަ ހައްލުކުރުންވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސްކޫލަށް ޖާގަ އިތުރުކުރުމަށް ވެފައިވާ ވަޢުދުގައި، ކުރިން ފެށިފައިވާ މަސައްކަތް ނިންމުމާއި، ސްކޫލަށް އަލަށް ހޯލެއް އިތުރުކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފެށިފައިވާ މަޝްރޫޢު ނިންމުމަށް ފެނަކައާއި ހަވާލުކޮށްފައިވާކަަމަށާއި، އެ މަސައްކަތްވެސް އަވަހަށް ނިމޭނެކަމަށެވެ. އެއީ ސްކޫލަށް ސްޓާފްރޫމް އިތުރުކުރުމުގެ މަޝްރޫޢެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ސްކޫލު ހޯލް ތަރައްޤީކުރުން ކުރިއަށް ގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އިންޖީނުގެގޭ ފެންވަރު ރަނގަޅުކުރުމަށްވެސް ވަޢުދުވެފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ކަރަންޓާ ގުޅިފައިވާ މުޅި މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަށާޖެހޭ މަޝްރޫޢެއް މިއަހަރު ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.
"ހެލްތު ސެންޓަރާ ބެހޭ ވަޢުދުގައި މިހާރު ކުރިއަށްދަނީ އެ މަސައްކަޔް ބަޔަކާ ހަވާލުކުރުން. ވަރަށް ފުރިހަމަ ސިއްޙީ މަރުކަޒެއް އޭޅޭނެ. މިއަހަރު މުވައްޒަފުން އިތުރުކުރުންވެސް ކުރިއަށްދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުޅިވަރާ ބެހޭ ވައުދުގައި ފުޓުބޯޅަ ދަނޑެއް އެޅުން ހިމެނޭކަމަށާއި، އިޢުލާންކުރުމަށް މިހާރު ތައްޔާރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ގޮއިދޫގައި އަވަހަށް ފެށޭނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ. އެއީ މިއަހަރު އެ މަސައްކަތް ކުރިއަށްގެންދާވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ގޮއިދޫގެ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށްވެސް ވަޢުދުވެފައިވާކަމަށާއި، އެ މަސައްކަތް ތަރައްޤީކުރުމަށް މިއަހަރު ބަޔަކާ ހަވާލުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އީކޯ ޓޫރިޒަމްގެ މަސައްކަތްވެސް މިއަހަރު ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
ގޮއިދޫގައި ގޯތި ދިނުމުގައި ހުރި ދަތިތައް ހައްލުކޮށް، ލޭންޑު ޔޫސް ޕްލޭންގައި ގޯތި ދެވޭނެ އެންމެ ގިނަ ޢަދަދަކަށް ދިނުމަށް ސަރުކާރުން މިހާރު ހުއްދަ ދީފައިވާކަމަށާއި، މިވަގުތަށް ގޯތި ބޭނުންވާ ހުރިހާ އެންމެންނަށް ގޯތި ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރަށް ބޭނުންވާނަމަ ލޭންޑު ޔޫސްޕްލޭނަށް ބަދަލުގެނައުމުން އެކަންވެސް ކުރެވޭނެކަމަށް ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާއެކުކަމަށާއި، މަސައްކަތްތައް ކުރިއަށްދާނީ ރައްޔިތުންގެ އަޑު އަހައިގެންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.