ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން "ނޫކަށި ފެސްޓިވަލް"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ބޭއްވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
އެވުޒާރާއިން ވިދާޅުވީ މި ފެސްޓިވަލް ކުރިއަށްދާނީ މިމަހު 27 އިން 30 އަށް އާޓިފިޝަލް ބީޗުގައިކަމަށެވެ.
ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ޒުވާނުންގެ އެކި އުފެއްދުންތައް ދައްކައިދޭ އެކި ސްޓޯލްތައް ހިމެނޭއިރު އޭގެ ތެރޭގައި ޒުވާން ވިޔަފާރިވެރިންގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކާއި އަމިއްލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ ސްޓޯލުތައް ހިމެނޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެއިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ބައެއް ސްޓޯލްތައް ވެސް މި ފެސްޓިވަލުން ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ހަވީރު، ކުޑަކުދިންނަށް ޚާއްސަ ގިނަ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، ރޭގަނޑު އާޓިސްޓުންގެ ލައިވް މިއުޒިކް ޝޯ ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.